ޑރ. އިބްރާހިމް ހަސަން

ޒަމާނީ ބަދަލުތަކަށް ޓީޗަރުން އަހުލުވެރިވުމަށް އިލްތިމާސް ކުރައްވައިފި

Nov 27, 2021
1

ޓީޗަރުން، ޒަމާނީ ބަދަލުތަކާއި ޓެކްނޮލޮޖީ އަށް އަހުލުވެރި ނުވާނަމަ ޓީޗަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކޮންމެ ޓީޗަރަކު ވެސް އެ ބޭފުޅަކު ކިޔަވައިދެއްވާ މާއްދާ އަކާ ގުޅުންހުރި ކަންކަމުގައި ގައުމުތަކުން ހޯދައި ކުރިއެރުންތަކާއި ކާމިޔާބީ ތަކުގެ މައުލޫމާތު ހޯދައި ބަލަންޖެހޭނެ ކަމަށެވެ. މައުލޫމާތު ހޯދައި އަމިއްލަ ނަފްސު ތަރައްގީ ނުކުރެވޭނަމަ ކިޔަވައިދނުމުގައި ދަރިވަރުންނަށް އެންމެ ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިޒަމާނަކީ ކިޔަވައި ދިނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ޒަމާނެއް. ކުރީގައި ހަމައެކަނި ޓެކްޓްސް ފޮތްތަކުން ބަލައިގެން ކިޔަވައި ދިނަސް މިހާރު އެކަން ބަދަލުވާންޖެހޭ. މިއީ ޓެކްނޮލޮޖީ ޒަމާނަށް ވާތީ އެންމެ ފަހުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށް ދީގެން ނޫން ގޮތަކަށް ކިޔެވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދެވޭނެ،" ޑރ. އިބްރާހީމް ހަސަން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ކިޔަވައިދިނުމަކީ މީގެކުރިއާ އަޅާބަލާއިރު ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންކަމުން ކޮންމެ ޓީޗަރަކު ވެސް ކިޔަވައިދިނުމުގެ މަސައްކަތުގައި ޝައުގުވެރިކަމާ އެކު ބައިވެރިވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އެހެން ނޫނީ ޓީޗަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑެތި އުދަގޫތައް ކުރިމަތިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޓީޗަރުން ކުރައްވާ މަސައްކަތަށް ތައުރީފް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ. ޓީޗަރުންގެ މަސައްކަތަކީ އަގު އަދާކުރެވޭނެ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި 2019 ވަނަ އަހަރު އެ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މުހައްމަދު ނާހިލް އަހްމަދާއި ފާތިމަތު ޔުމްނާ އާތިފަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދޭ ޝަރަފްވެރި އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.