ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

( 27 ނޮވެމްބަރު 2021އާ ގުޅޭ )

ޖައިޝްކޮށްލި ސުވާލުގެ ޖަވާބު ވަގުތުން ކަހަލަ ގޮތަކަށް ސަހުލާގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ. ސަހުލާއަށް އުފަލުން ހިނިތުންވެވުނީ އާނއެކޭ ވެސް ނުބުނެވި އުޅެނިކޮށެވެ. ސަހުލާގެ ހިނިތުންވުން އިތުރަށް ފުޅާވެ، އެންމެ ފަހުން ހިނިގަނޑު ފަޅައިގެން ދިޔައީ ލޮލުން ފޭބި ކަރުނައާ އެކުގައެވެ.

"އާނ! އާނ! އަހަރެން ވަރަށް އުފާވެއްޖެ. މިވަރުގެ އުފާވެރި ކަމެއް މިއިން ދުވަހަކު ވެސް އަހަންނަކަށް ނުލިބޭ. އަލްޙަމްދުﷲ!" ސަހުލާ ބައްދައިލީ ޖައިޝްގެ ގައިގައެވެ. ވަރަށް ބާރަށެވެ. ހީވީ މީހަކު ޖައިޝް ގެންދަން އުޅޭތީ މުޅި ގައިގައި ހިފަހައްޓައިގެން އިންހެންނެވެ. ޖައިޝް ވެސް އޭނާގެ ދެއަތުން ސަހުލާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ލުއި ހިނިތުންވުމަކާ އެކުގައެވެ.

"ކޮން އިރަކުން އިންނާނީ؟" ކޮޅުނެތްކޮޅަށް ލިބިގެން ދިޔަ އުފާވެރި ކަމުގެ ތެރެއިން ސަހުލާ ސުވާލުކޮށްލިއެވެ. އޭރުވެސް ސަހުލާގެ ދަތްޕިލަ ވަނީ ފައުޅުވެފައެވެ.

"ސަހޫ ބުނޭ! މައި ގްރީން އައިސް ބުނި އިރަކުން ހަމަ އިންނަން ވީ.."

"އައި ލަވް ޔޫ!" ޖައިޝް އޭނާގެ ކަނާއަތް ޖައްސައިލީ ސަހުލާގެ ކޯތާފަތުގައެވެ. "ލަވް ޔޫ މޯރ"އޭ ބުނަމުން ސަހުލާއަށް ދެލޯ މަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. މަޑުމަޑުން ޖައިޝް ގެންދިޔައީ ސަހުލާއާ އިތުރަށް ގާތްވަމުންނެވެ. ދޮންވެލިގަނޑު މަތީގައި ތިބި އެދެމީހުން މިހާރު ވަނީ ގުޅި ލާމެހިފައެވެ. ސަހުލާ މަޑުމަޑުން ދޮންވެލިގަނޑު މަތީގައި ބުރަކަށި ދަމާލި އިރު، ޖައިޝްގެ އަތް އޮތީ ސަހުލާގެ ބުރަކަށި ވަށާލައިގެންނެވެ. އިސާހިތަކު ހީވީ އެ އަނދިރީގައި އެދެމީހުން ދޮންވެލިގަނޑުގެ ތެރެއަށް ލޯބިން ގޮސް ހިމުންވި ހެންނެވެ.

ގަޑިން 10 ޖަހައި ބޮޑު ވެއްޖެއެވެ. އަދިވެސް ހަފްސާ އާއި ގާދިރު އިންތިޒާރު ކުރަމުން ގެންދިޔައީ ސަހުލާއަށެވެ.
"ހާދަ ލަސްވެއްޖެއޭ! ދެން އަހަރެން މިދަނީ ނިދާލަން. ސަހުލާ އައީމަ އަހަންނަށް ގޮވާލާ. އިނގޭ" ގާދިރު އެހެން ބުނެ، ސޯފާއިން ތެދުވި ވަގުތަކީ ގޭގެތެރެއަށް ސަހުލާ އައިސް ވަތް ވަގުތެވެ.

"ދަރިފުޅާ! މަންމަމެން މި މަޑު ކުރަނީ ދަރިފުޅު އަންނަން ދެން. އަވަހަށް އާދޭ!" ހަފްސާ ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކަމާއެކުގައެވެ. ސަހުލާގެ މޫނުމަތިން ފެންނަ އުފާވެރިކަން ހަފްސާއަށް ފާހަގަވިއެވެ.

"ދަރިފުޅު ހާދަ އުފާވެފަ؟ އަނެއްކާ ކިހިނެއްވީ؟" ހަފްސާ އެހެން އަހައިލީ ގާދިރަ ވެސް ބަލައިލަމުންނެވެ.

"މަންމަ ކޮން ވާހަކައެއް ދައްކަން އުޅުނީ؟" ސަހުލާ ޖަވާބު ދިނީ ހަފްސާ ކުރި ސުވާލަކަށް ނޫނެވެ. ލަސް ހިނގުމެއްގައި އައިސް ސަހުލާ އިށީންނީ ހަފްސާ އާއި ގާދިރުގެ ކުރިމައްޗަށް ހުރި ސޯފާގައެެވެ.

"މަންމަ ދައްކާކަށް އާ ވާހަކައެއް ނެތް." ހަފްސާ ކަރުކެހެލިއެވެ. ސަހުލާ ބަލަން އިނީ ސީދާ ހަފްސާގެ މޫނަށެވެ. ސަހުލާ ވެސް އިނީ ވަރަށް ގިނަ ވާހަކަތައް ކިޔަން ބޭނުން ވެފައިވާ ފަދަ ގޮތަކަށެވެ. ހަފްސާ އެހެން ބުނުމަށްފަހު އޭނާއަށް ވާހަކަދައްކަން ވަގުތުކޮޅަކަށް އުނދަގޫވެ، ހިމޭން ވުމުން ދެން ވާހަކަ ފެށީ ގާދިރެވެ.

"ދޮންބެ ވެސް މިހާރު ދެރަ ވެފަ އެ ހުންނަނީ ދަރިފުޅު އުޅޭ ގޮތުން. ސަހުލާ ގާތުގަ ދޮންބެ މޫނު ބުރުގާ އަޅަން ބުނީމަ ވެސް، ދަރިފުޅު ތި ދިނީ ބީރު ކަންފަތެއް. މަންމަ ވެސް އެ ހުރީ މޫނު ބުރުގާ އަޅައިގެން. ބަރާ ބަރަށް ނަމާދު ކުރޭ! ދަރިފުޅު ވެސް ދީނަށް ބީރައްޓެހި ނުވޭ! ހެޔޮނުވާނެ! ނަމާދަކީ އެކުވެރިއެއް ކަމަށް ބަލާ! ނަމާދުގެ މާތްކަން ވަރަށް މަތިވެރި ވާނެ ދަރިފުޅާ." ގާދިރުގެ ވާހަކައިން ސަހުލާވީ ފާޑެއްގެ ފޫއްސެކެވެ. އޭނާގެ މޭ ވެސް ނުބައިކޮށްފިއެވެ. ތަކުރާރުކޮށް އެއް ވާހަކަތަކެއް އަބަދު ކިޔާތީއެވެ.

"ގެއަށް ވަދެއްޖެ ނަމަ އަބަދު އޮންނާނީ ތަޤުރީރު. ދޮންބެ ވެސް ޝެއިޚަކަށް ވީ ފަހުން ދަރުސް ނޫން އިތުރު އެއްޗެއް ނޯއްވޭ!" ސަހުލާ ހިތާހިތާ ބުނެލިއެވެ. ނަމަވެސް މިހާރަކަށް އައިސް ސަހުލާއާ ހިޝާމް ވާހަކަދައްކާލެއް މަދެވެ. މޫނު ބުރުގާ އަޅަން ހިޝާމް ބުނުމުން، އެކަމަށް ސަހުލާ ނޫން ބުނުމަށްފަހުގައި ހިޝާމް މާބޮޑަކަށް ސަހުލާއަށް ވިސްނައިދޭކަށް ނޫޅެއެވެ. ނަމަވެސް އެހެން އުޅެފައި ކޮންމެވެސް ވަރަކަށް ނަޞޭޙަތް ދީ ހަދައެވެ. އެވަރުން ވެސް ސަހުލާގެ ބޮލަށް ވަނީ އުނދަގޫއެވެ.

