އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، އެ ސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެޗްއޯސީއިން ބުނެފި އެވެ.
މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ނަޒްލާ ރަފީގު ވިދާޅުވީ އައްޑޫ ސިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި ހާލަތު ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެ ސިޓީގެ ކައުންސިލާއި އެކުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ އައްޑޫގައި ކޮވިޑް މެނޭޖް ކުރުމަށް އެޗްއޯސީގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮވިޑް ފެނިގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މިހާރު ތިން މަހަށްވުރެ ގިނަ ވެދާނެ އެވެ. އެ ސިޓީން ކޮވިޑްގައި މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ.
އައްޑޫގައި ކޮވިޑް ކޮންޓުރޯލް ކުރުމަށް އެ ސިޓީގެ ކައުންސިލުން މިހާރުވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ދަށް ގްރޭޑްގެ ކުދިންނަށް އޮންލައިންކޮށް ކިޔެވުން ބަދަލު ކުރުމާއި، ގާޑިޔާތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރުން ހިމެނެ އެވެ.