ވާހަކަ

ހިތް ރުއްސާނުތޯ

ފުޅާ މަގުގެ ހުޅަނގުން އިރަށް ހިނގާފައި އައި އަންހެން މީހާ ހުއްޓުނީ އަޝަރީވިލާގެ ދޮރޯށި ކުރިމަތީއެވެ. އެ ހިސާބުގައި މައްޗަށް ނުނަގާ ހުރި ހަމައެކަނި ގެއަކީ އެ ގެއެވެ. ވަށާފާރުގައި މަޑު ނޫކުލައެއްލާފައި ދޮރޯށީގައި އެއަށްވުރެ ގަދަ ނޫކުލައިގެ ދަވާދުލާފައި ހުރިއިރު ކުލަލާފައިވަނީ ވަރަށްފަހުންކަން އެނގޭހާވެއެވެ. އަބަދުވެސް ތަޅުލާފައި ހުންނަ ދޮރޯށީގަ ހަރުކޮށްފައިވާ ސުވިޗަށް އޭނާ އޮބާލީ އެގެއަށް އައިސް އުޅެތީ ކަންކުރަންވީ ކިހިނެއްކަން އާދަވެފައިވާ މީހަކު ފަދައިންނެވެ.

"ހަސީނާ!... ހާދަ ހެނދުނަކާ!..." ހުޅުވުނު ދޮރޯށިން ބޯދިއްކޮށްލި އަންހެނާ ވާހަކަދެއްކީ ލިބުނު ހައިރާންކަމާއެކުއެވެ. އޭނާގެ ދެ ލޯ ފިޔަވާ މުޅި މީހާ ހުރީ ނިވާވެގެންނެވެ. ދޮރުމަތީ ހުރި ހަސީނާގެ މޫނުން ފާޅުވީ ހިނިތުންވުމެކެވެ.

"މި ދޭންވެގެން." ހަސީނާ ދައްކާލީ އަތުގައި އޮތް ކޮތަޅެވެ.

ދޮރޯށި ހުޅުވާލައި ހަސީނާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ދެ އަންހެނުން އެކުގައި އައިސް ވަނީ ދޮރޯށްޓާއި ހަތަރުވަރަކަށް ފިޔަވަޅު ދޫކޮށް ވަދެވެން ހުރި ސިޓިންރޫމަށެވެ. ހަސީނާއާއެކު ހުރި އަންހެން މީހާ ހިނގުމުގައި ކޮރުކަމެއް ހުއްޓެވެ. ގޭތެރެއަށް ވަދެވޭއިރަށް އޭނާ ވާހަކަދެއްކިއެވެ. އެހާ ހެނދުނާ ހަސީނާ އައީމަ ދެން ދާންވާނީ އެގެއިން ހެނދުނުގެ ނާސްތާކޮށްގެންކަން ބުންޏެވެ.

"ސުމައްޔާ އެކަނިތަ!. ހޫރް ކޮބާ!." ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލައި އިށީންނަމުން ހަސީނާ އަހާލިއެވެ. އޭރު ސުމައްޔާ އަޅާފައި ހުރި މޫނުފޮތިކޮޅު ނަގައި ކާމޭޒު ގޮނޑިއެއްގައި އަޅުވާލައި ބަދިގެއަށް ވަނެވެ.

"އޭގެ ދެމައިން ކޮޓަރިން ނުކުންނަ ގަޑި އަދި ނުޖެހެނީ." ހޫނުފެން ކައްކާ ޖަގަށް ފެންއަޅަމުން ސުމައްޔާ ބުންޏެވެ.

"މިއަދު ސްކޫލްތައް ހުޅުވެއެއްނު. ޔޫކަށް ގެނައި އެއްޗެއްމީ. އިއްޔެ ގެއަށް ދަނިކޮށް ފިހާރައިން ފެންނައިރަށް ހިތަށް އެރީ އެ ސޮރުމަތިން. ނުގަނެ ކެތެއްނުވި." ހަސީނާ ގެނައި ކޮތަޅުގެ ތެރެއިން ނެގީ ކުޑަކުޑަ ދަބަހެކެވެ.

"އާޗާ... ވަރަށް ކަމުދާނެ. އެބައުޅޭ ހޭލާ... ގޮވަންތަ." ސުމައްޔާ އައިސް ހަސީނާގެ އަތުގައި އޮތް ދަބަސް ނަގައި ބަލަން ފެށިއެވެ. ދޭތެރެއަކުން އެގޮތަށް ހަދިޔާ ގެނައުމަކީ ހަސީނާގެ އާދައެކެވެ.