"ނިމުނީތަ؟" ސަހުލާ އެހެން އަހައިލީ ފޫހި ރާގެއްގައެވެ.

"ނޫން! ދަރިފުޅާ، ކީއްވެތަ ދަރިފުޅު މަންމަމެން ބުނާ ބަސް ނާހަނީ؟ މަންމަ ހާދަ ވިސްނަމޭ ދަރިފުޅާ މެދު. ކައިވެނި ނުކޮށް ތިއުޅެނީ އެހާ ވިޔާނުދާ ކުއްޖަކާ އެކު. ދަރިފުޅު..." ހަފްސާގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް ސަހުލާ ވާހަކަ ފެށުމުންނެވެ.

"މަންމާ. އަހަރެން މިއުޅެނީ މެރީ ކުރަން." ސަހުލާ އެހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް އެ ދުލުން ނުކުތް ބަސްތައް ހަފްސާ އާއި ގާދިރުގެ ހިތުގައި ޖެހުނީ މަޑަކުން ނޫނެވެ. ހަފްސާގެ ދެލޯ ބޮޑުވީ މާ ބޮޑަށް ހައިރާންވެގެން ނޫނެވެ. ނަމަވެސް ޤަބޫލު ކުރަން ދަތިވީމައެވެ. ހަފްސާގެ މިހުރިހާ އާދޭސް ތަކެއް ސަހުލާ އޭނާގެ ފައި ދަށަށް ލާ ޗިސްޗިސް ކޮށްލީމައެވެ.

"ދަރިފުޅާ! ދަރިފުޅަށް އެވަރުގެ މީހަކާ އެކު އުޅެވޭނެތަ؟" ހަފްސާ ސޯފާއިން ތެދުވެގެން ގޮސް އުޑުފައިން އިށީންދެލީ ސަހުލާގެ ކުރިމަތީގައެވެ.

"ބުނެބަލަ ދަރިފުޅާ! ދަރިފުޅަށް ހީވޭތަ؟" ހަފްސާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"ނޫން މަންމާ! ހިއެއް ނުވޭ." ހަފްސާއަށް ސަހުލާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ދެން؟" ހަފްސާއަށް ސުވާލު އުފެދުނެވެ.

"ޖައިޝްއާ އެކުގަ އުޅެވޭނެ ކަމަށް ހީއެއް ނުވޭ. އެކަމު ޔަޤީން ވަނީ މަންމާ. އަހަރެން ޖައިޝްއާ މެރީ ކުރާނަން މަންމާ. އެއީ އަހަރެން ލޯބި ވާތީ! މަންމަ ވެސް ބައްޕައާ އެކުގަ ތި އުޅެނީ ހަމަ ލޯބިވާތީ." ސަހުލާ ދިން ރައްދުން ހަފްސާގެ ހިތުގައި އިތުރަށް ޖެހުނެވެ.

"ނޫން ދަރިފުޅާ! ދަރިފުޅަށް ނުވިސްނޭތީ ތިހެން ތިބުނަނީ. ވިސްނޭނެ ނަމަ ނުބުނާނެ. މަސްތުގެ ޙާލުގައި 24ގަޑި އިރު ހުންނަ މީހަކާ އެކުގަ ކޮން އުފަލެއް ލިބޭނީ؟" ސަހުލާއަށް ވިސްނައި ދެވޭތޯ ހަފްސާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

