އެއް ޒަމާނެއްގައި ކަރީނާ ކަޕޫރު ހީކުރަނީ އަމީތާބް ބައްޗަން އަކީ ވަރަށް ގޯސް މީހެއް ކަމަށެވެ. އެއީ 1980 ގެ އަހަރުތަކުގައި ކަރީނާ ވަރަށް ކުޑަކުޑައިރު ބައްޕަ ކުޅުނު ފިލްމެއްގެ ޝޫޓިންގަކަށް ގޮސް އުޅުނުއިރު ފެނުނު މަންޒަރަކުން އޭނާއަށް ހީވި އެއްޗެކެވެ.
އެ ފިލްމަކީ 1983 ގައި ރިލީޒްކުރި "ޕުކާރް" އެވެ. އެ ފިލްމުގެ ސެޓަށް ކަރީނާ ދިޔަ ދުވަހަކު ޝޫޓް ކުރަމުން ދިޔައީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރު ތަކެކެވެ. ފިލްމުގެ ބަތަލު އަމީތާބާއި ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ތަޅާފޮޅާ މަންޒަރު ޝޫޓް ކުރަމުން ދިޔައިރު މިއީ އަސްލެއް ކަމެއް ކަރީނާއަކަށް ނުވިސްނުނެވެ. އެހެންވެ އަމީތާބު ވަރަށް ގޯސް މީހެއްކަމަށް އޭނާ ނިންމީ އެވެ.
ކަރީނާއަށް ވިސްނުނީ ގޯސްކޮށްކަން ވިސްނައިދޭން ވެގެން އަމީތާބު އެ ދުވަހު ވަނީ ކަރީނާގެ ދެ ފައި ވެސް ދޮއްވާފަ އެވެ.
އަމީތާބުގެ ބްލޮގްގައި އޭނާ މިކަން ހިނގައި ދިޔަ ގޮތް ކިޔައިދީފައި ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި ގޯއާގައި "ޕުކާރު" ގެ އެކްޝަން މަންޒަރެއް ނެގިއިރު އެ ތަން ބަލަން ރީތި މާތަކެއް ޖަހާފައިވާ ތޮތްޕެއް އަޅައިގެން ކަރީނާ ހުއްޓެވެ. އަދި އަމީތާބު ކަރީނާގެ ބައްޕަގެ ގައިގައި ތަޅާތަން ފެނިފައި ކެތްނުވެގެން ދުވަމުން އައިސް ބައްޕަ ގައިގައި ކަރީނާ ބައްދައިގަތް ކަމަށް ވެސް އަމީތާބު ލިޔެފައި ވެއެވެ.
"ކަރީނާގެ މައުސޫމްކަމުން އެއީ އަސްލު ޖަހަނީ ނޫންކަމެއް އޭނާއަކަށް ނުވިސްނުނު. އެހެންވެ އެ މަންޒަރުތައް ޝޫޓްކުރަމުން ދިޔަ ވަގުތު އެތަނަށް ދުވެފައި ނުކުމެގެން ގޮސް އޭނާގެ ބައްޕަގެ ގައިގައި ބައްދައިގެންފައި "ނުލަފާ މީހާގެ އަތްދަށުން" ބައްޕަ ސަލާމަތްކުރަން މަސައްކަތްކުރި،" އަމީތާބު ލިޔެފައި ވެއެވެ.
ކަރީނާ އެވަގުތު ހުރި ހާލަތު ބަޔާން ކޮށްދެމުން އަމީތާބު ބުނީ ބައްޕަ އަށް އަނިޔާކުރާ ތަން ފެނިފައި ކަރީނާ އަށް ހުރީ ވަރަށް ބޮޑަށް ރޮވި، އުނދަގޫވެފައިކަމަށެވެ. އަދި ވެލިގަނޑުގައި ހުސްފައިގައި ދުވެފައި އައިމަ މުޅި ފައިގައި އޮތީ ހުސް ވެއްޔެވެ.
"އަހަރެން ފެން ބާލިދީއެއް ގެނުވައިގެން އޭނާގެ ކުޑަކުޑަ ފައި ދޮވެދީ އޭނާ ހަމައަކަށް އަޅުވަން ވަރަށް މަސައްކަތް ކުރިން. އަދި އޭނާއަށް ފެނުނީ އަސްލެއް ނޫންކަމަށް ވިސްނައިދޭން ވެސް ވަރަށް މަސައްކަތް ކުރިން. އަހަންނަށް ހީވަނީ ފައި ދޮއްވީމަ ކަރީނާ އަށް ވެސް އަހަރެންނަކީ ގޯސް މީހެއް ނޫން ކަން ވިސްނުނުހެން. ފަހުން ހުރީ ވަރަށް ހަމަޖެހިފަ. އަދި މިހާރުވެސް އޭނާ އެ ހަނދާން ހުރޭ،" އަމީތާބު ލިޔެފައި ވެއެވެ.