"މިގަޑީ އެ ދަރިއަށް ގޮވާނެކަމެއްނެތް... ސުމައްޔާ، މިއަދު ސްކޫލުދޮށަށް ދަނީ އެމަންޖެތަ؟... އެ މަންޖެ ރަނގަޅުތަ؟. އަހަންނަށް ނާދެވޭތާ ދެހަފްތާ މިވީ. ސުމައްޔާ ނުގުޅާނެކަން އެނގޭ. މިވަރު ވެސް މިވަނީ އަހަރެން ހާލުބަލަން އަންނާތީ. މިހާރު ބުނެފިން ކަމަކުކިޔަން އަހަންނަކީ ދުރުމީހެއްނޫނޭ. އަހަރެން ކައިރީ ބުނަން ލަދުގަންނާކަށް ނުޖެހޭނޭ." ހަސީނާގެ މޫނުން ހިސާބެއްގެ މޮޅިވެރިކަން ފާޅުވެލިއެވެ.

"އަލްހަމްދުއްލިﷲ! ކުރިއަށްވުރެ ރަނގަޅު... ކަމަކުކިޔަން ޖެހުނީމަ ކިޔާނަމޭ. ނުގުޅުން އެއީ އަހަރެންގެ މައްސަލައެއްކަން ގަބޫލުކުރަން. އެކަމާ މަޢާފުކުރޭ. ހަސީނާއަށް އެނގޭނެ އަހަންނަކީ ފޯނު ގެންގުޅެން އާދަވެފަ ހުރި މީހެއްނޫންކަން. އަހަންނަށް އެއާ ކުޅޭން ވެސް ރަނގަޅަށް ނޭނގޭ. ކޮބާ ހަމްދޫނު އައީ ދޯ...މިފަހަރު އެއައީ އެކީ ނިމިގެންތަ؟."

ސައިތަށްޓާއެކު ސުފުރާމައްޗަށް ހެނދުނުގެ ނާސްތާއަށް ހުރި އެއްޗެއް ގެނެސް ސުމައްޔާ އަތުރާލައިފިއެވެ. ޒަމާންވީ ގާތް ރަޙުމަތްތެރިޔާއާއެކު އޭނާ ވެސް ސައިގަ ބައިވެރިވިއެވެ. މިހާރު އޭނާގެ ހާލު ބަލައި އުޅޭ ހަމައެކަނި މީހަކީ ހަސީނާއެވެ. ސުމައްޔާގެ ދިރިއުޅުމުގެ ހާލަތާއި ހުރިހާ ސިއްރުތަކެއް އެނގޭ މީހަކަށް ހުރީ ވެސް އޭނާއެވެ. ދެގޮތެއްނުވި ހިތްހެޔޮ އެކުވެރިއެކެވެ.

"ނިމިގެން އެއައީ. މިއަދު އޭނާ ވެސް އެނބުރި ޑިއުޓީއަށް ނުކުންނާނެ. އެ ސޮރު އައީމަ އަހަންނަށްވުރެ ހާމިދުގެ އުފާވެރިކަން ދެގުނަވެއްޖެ. ގޭތެރޭގެ އަޑު ވެސް ގަދަވެއްޖެ. ރޫހީއާ ވާދަކިޔުން ނޫންކަމެއް ހަމްދޫނު ނުކުރޭ. ހާމިދު ވެސް ހީވާނީ ކުޑަކުއްޖެއްހެން އެ ދެބެންގެ ކައިރީ." ހިނިއައިސްފަ އިނދެ ދެފަރާތަށް ހަސީނާ ބޯހޫރާލިއެވެ. ސުމައްޔާ ހިނިއައިސްފަ އިންއިރު އެކުވެރިޔާގެ ނަސީބާމެދު އޭނާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ.

"ސުމައްޔާ... ހޫރް ދޯ... ފަސް އަހަރު ފާއިތުވީ. އަދިވެސް އެ ކަންތައްގަނޑު މަތިން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ މޭގަނޑު ފުނޑުފުނޑުވާހާވޭ. އެމަންޖެ ހާދަ ހިތްވަރުގަދައޭ... އެކަހަލަ ކަންކަމުގާ އެހީވާން ތިބޭ ޑަކްޓަރަކަށް ދައްކަން ހިޔާލެއް ނުކުރަންތަ. އަނެއްކާވެސް ހިނގާބަލަ ފޮނުވަން އެމަންޖެ. އެފަދަ އެހީތެރިކަމާއެކު އަވަސްވާނެ އަލުން އެނބުރި އަންނަން." ނާސްތާ ކުރަމުންދިޔަ ހަސީނާއަށް ބުނެވުނެވެ.