"ތީތަ ދީނުގަ އޮންނަ ގޮތަކީ؟ އިސްލާމް ދީނުގަ ނޯއްވޭތަ މީހުންނަށް އަޅާލާ ލޯބި ދޭކަށް؟ މަންމާ! ޖައިޝް ބޭނުން ވަނީ ލޯބި. އަޅާލުން. އަހަރެން ޖައިޝް ރަނގަޅު ކުރާނަން! އަހަރެން ޖައިޝް އަކީ ޒިންމާދާރު މީހަކަށް ހަދާނަން. އަހަރެން ޖައިޝް ނުބައި މަގަކުން ހެއްލިގެން ދާކަށް ހަމަހިލާ ފުރުޞަތެއް ނުދޭނަން! އަހަރެން ޖައިޝްއަށް ތެދު މަގު ދައްކާނަން." ސަހުލާގެ ވާހަކަތަކުން ހަފްސާ އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ހަފްސާގެ ދުލުގައި ބުނަން ވީ އިތުރަށް ކީކޭކަން ނޭނގުނީ ކަމަށް ނުވަތަ ހަނދާންނެތުނީ ކަމެއް ނޭނގެއެވެ. ހަފްސާ އިނީ ފާޑަކަށް ގަނބު ވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ ގާދިރު އިނީ ހިތްހަމަ ނުޖެހިފައެވެ.

"މަންމާ! އަހަރެން ދޮންބެ ބުނި ކަންތައް ވެސް ކޮށްފާނަން. އެކަމު، މޫނު ނިވާކޮށް މޫނު ބުރުގާ އެޅީމަ އެވީކީ ނޫން. އަހަރެންއަކީ މައިންބަފައިން ފަޚުރުވެރިވާ ދަރިއަކަށް އަދި ވާނަމޭ! އެދުވަހު އަހަރެންގެ ގާތުގަ ހުންނާނީ މަންމަމެން ލޯބިވާނެ ފިރިއެއް. އަހަރެންނަށް ޓައިމް ދީ މަންމާ. ބައްޕާ. އަހަރެންނަށް އަމިއްލަ ޙަޔާތެއް ފަށަން ފުރުޞަތެއް ދީ!" ސަހުލާ އެހެން ބުނެ، ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ ކޮޓަރިއަށެވެ.

ދަންވަރުގެ ވަގުތެވެ. ސަހުލާ ދެއްކި ވާހަކަތަކާ މެދުގައި ހަފްސާ އާއި ގާދިރު ވަރަށް ވިސްނިއެވެ. އެދެމީހުންގެ ނިދި ވެސް ގެއްލިފައިވީ އެވާހަކަތަކާ ގުޅިގެންނެވެ. ކޮންމެ ގޮތެއް ވިޔަސް، ޖައިޝްއާ އެކުގައި އެމީހުންގެ ދަރިފުޅަށް އުފާވެރި ޙަޔާތެއް ލިބިދާނެ ކަމަށް އެދެމީހުންގެ ހިތެއް ނުބުނެއެވެ. ޖައިޝްގެ މާޒީއިން ވެސް ހެކި ވަނީ އެކަމެވެ. ޖައިޝް ބަލާ ބޮޑުކޮށް، އެހާ ލޯބިވި އޭނާގެ މަންމަ މިދުނިޔެ ދޫކުރީ ޖައިޝް ކޮންޓުރޯލް ނުކުރެވިގެން އެލިބުނު ހިތާމައިން، ހިތް ފަޅައިގެން ގޮސްގެންނެވެ. ޖައިޝްގެ ބައްޕަ އަކީ ކާކުކަން އެނގޭ މީހެއް މި އުޑުބަޅު ކުރެއްވި ހިސާބަކު ވެސް ނެތެވެ. ޖައިޝްއާ ބެހޭ ގޮތުން މިފަދަ ތަފާތު އެތައް ވާހަކަ ތަކެއް މުޅި ރަށުގައި ދައްކަމުން ދާއިރު، އެ ވާހަކަތަކުން ޖައިޝްގެ މުސްތަޤުބަލު ހަފްސާ އާއި ގާދިރަށް ފެންނަމުންދާ ކަހަލައެވެ. އެދެމީހުންގެ ކަންބޮޑުވުމަކީ ސަހުލާއަށް އެފަދަ މީހެއް ކަމުދިޔުމެވެ. އެފަދަ އުޅުމެއް އަޚުލާޤެއް ނެތް މީހެއް ދެކެ ލޯބި ވެވެމުވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ސަހުލާ ވަރަށް ހެނދުނާ ހޭލައިގެން، ކައިވެނީގެ ފޯރމްތައް ޑައުންލޯޑްކޮށް ފުރަން ފެށީ ރިޝްފާގެ އެހީތެރިކަމާ އެކުގައި ރިޝްފާގެ ގޭގައެވެ.

