މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި

ބޮޑެތި ބަދަލުތަކަކާއެކީ މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. މި ޖަލްސާގައި ކައުންސިލްގެ އާ ލޯގޯ، ދިދަ އަދި އާ ޔުނިފޯމެއް ވަނީ ތައާރަފު ކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށެވެ. ސިޓީ ކައުންސިލުން ބުނީ ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭނެ ކަމަށެވެ. އަދި ދެފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ ކަމަށެވެ.

އާ ލޯގޯގެ މެދުގައި ބޭނުންކޮށްފައި ވަނީ މާލޭގަ ހަތަރު އަވަށުގެ ކުލަތަކެވެ. އަދި ދެ ފަރާތުގައި ވިލިމާލެ އަދި ހުޅުމާލެ ރަމްޒު ކޮށްދޭ ކުލަތަކެވެ. މި ކުލަތައް އެކުލަވައިލަން ބޭނުންކޮށްފައި ވަނީ އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ދުވާ ރޮނގެެއް ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ

މި ރޮނގުގެ އެމުނުންތަކުން މުޅި ސިޓީގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި އާ ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމުގައި ބަލައިގެނެވެ. ކައުންސިލްގެ ތަސައްވުރަކީ ކައުންސިލްގެ ހުރިހާ ޕްލެޓްފޯމެއްގައި މާލެ ސިޓީގެ ހަ އަވަށް ރަމްޒުކޮށްދޭނެ ނިޝާނެއް ފަރުމާ ކުރުން ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ މި ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ފޮތް ވެސް ވަނީ ރޭގެ ޖަލްސާގައި ވަނީ ނެރެފަ އެވެ.

ކައުންސިލްގެ ލޯގޯގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައި ވަނީ ހުކުރު މިސްކިތުގެ މުންނާރެވެ.