"ހޫރް ބޭނުމެއްނޫން. މިހާރު އޭނާގެ ހުރިހާ ވެސް ހިތްވަރަކީ އެ ދަރިފުޅު. ހަސީނާއަށް އެނގޭނެ އަހަރެން ކަންބޮޑުވީވަރު. އެކަމަކު މަޖުބޫރުކުރާނެހާ ހިތްވަރެއް އަހަރެންގެނެތް. ޔޫކްއަށް ޓަކައި ހޫރް އަމިއްލައަށް ކަންކަން ކުރާން އިސްނަގާ. ރޮއެ ހެދުން ވެސް މަދުވެއްޖެ. އަލްހަމްދުއްލިﷲ، އެއީ ކިހާ ރަނގަޅު ބަދަލެއް. އެކަނި ތަނެއްގައި ހުންނަން ނުކެރިގެން އުޅުނު ކުއްޖާ އެއީ. ތެދަށް ބުނަންޏާ މިހާރު ﷲ އަށް ވަކީލުކޮށްލައިގެން މިހުންނަނީ. އަހަރެމެން އަޅުތަކުންގެ ހާލު މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހު. މުސީބާތާ ކުރިމަތިވުމުން އެ މުސީބާތްތަކަށް ކެތްތެރިވުން އޮތީ. އަހަރެންގެ ހޫރްއަކީ ކެތްތެރިކަމުގެ ނަމޫނާއެއް."

"ހޫރްގެ އެންމެ ބޮޑު ހިތްވަރަކީ ތީ. އެ ދަރިފުޅު ވެއްޓި ނުތެދުވިފައި އޮއްވާ އަލުން ކޮޅަށް ނެގި މީހަކީތީ. އަހަރެމެން މައިންނަށް ވީތީ ވަކިން ކެތްތެރިވާން ޖެހޭ. ދަރީން ކިތަންމެ ބޮޑުވިޔަސް އެ ދަރީން ދޫކޮށެއްނުލެވޭނެ. ދަރީންގެ ގައިގާ ކޫރުމެއް އެޅިލިޔަސް އެކަމުގެ އަސަރު މައިންގެ މޭގައިވާނެ."

ދެ އަންހެނުންގެ އަޑު މަޑުވެ ސިއްރު ވާހަކަތަކެއް ދެކެވޭ ފަދައިން ވާހަކަ ކުރިޔަށް ދިޔައެވެ. އެމީހުންގެ ވާހަކަތައް ގޭގައި އިން ހޫރައިނަށް އިވެން އެމީހުން ނޭދެއެވެ. ހޫރައިނަކީ ސުމައްޔާއާއި ރަޝާދަށް ލިބުނު ހަމައެކަނި ދަރިއެވެ. މިހާރު އެއީ ފަންސަވީސް އަހަރުގެ ޒުވާނެކެވެ. ފަސް އަހަރުގެ ފިރިހެން ދަރިއެއްގެ މަންމައެވެ. އަޝަރީވިލާއަކީ ސުމައްޔާގެ މައިންބަފައިންގެ ގެއެވެ. މިހާރު އެގޭގައި ދިރިއުޅެނީ ހަމައެކަނި އޭގެ ތިންމައިން އެކަންޏެވެ.

ކޮޓަރީގެ ތެރެއިން އިވެމުންދިޔައީ ފޯނުން ޖަހާފައިވާ ޤުރުއާނުގެ އަޑެވެ. ތަޅުންމަތީ އިށީނދެ އިން ހޫރައިން އިނީ އެނދުގައި ވައަތް އަޅުވާލައި އެ އަތުގެ މަތީ ބޯ އަޅާލައިގެން ނިދާފައެވެ. މަޑުތަންމަތީގަ އެހެންމީހުންނަށް އަރާމުކަން ހާސިލުވިޔަސް ހޫރައިންނަށް ނިދީގެ މީރުކަން އެފަދައިން އިހްސާސެއް ނުކުރެވެއެވެ. ހާއްސަކޮށް އެނދުގައި އެކަނި އޮންނަން އުނދަގުލެވެ. ކޮޅަށް އިނދެ ނިދަން އޭނާ ހިތްހަމަޖެހެއެވެ. އެގޮތަށް އާދަވީއެވެ. ފިނިފިނި އަތްތިލައެއް މޫނުގައި ޖެހުމުން ހޫރައިންގެ މެރިފައިވާ ލޮލުގެ ދިގު އެސްފިޔަތައް ތަޅުވާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލުމުގެ ކުރީން ކޯތާފަތުގައިވީ ކުޑަކުޑަ އަތްތިލައިގަ ހޫރައިންގެ ކަނާއަތްތިލަ ގެނެސް ޖައްސާލިއެވެ.

"މީ ކޮންކުއްޖެއްތަ؟... މަންމަ ކައިރިއަށް އައި އޭންޖަލްއެއްތަ؟." ހޫރައިން މިހެން ބުނެލާއިރަށް ލުއިލުއި ހީނލުމެއްގެ އަޑު ގާތުން އިވިލިއެވެ.

"މަންމީ... އޭންޖަލްއެއް އެއްވެސް ކުއްޖަކަށް ނުފެންނާނެއެއްނު. ޔޫކް އޭ މަންމިއަށް ގޮވީ." ފަސް އަހަރުގެ ޔޫކް ނިކަން ހިނިއައިސްފަ ހުރެ ބުނެލިއެވެ. ހެނދުނުގެ ސަލާމް އިނގިރޭސި ބަހުން ކޮއްލަމުން މަޑުމަޑުން ގުދުވެލައި އެކުއްޖާ ހޫރައިންގެ ނިތްކުރީގަ ބޮސްދީފިއެވެ. އެހިނދު ހޫރާއިން ދަރިފުޅުގެ ގައިގާ ބައްދާލައިފިއެވެ.

"މަންމިގެ އެންމެ ލޯބިވާ ދަރިފުޅު" ހިތުގައި ލޯބި އުތުރިގަތުމުން ހޫރައިންބުނެލިއެވެ.

"ޔޫކް އެންމެ ބޮޑުކޮށް ލޯބިވާ މަންމީ." އާދައިގެ މަތީން ޔޫކް ރައްދުދިނެވެ. އެއީ އެ ދެމައިންގެ އާދައެވެ. އެކަކުއަނެކަކުދެކެ ލޯބިވާގޮތް ހާމަކުރާ ގޮތެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި ސުމައްޔާއަށް އެނދުގައި ލެނގިލައިގެން ތަޅުންމަތީ އިން ހޫރައިން ފެނުނެވެ. އޭނާގެ އުނގުގައި ޔޫކް އިންތަން ފެނި ގޮވާލިއެވެ. ހަސީނާ އައިސް އިނދެފަ ވަޒީފާއަށް ދާ ގަޑި ޖެހޭތީ ހިނގައްޖެކަން ސުމައްޔާ ބުނެލިއެވެ. އަތުގައި އޮތް ކޮތަޅު ދިއްކޮށްލައި ޔޫކް ސްކޫލަށް ދާން އުޅޭތީ ހަސީނާ ގެނެސްދިން ހަދިޔާއެއްކަން ސުމައްޔާ ބުންޏެވެ. އެއާއެކު ޔޫކް ބަލާލީ ހޫރައިންގެ މޫނަށެވެ.

"ހަސްތަ ދިޔައީތަ؟ ދެން ކިހިނެއް ޔޫކް ތެންކިއު ބުނާނީ." ސުމައްޔާގެ އަތުން ކޮތަޅު ނަގަމުން ޔޫކް ބުންޏެވެ.

"އެހެން ދުވަހަކުން އަންނާނަމޭ ބުނި. ހަސްތަ އައީމަ ތެންކިޔު ބުނާނީ." ސުމައްޔާ ފިރުމާލީ ޔޫކްގެ ބޮލުގައެވެ. ކަޅުކަން ގަދަ ފަށުވިކޮޅެކޭ ޔޫކްގެ އިސްތަށިގަނޑު ތަފާތެއް ނެތެވެ. ފަންކަމުން އެއްވެސް ހިފެހެއްޓުމެއް ނުހުރެއެވެ. އެއީ ހޫރައިންގެ ފަރާތުން ވާރުތަވީ ސިފައެއްނޫނެވެ. ހޫރައިންގެ އޮންނަނީ ރާޅުބާނި އިސްތަށިގަނޑެވެ.

އެނދު ކައިރިން ހޫރައިން ތެދުވިއެވެ. ހަސީނާ ގެނެސްދިން ހަދިޔާ ބެލުމުގައި ޔޫކްއާއި ސުމައްޔާއާ ބައިވެރިވިއެވެ. ޔޫކްއަށް ކަމުދާނެހެން އެއްޗެހި ހޯދަން ހަސީނާއަށް އެނގެއެވެ. މަންމަގެ "ބެސްޓްފްރެންޑް"އަށް ވާއިރު ހޫރައިންއަށް ހަސީނާ އެގެއިން ނުފެންނަ ހަނދާނެއް ނުހުރެއެވެ. ހިތްހެޔޮ ރަނގަޅު މީހެއްގެ ގޮތުގައި ހޫރައިން ވެސް ވަނީ ހަސީނާ ބަލައިގެންފައެވެ.

"ސައިބޮއެގެން މިއަދު ވަރަށް އަވަސް ކުރަން ޖެހޭނެ. އެހާ ގިނައިރު ޓީވީ ބަލާކަށް ނީނދެވޭނެ އިނގޭ." ހޫރައިން ބުނެލީ ދަރިފުޅަށެވެ. ތިން މައިން އެކުގައި ސިޓިންރޫމަށް ނުކުތެވެ. ޔޫކްއަށް ސައިދޭން ހޫރައިން ތައްޔާރުވިއެވެ.

ޔޫކް ސްކޫލަށް ގެންދަން އޮތީ ހެނދުނެވެ. ދަރިފުޅު ފެންވަރުވާފައި ނެރުމުން ހޫރައިންގެ ކައިރިން އެކުއްޖާ ގެންދިޔައީ ސުމައްޔާއެވެ. އޭނާ ފެންވަރާ ތައްޔާރުވާންވާއިރަށް ޔޫކް ތައްޔާރުކޮށްފައި ބަހައްޓާނަމޭ ބުނަމުންނެވެ. ތައްޔާރުވުމުގައި ހޫރައިން ގިނައިރު ވާނެކަން ސުމައްޔާއަށް އެނގެއެވެ.

ފެންވަރައިގެން ނުކުމެ ފުރަތަމަ ކަމަކަށް ހޫރައިން ޟުހާ ނަމާދުކޮށްލިއެވެ. ސްކޫލުދޮށަށް ދާން ތައްޔާރުވާން ފެށީ އޭގެ ފަހުގައެވެ. އަލަމާރީގައި ހުރި ލޯގަނޑު ކުރިމަތީ ހޫރައިން ހުއްޓިލައިގެން ހުއްޓެވެ. ފަސްފޫޓު ހަމަނުވާ އިސްކޮޅެކެވެ. ފަތި ހަށިގަނޑުގެ ބައްޓަން ކަޅުކުލައިގެ ބޮޑު ޖިލްބާބުން ނިވާކޮށްލެވިފައި ވެއެވެ. ދެ ބަޔަށް އަޅާ ބުރުގާގެ ފުރަތަމަބައި ބޮލަށް ލައްވާލައިފަ އޮތެވެ. އަނެއްބައި މޫނަށް ހެޔޮވަރު ކޮއްލުމުގެ ކުރީން މޫނު ފޮތިކޮޅު އަޅަން އުޅުނެވެ. ނަމަވެސް ހޫރައިންގެ އަތުގެ ހަރަކާތް މަޑުޖެހުނީ ކަނާއަތް ފަރާތުން ކޯތާފަތުގައިވީ ދިގު ލަކުނު ފެނިފައެވެ. އެއީ އޭނާގެ ރީތިކަމަށް ދިން ހަމަލާއެއްގެ ނިޝާނެވެ. ފުން ޒަޚަމެއްގެ ނުފިލާ ދެމިގެންވާ ލަކުނެކެވެ. އެ ދޮން މޫނުގައިވި ހަމައެކަނި އައިބަކީ އެއީއެވެ. އޭނާގެ ދަތްތައް ބާރުވެލިއިރު ފާޅުކަން ބޮޑު ކަތުރުކަށިގަނޑު ވާންވެލިއެވެ. މޫނު ފެނިފެނި ވެސް އެ ލަކުނަށް ހޫރައިން ނުހޭނުނެވެ. ފަސޭހަވެ ލަކުނަށްވެފައި ވިޔަސް ހަނދާންތަކުގައިވި ރިހުން ކެނޑިގެން ނުދެއެވެ. ދުވަހަކުވެސް އެ ހަނދާން އޭނާ ނުނެތޭނެއެވެ. ދެއަތުގައިވީ މޫނު ފޮތިކޮޅު ގެނެސް ނިކަން އަވަހަށް އޭނާގެ މޫނު ނިވާކޮށްލިއެވެ. ދެން ބުރުގާގެ ދެވަނަ ބައި މޫނަށް ހެޔޮވަރުކޮށްލީ ބޭރަށް މޫނުފޮތިކޮޅުގެ ބައި ވައްޓާލަމުންނެވެ. އެނބުރި އެނދުކައިރިއަށް އައިސް އެނދުމަތީ އޮތް ކަޅުކުލައިގެ ދެ އަންގި ނަގައި ދެއަތަށް މަހާލިއެވެ. އެއަށްފަހު އެނދުގައި އިށީނދެ ދެ ފަޔަށް އިސްޓާކީނު ލެއްވިއެވެ. އަތްދަބަހާއެކު ފޯނު ނަގައިގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލީ ފަހު ފަހަރަށް އޭނާ ހުރި ގޮތް ބަލާލުމަށެވެ.

ދެ ލޯ ފިޔަވާ މުޅި މީހާ ވަނީ ދޫ ޖިލްބާބުގެ ތެރޭ ނިވާވެފައެވެ. ބުޑަށްވުރެ ތިރިއަށް ފަހަތުން ބުރުގާގެ ބައި އެލިފައި އޮތްއިރު ކުރިމަތިން ބަނޑާ ހަމައަށް ބުރުގާ ފައިބައެވެ. ޒީނަތްތެރި ކުރުމަށް ހެދުމުގައި ރޭދާކޮޅެއް ކީއްކުރަން ފެންނަ ހިސާބެއްގަ ގޮށެއްހާ ހިސާބު ވެސް ހަރުކޮށްފައެއް ނުވެއެވެ. ކަޅުކުލައިގެ ނުފެންނަ އަނދިރިކަމެއްގެ ތެރެއަށް ވަދެ މީހާ ފޮރުވިފައި ހުރި ފަދައެވެ. އެފަދަ ކުޑަކުޑަ ޒީނަތްތެރިކަމެއްގެ ސަބަބުން ވެސް މީހެއްގެ ސަމާލުކަން ލިބިދާނޭތީ ހޫރައިން އިންތިހާއަށް ކަންބޮޑުވެއެވެ.

ހޫރައިން މޫނު ބުރުގާ އެޅީ ޔޫކް ވިހޭ ފަހުންނެވެ. އޭނާއަކީ ދީނީ ކަންކަމަށް ލޯ ހުޅުވިފައި ހުރި ޒުވާނެއް ނޫނެވެ. މޫނުއެޅީ ދީނުގައި އަންހެނުންގެ މައްޗަށް އެންމެ ރިވެތިކަން ބޮޑުވެގެންވާ އަދި ރައްކާތެރިކަން ލިބިގެންވާ ގޮތްކަން އެނގިގެނެއްނޫނެވެ. ހިތުގައި އޮތް އިމާންތެރިކަން ކިތަންމެހާ ވެސް ފަނޑެވެ. މޫނު އެޅިއިރު އޭނާއަށް ފަސްވަގުތު ހަމައަށް ފުރުޟު އަދާނުކުރެވެއެވެ. ހަމައެކަނި ގަސްދަކަށްވީ ދުނިޔެއަށް މީހާ ފޮރުވިގަތުމެވެ. އެކަމަކު އޭނާ ފެނުމުން މީހުން ސިފަކުރަނީ އެފަދައަކުން ނޫނެވެ. ދީންވެރިވެގެން ގޮސް މީހާއަށް އައިސްފަ ހުރި ބަދަލެއް ކަމުގައި މީހުން ހީކުރެއެވެ. އޭނާގެ އެފަދަ ފުރިހަމަކަމެއް ނެތް ނަމަވެސް އެވެ. އެއްވެސް އިންސާނަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ މީހާއަށް ވާނީ ކިހިނެއް ހެއްޔެވެ؟. ނޭނގޭ ކަންކަން ދަސްކުރުމާއި ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް އޮތްކަމެއް ނޫނެވެ. އޭނާ ރައްކާތެރިކުރުމަށް މަންމަ މޫނު އަޅައި ނަމޫނާ ދެއްކިއެވެ. މަންމައާއެކު ހޫރައިން ވެސް މޫނު އެޅީއެވެ. އަހުލާގުގައި ކުރީން އުނިވެފައިވީ ދީނީ ތަރުބިއްޔަތަށް ސަމާލުކަން ދޭން ފެށީއެވެ. ﷲ އާ ކުއްތަންވީވަރަކަށް ބަޔާންނުކުރެވޭހާ ހިތްހަމަޖެހުން ހޫރައިންގެ ނަފްސާއި ރޫހަށް ލިބެންފެށިއެވެ. މިއަދު އޭނާގެ އެ ފޮރުވުމަކީ ހަމައެކަނި ދުނިޔޭގެ ލޯތަކަށް ފޮރުވިގަތް ފޮރުވުމެއްނޫނެވެ. އެއަށްވުރެ މާތް މަތިވެރި ކަމަކަށް އޭނާގެ ހިތްވަނީ ބޭނުންވެފައެވެ. ޖަންނަތުގައި އުނިވާނޭ އެއްވެސް ކަމެއް ނުވާނޭކަން ޔަގީންވާތީއެވެ. އޭނާގެ ކެތްތެރިކަމުގެ އަގު ﷲ ދެއްވާނެކަން ޔަގީންވާތީއެވެ. އެދުވަހުން އޭނާއަށް އިންސާފު އެކަލާނގެ ދެއްވާނެކަން ކަށަވަރެވެ. އެހެންވިޔަސް އޭނާއަކީ އަދި މިދުނިޔޭގައި ވީ އިންސާނެކެވެ. ބަލިކަށިވާ ވަގުތު އާދެއެވެ. ރޮއެ ހިތާމަކުރާ ވަގުތު ގިނައެވެ. މުޅި ހަޔާތް އިންދިރާސްވެ ދިޔައިރު ހޫރައިންނަށް ދުނިޔެ އެފުއްމިފުށަށް ޖެހިފައި ވެއެވެ. އޭނާ އެހެން އިންސާނުން ފަދައިން އާންމު ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތް ކުރާތާ ފަސް އަހަރުވީއެވެ.

"ހޫރް..." ދޮރުގަ ޓަކި ދީ ގޮވާލީ ސުމައްޔާއެވެ.

"ގަޑި ކައިރިވެއްޖެ. މަންމަ ގޮސްލަންތަ ޔޫކް ގޮވައިގެން." ކޮޓަރިން ނުކުތް ހޫރައިން ފެނި ސުމައްޔާ ބުނެލިއެވެ. އެ މަންމައަށް ފެނުނީ ހަމައެކަނި ހޫރައިންގެ ދެ ލޮލެވެ. އެހެންވިޔަސް އެ ދެ ލޮލުގައިވީ ހުރިހާ އަސަރެއް މަންމަ ދެނެގެންފިއެވެ.

"ޔޫކްގެ ފުރަތަމަ ދުވަސް މިއަދަކީ. އަހަރެން ދާނީ." ހޫރައިން ބުނެލިއެވެ. ސުމައްޔާ ހިނިތުންވެލިއެވެ. އެހެނެއްކަމަކު އެ ހިތަށް ވެރިވި ނުތަނަވަސްކަން ފިލައި ނުދެއެވެ.

ސޯފާގަ އިން ޔޫކްއަށް ހޫރައިން ފެންނައިރަށް ފުންމާލައިގެން އަތުވެއްޖެއެވެ. މަންމަގެ އަތުގައި ހިފާލީ ގެއިން ނުކުންނަން ތައްޔާރުވެލި ފަދައިންނެވެ. ނަމަވެސް ދޮރޯށި ފެނުމުން ހޫރައިން ފިނިވާގޮތް ވެއްޖެއެވެ. ފިޔަވަޅު މަޑުޖެހުނެވެ.

"ބޭރަށް ނުކުންނަ ދުޢާ ކިޔައިފިންތަ؟." ދެމައިންގެ ފަހަތުން އައިސް ކައިރިވެލި ސުމައްޔާ އަހާލިއެވެ. އޭނާއަށް ހޫރައިންގެ ފިޔަވަޅު މަޑުޖެހުނީ ކީއްވެކަން އެނގެއެވެ. ޔޫކްގެ ނަޒަރު ވެސް އަމާޒުވެފައި ހުރީ ހޫރައިންއަށެވެ. މަންމަގެ އެފަދަ ފަސްޖެހުމަށް އެކުއްޖާ ވަނީ އާދަވެފައެވެ. ސުމައްޔާ ހަނދާންކޮށްދިނުމުން އަޑުވީއްލާ ޔޫކް ދުޢާ ކިޔާލިއެވެ.

"ދަނީ މަންމާ." ހޫރައިންގެ ހިތުގެ ހިނގުން އަވަސްވެފައިވިއެވެ. އެހެންވިޔަސް އޭނާ މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް އެޅިއެވެ.

ދޮރޯށިން މަގުމައްޗަށް ހޫރައިންނަށް ނުކުމެވުމުން ހީވީ އޭނާގެ ރައްކާތެރިކަމުގެ ބޯޅައިގެ ތެރެއިން ނުކުމެވުނީ ހެނެވެ. ހިތްބިރުގަތުމަށް ބަދަލެއް ނާދެއެވެ. އެހެންވިޔަސް އޭނާ ސަމާލުކަން ދިނީ އަތުގައި ހިފާލައިގެން ހުރި ދަރިފުޅަށެވެ. އެހެން ބެލެނިވެރީން ފަދައިން ސްކޫލަށް ދަރިފުޅު ދާ ފުރަތަމަ ދުވަހު އެ ދަރިފުޅު ގެންދާ މީހަކީ އޭނާއަށް ވާން ހޫރައިން ބޭނުމެވެ. ޔޫކް ޝަކުވާ ނުކުރިޔަސް އެ ދަރިފުޅު އޭނާގެ ކިބައިން އެވަރު ކަމަކަށް އުންމީދުކުރާނެކަން ޔަގީނެވެ.

ސްކޫލަށް ދަރިފުޅު ލާފައި ހޫރައިން ނުކުތެވެ. އޭނާގެ ހިނގުން ބާރެވެ. ލަސްވެގެން އުޅޭ މީހަކު ފަދައިންނެވެ. ގެއިން ސްކޫލަށް އޭނާ ދިޔަ މަގު އެނބުރި އައުމަށް ހިޔާރެއް ނުކުރިއެވެ. ދުރުވިޔަސް އޭނާ ގެއަށް އައީ އެހެން މަގުތަކުން ލާފައެވެ. އަބަދު އެއްމަގަކުން ނުހިނގަން ހޫރައިން ސަމާލުކަން ދެއެވެ. ފާރަލާނޭ މީހަކު ހުރެދާނޭ އޭނާއަށް ހީވަނީއެވެ. ގެއާ ހަމައަށް ފޯރަންވާއިރަށް އަވަހަށް އަތްދަބަހުން ތަޅުދަނޑިފަތި ނެގިއެވެ. ދޮރޯށްޓާ ހަމައަށް ފޯރުމާއެކު އޭނާގެ އަތް އުފުލާލެވިއްޖެއެވެ. އަވަހަށް ތަޅު ހުޅުވާލުމާއެކު ދޮރޯށިން އެތެރެއަށް ދެމިގަނެ ފަހަތުން ދޮރުލައްޕާ ތަޅުލައިފިއެވެ. ބާރަށް ހިނގާފައި އައުމުންނާއި ލިބިފައިވާ ހާސްކަމުގެ ސަބަބުން ހޫރައިންނަށް މާނޭލެވިލެވި ހުއްޓެވެ. ފުންކޮށް ދެތިން ނޭވާ ލުމުގައި އޭނާ އިރުކޮޅަކު ދޮރޯށި ކައިރީ މަޑުކޮށްލިއެވެ. މީހާ ހަމައަކަށް އެޅުމުން މަޑުމަޑުން އައިސް ގޭތެރެއަށް ވަނެވެ.

"ތި އައީތަ؟. ކިހިނެއް ޔޫކް. އާންޓީ ބަދަލުވެފަ ދޯ ހުރީ." ސުމައްޔާއަށް ގޭތެރެއަށް ވަން ހޫރައިން ފެނުމުން އަހާލެވުނެވެ.

"ވަރަށް ބަސްއަހައިގެން ވަން." ހޫރައިން ބުނެލިއެވެ.

"މަންމަ ވިސްނަން އެބަ ވަޒީފާއަކަށް ނުކުންނަން. ޚަރަދުތަކަށް ބަލައިގެން އުޅޭއިރު ވެސް ނުވެގެން މިދަނީ." ސުމައްޔާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އައިސް ހޫރައިންގެ ކައިރީ ސޯފާގަ އިށީނެވެ.

"އަހަރެން... އަހަރެން ވަޒީފާއަށް ދާނަން. މަންމަގެ ބަލި ފައެއް އެބައޮތް. މަންމަ ކަމެއްކުރަންޏާ އަހަންނަށް ޔޫކް ބަލައިދީ. ފައިސާ ހޯދާނަން އަހަރެން. ވަރަށް ދަތިވާކަން އަހަންނަށް ވެސް އެނގޭ." އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ޔަގީންކަމެއް ނެތަސް ހޫރައިން ބުނެލިއެވެ. ސުމައްޔާއަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ހުރި މީހެކެވެ. ހިނގަނީ ކޮރުޖަހަމުންނެވެ. ނެތް ހިތްވަރު ހޫރައިންއަށް ނެރެން ޖެހުނީ އެހެންވެއެވެ. އަބަދު މަންމަ ތަންތަނަށް ނުފޮނުވަންވެގެންނެވެ. މުސްކުޅިވީ ދުވަހު ވެސް އެ މަންމައަށް އޭނާ ބަލަން ޖެހިފައިވާކަމުގެ އިހްސާސް ކުރެވޭތީއެވެ. މަންމަ ބުރަވެގެން ނުބުނާނެކަން އެނގެއެވެ. އެއީ މަންމައަށް ވީމައެވެ. އެކަމަކު ހޫރައިން މިހާރު އެގޮތް ބަދަލުކުރަން ބޭނުމެވެ. އަމިއްލައަށް ޒިންމާތައް އުފުލޭ މިނިވަން އަންހެނަކަށް ވާން ހޫރައިން އެދެއެވެ.

"މަންމަ އެހާ ބައްޔެއްނޫނޭ. ހޫރަށް މީހުންގެ ތެރޭގަ އުޅޭން އުނދަގޫކަން މަންމައަށް އެނގޭ. ދަރިފުޅަށް ވަގުތު ވެސް ބޭނުންވާނެ."

"އަބަދު މިހެން ނޫޅެވޭނެ. ބަދަލުވާން ވެސް އެބަޖެހޭ... ހިތްވަރުކޮށް މަސައްކަތް ކުރަންވާނެކަން މަންމަ ބުނީމެންނު. އަހަރެން މާ ދެރަވާނެ މަންމަ ތިއުމުރުގަ ވަޒީފާއަށް ދާންފެށީމަ. އަހަންނާއި ޔޫކް ބަލަހައްޓަން މަންމަ ފައިސާ ހޯދަން ނުކުތީމަ." ހޫރައިންގެ އަޑުގައިވީ ރިހުން ސިއްރެއް ނުވެއެވެ.

"އެހެންވީރު މަންމަ ހަސިންތައާ ވާހަކަދައްކަންތަ. އެކަހަލަ މައުލޫމާތު އޭނާއަށް ވަރަށް އެނގޭނެ. ދަރިފުޅަށް ކަމުދާނޭ ކަހަލަ ވަޒީފާއެއް ހަސިންތަ އުޅެނިކޮށް ލިބިދާނެހެން ހީވޭ." ސުމައްޔާ ބުންޏެވެ. ހޫރައިން ބޯޖަހާލީއެވެ. މިއަދުވެސް މަގުމަތީ ހާސްވެގެން އުޅެވުނު ގޮތް ހޫރައިން ދެނަހުއްޓެވެ. ދިމާލަކަށް ބާލުމެއްނެތި ބާރު ހިނގުމުގައި އައި މީހާއަށް ހަމަނޭވާ ލެވުނީ ގޭގެ ދޮރޯށިން އެތެރެއަށް ވަދެވުނީމައެވެ. ވީއިރު އޭނާ ވަޒީފާއަކަށް ނުކުމެއްޖެނަމަ ވާނީ ކިހިނެއްބާއޭ ހޫރައިންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޮފީހަކަށް ވަންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހާ މީހުން ގިނަ މާހައުލެއްގައި އޭނާއަށް މަސައްކަތެއް ނުކުރެވޭނެކަން އެނގެއެވެ. ދެން އޭނާ ކަހަލަ މީހަކަށް ކުރެވޭނީ ކޮންކަހަލަ މަސައްކަތެއް ބާއެވެ. (ނުނިމޭ)