"މިއަދު ރަން ކިޔަން" ސަހުލާގެ ފަރާތުން ފެންނަނީ "ގަޔަށް ހިނި އަރައިގެން" އުޅޭ ފަދަ އުޅުމެކެވެ.

"ހާދަ ގަދަކޮށްފިއޭ ދޯ؟" ރިޝްފާ ހީނލިއެވެ. ހެނދުނު ހޭލައިގެން ސަހުލާ ގެއިން ނުކުތީ ރަން ކިޔަން އުޅޭ ކަމުގެ ޚަބަރު ހަފްސާ އާއި ގާދިރަށް ދީފައެވެ. އެ ޚަބަރަށް ދޭނެ ޖަވާބެއް އެމީހުންނަށް ނޭނގިފަ ހުއްޓާ ސަހުލާ ގެއިން ނުކުތީއެވެ.

ސަހުލާގެ ކުރެވެން އުޅޭ ކައިވެންޏާ މެދުގައި ގޭތެރޭގައި ވަރަށް ބޮޑަށް ސައްލާ ކުރެވިއްޖެއެވެ. ހިތް ނުރުހުނަސް، ހަފްސާ އެދެނީ އެކަމާ ދެކޮޅު ނުވުމަށެވެ. ސަހުލާގެ ވާހަކަތަކާ އެއްގޮތަށް ކަންތައް ވެއްޖެނަމަ އެއީ ހަފްސާގެ ހިތަށް ލިބޭނެ ފިނި ކަމެކެވެ. ނަމަވެސް އެކަން އެހެން ނުވުމުގެ ބިރު މުޅި ޢާއިލާގެ އެބަ އޮތެވެ. ސަހުލާ ކައިވެނި ކުރަން އުޅޭ ޚަބަރު އޭނަގެ ދޮންތަ ކަމަށްވާ، ސުހާނާއަށް ލިބުމުން އޭނާއަށް ޝޮކެއް ޖެހުނު ކަހަލައެވެ. ސުހާނާ އަކީ ރާއްޖޭގައި ނަގާ ކިޔާ މޮޅު ޤާނޫނީ ވަކީލެކެވެ. ސުހާނާ އުޅެނީ ޢާއިލާއާ ދުރުގައި މާލޭގައެވެ. ހިޝާމް ވެސް އެދުނީ ހަފްސާ އެދުނު ފަދައިން ދެކޮޅުވެރިކަން ނުދެއްކުމަށެވެ. ނަމަވެސް ކައިވެންޏަށް ހިތުން ރުހުން އެއީ ސަހުލާގެ ޢާއިލާއަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ.

އިރުގެ އަލިކަން ދުނިޔެއިން ނެތެމުން ދަނިކޮށް، ސަހުލާ ގެއަށް އައިސް ވަނީ ކައިވެނީގެ ރަނުގެ ކަންތައް ނިންމާލުމަށްފަހުގައެވެ. ސަހުލާގެ ކައިވެންޏަށް އޭނާގެ ޢާއިލާ ދެކޮޅު ނުހަދާނެ ޚަބަރު ސަހުލާއަށް ފުރަތަމަ ދިނީ އޭނާގެ މަންމައެވެ. އެ ޚަބަރު ވެގެން ދިޔައީ ސަހުލާއަށް ކޮންމެވެސް ވަރެއްގެ އުފަލެއް ލިބިގެން ދިޔަ ޚަބަރަކަށެވެ. ނަމަވެސް، އެ ޤަބޫލަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ކަމުގައި ސަހުލާ އެ ވާހަކަ އިވުނު ހިސާބުން ވެސް ނުދެކެއެވެ. ކައިވެންޏަށް ޤަބޫލު ނުވި ނަމަވެސް، ސަހުލާ ނިންމައިގެން ހުރީ މި ކައިވެނި ކުރާށެވެ. ސަހުލާ ސިޓިންގރޫމްގައި އެތައް އިރަކު މަޑުކޮށްގެން ހުރުމަށްފަހު، އޭނާ ކޮޓަރިއަށް އައިސް ވަނީ އެއްވެސް މީހެއް ކޮޓަރިން ބޭރަށް ނުނިކުތުމުންނެވެ. ޙަޤީޤަތުގައި ކުރެވެން އުޅޭ ކައިވެނިން ހަފްސާ އާއި ގާދިރުގެ ހިތަށް ވަނީ ތޫނު ތަދެއް އަރާފައެވެ. ހަފްސާގެ މައިލަގޮނޑިއަށް މިކަން ތަހައްމަލު ކުރަން އުނދަގޫ ވީނަމަވެސް، މާތްﷲއަށް ވަކީލުކޮށްލައިގެން ހަމަ ހުންނަނީއެވެ.

***

ދެ ދުވަސް ފަހެވެ. ސަހުލާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ގޭތެރޭގައި އުޅެނީ ވެސް ވަރަށް ހަމަޖެހިލާފައި، ވަރަށް އުފާވެފައި ހުރެގެންނެވެ. ނަމަވެސް އެމަންޒަރު ބަލަން ހަފްސާ އާއި ގާދިރަށް ފަސޭހައެއް ނޫނެވެ. އަވާމެންދުރެއްގައި ޖެހި، އެމީހުންގެ ދަރިއެއް ހަލާކުވާތަން ބަލަން ހުރުމަކީ މައެއްގަ ހައިސިއްޔަތުން ހަފްސާއަށް ކެތް ކުރަން ދަތި އިމްތިޙާނެކެވެ. މެންދުރު ނަމާދަށްފަހު، ހަފްސާ އާއި ގާދިރު ޓީވީ ހުޅުވައިގެން އިނީ ދަރުސް އަޑު އަހާށެވެ. ދަރުސް ދެމުން ގެންދިޔައީ އެމީހުންގެ ދަރިފުޅު ހިޝާމެވެ. އައްޑޫގެ މިސްކިތެއްގައި މެންދުރު ނަމާދު ފަހު ކުރިއަށް ގެންދަމުންދާ ދަރުސް ގިނަ ދިވެހި ޗެނަލްތަކުން ލައިވް ކުރަމުން ދިޔައެވެ. މިއީ ހިޝާމް ދަރުހެއް ދޭ ފުރަތަމަ ފަހަރެެއް ވެސް ނޫނެވެ.

ކޮޓަރީން ސަހުލާ ނުކުތީ ކަރު ހިއްކާތީ ފެން ފޮދެއް ބޯލުމަށެވެ. ދިޔަ ގޮތަށް ގޮސް ސަހުލާ ހުޅުވައިލީ އައިސް އަލަމާރިއެވެ. އެވަގުތު ވެސް ޓީވީ އިން ހިޝާމްގެ ދަރުހުގެ އަޑު ދިޔައީ ސަހުލާގެ ކަންފަތުގައި ޖެހެމުންނެވެ.

"(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32 މާނައަކީ، އަދި ތިޔަބައިމީހުން ޒިނޭއާ ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."

"ސުބްޙާނަﷲ! ވިސްނާވަޑައިގެން ބައްލަވާ! މިއީ ހާދަ ބިރުވެރި ފާފައެކޭ. ނަމަވެސް ހިތާމައަކީ މިއަދު މި ވަބާ އަޅުގަނޑުމެންގެ ތެރޭގައި އާންމު ވެފައިވާކަން. ނަޙަލާލަށް ބަލިވެ އިނުމާ، އެކަން ސިއްރު ކުރަން ކައިވެނި ކުރުން އާންމު ވެއްޖެ. މުސްލިމު އަޚުންނާއި އުޚުތުންނޭ! ނަމަވެސް އެކައިވެނިތައް ސައްހައެއް ނުވާނެ. މާތްﷲއަށް އެކަން ސިއްރެއް ނުކުރެވޭނެ. އެކަލާނގެއަށް އޮޅުވައެއް ނުލެވޭނެ." ހިޝާމް އަސަރާ އެކު ދަރުހުގައި ދައްކަމުން ދިޔަ ވާހަކަތަކުން ސަހުލާއަށް ކުއްލިއަކަށް މޫނު އަނބުރައިލެވުނީ ޓީވީއާ ދިމާލަށެވެ. (ނުނިމޭ)