ބޮލީވުޑް

"އޯ އޯ ޖާނެ ޖާނާ"ގައި ސަލްމާން ގަމީސް ނުލި ސަބަބު!

ސަލްމާން ޚާން ނަށާފައި ހުންނަ ގިނަ ލަވަތަކަކީ އޭނާގެ ފޭނުން މޮޔަވާ ދަރަޖައަށް ދިޔަ ލަވަ ތަކެކެވެ. އެއީ "ހުޅު ހުޅު ދަބަންގް ދަބަންގް" ކަމަށް ވިޔަސް "ޖަގް ޖޫމިޔާ" ކަމަށް ވިޔަސް ފޭނުން ވަނީ ސަލްމާންގެ ގިނަ ލަވަތަކަށް ބޮޑު ތަރުހީބެއް ދީފަ އެވެ.

ސަލްމާންގެ ނެށުންތަކަށް އެހާ ބޮޑު މަގްބޫލުކަމަކާއި ތަރުހީބެއް ލިބެން ފެށުމުގެ އަސްލަކީ 90ގެ އަހަރުތަކުގެ ޗާޓްބަސްޓާ "އޯ އޯ ޖާނެ ޖާނާ"އެވެ. ސަލްމާން ހުސް ގަޔާ ހުރެ ނަށާފައިވާ މި ލަވައަކީ މިހާތަނާ ޖެހެން ދެން ވެސް ސަލްމާނުންގެ ފޭނުންގެ މެދުގައި އެންމެ މަގްބޫލު އެއް ލަވަ އެވެ. އެ ލަވަޔަށް ޚާއްސަކޮށް ސަލްމާން ނަށާފައިވާ ބައެއް ސްޓެޕްތައް މިހާރުވެސް ބައެއް ޝޯތަކުގައި މީހުން ކޮޕީ ކުރެ އެވެ.

ނަމަވެސް "އޯ އޯ ޖާނެ ޖާނާ" އަކީ ހަ އަހަރު ވަންދެން އެކިއެކި ފިލްމުތައް އުފައްދާ ފަރާތްތަކުން ނޫނެނޭ ބުނަމުން ގޮސްފައިވާ ލަވަ އެކެވެ. އެންމެ ފަހުން ސަލްމާންގެ "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ"އިން އެ ލަވައަށް ޖާގަ ލިބުނީ އެވެ.

ދާދިފަހުން ޒީ ޓީވީގެ ސިގިން ރިއަލިޓީ ޝޯ "ސާރޭގާމާޕާ"ގައި ބައިވެރިވި ސަލްމާން ވަނީ މި ވާހަކަތައް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަތުގައި އެ ލަވައިގެ ސީޑީ އޮންނަތާ ހަ އަހަރު ވީއިރުވެސް އެއްވެސް މިއުޒިކް ކުންފުންޏަކުން އެ ކުންފުނިން އުފައްދާ އެއްވެސް ލަވަ އަލްބަމެއްގައި ހިމަނައިދޭކަށް އެއްބަހެއްނުވެ އެވެ.

"އަހަރެންނަށް އެ ލަވަ ރީތިކަމުން އެންމެ ފަހުން އަހަރެމެންގެ ހޯމް ޕްރޮޑަކްޝަންގެ ފިލްމެއް ކަމަށްވާ 'ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ'ގައި ހިމެނީ. އަހަރެން ސުހައިލް ކައިރީ ބުނިން ކޮންމެހެން ވެސް މި ލަވަ ހިމަނަން ޖެހޭނޭ މިފަހަރު،" ސަލްމާން ބުންޏެވެ.
ސަލްމާން އިތުރަށް ކިޔައިދިން ގޮތުގައި އެ ލަވައިގައި އޭނާ ގަމީސް ނުލާ ހުރީ އެއީ އެ ލަވަ ޝޫޓްކުރަން ކުރިން ރާވާފައި އޮތް ގޮތެއް ނޫނެވެ. އެކަން ދިމާވީ އެ ލަވައިގައި ސަލްމާން ލާން އޮތް ގަމީސް އޭނާއަށް ހެޔޮވަރު ނުވެގެންނެވެ.

"އަހަރެމެން އެ ލަވައިގެ ޝޫޓިން އޭރު ނަގަމުން ދިޔައީ މަދް އައިލެންޑްގައި. އަހަރެމެންގެ ޑްރެސް ޑިޒައިނަރަކީ ވިކްރަމް ޕަޑްނިސް. އެ ލަވަ ކުޅުނުއިރު އަހަރެންގެ ހަށިގަނޑު ވަރުގަދަ ވެފައި ހުރި ވަރުން އަހަރެންނަށް އެ ގަމީސް ބާރުވީ. އަހަރެން އެ ލީމަ ހުންނަނީ ބްލައުޒް އެއް ލީމަ ހުންނަހެން. އަހަރެމެން އެ ގަމީސް ހެޔޮވަރުކުރަން އަނބުރާ ފޮނުވާލިން. އެކަމަކު މާ ބޮޑަށް ގަމީސް ލިބުން ލަސްވާތީ އަހަރެން ސުހައިލް ކައިރީ އެހެން ގަމީސް ނުލާ ޝޫޓްކުރަންވީ ނޫންހޭ. ފުރަތަމައިނުން ސުހައިލް އެހާ ބޮޑަކަށް އެކަމަކަށް ތާއީދެއް ނުކުރި. ނަމަވެސް ކުޑަ ތަންކޮޅެއް ޝޫޓްކޮށްލާފައި މޮނިޓާ އިން ބަލާފައި ކިޔައިފި ހިނގާށޭ އެގޮތަށް ޝޫޓް ކުރަމާ،" ސަލްމާން ކިޔައިދިނެވެ.