ދުނިޔެ

އިންޑޮނޭޝިއާ ކަނޑަށް ބިންހެލުމެއް: ސުނާމީއެއް އުފެދުމުގެ ބިރެއް ނެތް

އިންޑޮނޭޝިއާގެ އިރު ދެކުނުން 180 މޭލު ދުރުގައި އޮންނަ އެމްބަން ކިޔާ ރަށުގެ ކައިރިން ކަނޑުއަޑިއަށް މިއަދު ބިންހެލުމެއް އައިސްފި އެވެ.

ރިކްޓަ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި، އެމްބަން އާއި ބަންޑާ އަށް ބޮޑު ލޮޅުމެއް އަރާފައިވީ ނަމަވެސް އިންޑޮނޭޝިއާގެ އެއްވެސް ސަރަހައްދަކަށް ގެއްލުންތަކެއް ލިބުނު ކަމަށް އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައެއް ނުވެ އެވެ. އިންