ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ 10.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި ޓެކުހުގެ އާމްދަނީގެ ލަފާ ކުރުން އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 16 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމްލަ އާމްދަނީއަކީ 21 ބިލިއަން ރުފިޔާ އެވެ.
އާމްދަނީގައި ހިމެނޭ އެހެނިހެން ބައިތައް
- ޓެކްސް ނޫން އާމްދަނީ ތިން ބިލިއަން
- ކެޕިޓަލް ރިސިޕްޓް 13.5 މިލިއަން
- ހިލޭ އެހީ 644.0 މިލިއަން
އާމްދަނިން ޓެކުހުގެ ގޮތުގައި ލިބުނު ބައިތަކަށް ވަކިބައިތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ޖީއެސްޓީ އިންނާއި ނޯމަލް ޖީއެސްޓީ އިންނެވެ. ދެން ހިމެނެނީ ބިޒްނަސް ޕްރޮފިޓް ޓެކުހާއި އިމްޕޯޓް ޑިއުޓީ އެވެ.
ޓެކުހުގެ އާމްދަނީ ލިބިފައިވާ ގޮތް
- ޖީއެސްޓީ ހަ ބިލިއަން
- ޓީޖީއެސްޓީ ހަތަރު ބިލިއަން
- ބީޕީޓީ 2.6 ބިލިއަން
- އިމްޕޯޓް ޑިއުޓީ 2.2 ބިލިއަން
- ގްރީން ޓެކްސް 650.6 މިލިއަން
- އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) 376.8 މިލިއަން
ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޕްރޮޕަޓީ އިންކަމް އާއި ރިސޯޓު ކުއްޔެވެ. ރިސޯޓުތަކުގެ ކުލިން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ލިބުނުއިރު ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފީއާއި ޗާޖުގެ ގޮތުގައި 899.0 މިލިއަން ރުފިޔާ ލިބުނުއިރު ރެޖިސްޓްރޭޝަލާއި ލައިސަންސް ފީގެ ގޮތުގައި 572.1މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރު ހަރަދު ކުރަން 33.4 ބިލިއަން ރުފިޔާ ދީފައިވާއިރު މިހާތަނަށް 26.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ބަޖެޓުގެ 73 ޕަސެންޓް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އަދި 23 ޕަސެންޓް ކެޕިޓަލް އެކްސްޕެންޑިޗާއަށް ވަނީ ހޭދަކޮށްފަ އެވެ.