ބޮލީވުޑް

"ތަޅަޕް" ސުނިލް ޝެޓީއަށް ވަރަށް ހާއްސަ

"ތަޅަޕް"ގެ ޑައިރެކްޓަރު މިލަން ލުތާރިއާ ބުނި ގޮތުގައި އެ ފިލްމުގެ ޝޫޓިން ފެށި ދުވަހު ސުނިލް ޝެޓީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ރުޔެވެ. ސުނިލް އަށް ރޮވުނު އެއް ސަބަބަކީ އެ ފިލްމަކީ އޭނާގެ ފިރިހެން ދަރިފުޅު އާހާން ޝެޓީގެ ބޮލީވުޑް ދަތުރުގެ ފެށުން ކަމަށް ވާތީ އެވެ. އަދި އެ ފިލްމުގެ ޝޫޓިންގާއި ސުނިލް އާ ގުޅިފައިވާ ވަރަށް ހާއްސަ އެހެން ކަމެއް ވެސް އޮތީމަ އެވެ.

"ތަޅަޕް"ގެ ފުރަތަމަ ދުވަހުގެ ޝޫޓިންގް އޮތީ ސުނިލްގެ ބައްޕަ މުމްބާއިއަށް ގޮސް ވެއިޓަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތްކުރަން ފެށި ކުޑަކުޑަ ކެންޓީނު ހުރި ތަނުގައި ހަދާފައިވާ ސެޓެއްގައި ކަމަށް ވުމެވެ. އެއީ މުމްބާއިގެ ދެކުނުގައިވާ ސެންޓްރަލް ޕްލާޒާ އެވެ. އެހެންވެ އެތަނަށް އާދެވުމުން ސުނިލް އަށް ބައްޕަގެ ހަނދާންތައް އާވެ ރޮވުނީ އެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި އެ ފިލްމުގައި އާހާން ކުޅޭ ކެރެކްޓާ އަކީ މަސޫރީގައި ސިނަމާއެއް ހިންގާ މީހެކެވެ. އެހެންވެ އެފަދަ ތަނެއް މުމްބައިގައި ހެދީ އެވެ.

"ތަޅަޕް" ޓްރެއިލާ

"ފުރަތަމަ ދުވަހު އަހަރުމެން ޝޫޓިން ފެށިތަނާ ސުނިލް އާއި އޭނާގެ އަންހެނުން އެތަނަށް އައި. ދަރިފުޅުގެ ފުރަތަމަ ދުވަސް ވީމަ އޭނާއަށް ހިތްވަރު ދިނުމަށް. އަދި އެއީ ބައްޕަ އެންމެ ކުރިން މަސައްކަތްކުރި ކެންޓީނު ހުރި ތަންކަން އެނގުމުން ސުނިލް އަށް ވަރަށް އަސަރުކުރި،" ޑައިރެކްޓަރު ބުންޏެވެ.

"ތަޅަޕް" އަކީ ތެލުގޫ ރޮމެންޓިކް-އެކްޝަން ޑްރާމާ "އާރްއެކްސް 100" ގެ ރިމޭކެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ސާޖިދު ނަދިއަދްވާލާ އެވެ.

އާހާން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި މި ފިލްމު އޭނާއަށް ލިބުނީ ސުނިލް ޝެޓީގެ ދަރިއަކަށް ވެގެނެއް ނޫނެވެ. އޭނާގެ ގާބިލިއްޔަތަކަށް ބަލާފަ އެވެ.

"ފިލްމު ކުޅެން ބޭނުންވާތީ އެކަމުގެ ތަމްރީނުތައް އަހަރެން ހަދަމުންދާތާ އެތައް އަހަރެއް ވެއްޖެ. އަހަރެން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ބައްދަލުކުރަން ވަރަށް ގިނަގިނައިން އެމީހުންގެ އޮފީސްތަކަށް ގޮސް ހެދިން. ބައްޕަގެ އެކުވެރިންނަށް ވިޔަސް އަހަރެންގެ އެކްޓްކުރުމުގެ ގާބިލްކަން ނެތްނަމަ އެމީހުން އަހަންނަށް ފިލްމު ނުދޭނެކަން އޭރު ވެސް ޔަގީން ވޭ. ސާޖިދު ސާ (ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ) އަށް އަހަރެންގެ އެކްޝަން އަދި ޑާންސް ވިޑިއޯތަކެއް ފެނިގެން އަހަރެންނަށް ފިލްމެއް ހުށަހެޅީ. އެއްވެސް ހާލެއްގައި ސުނިލް ޝެޓީގެ ދަރިއަކަށް ވީތީއެއް ނޫން ފިލްމު ލިބުނީކީ،" އާހާން ބުންޏެވެ.

ތާރާ ސުތާރިއާ ބަތަލާގެ ބައިކުޅޭ "ތަޅަޕް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.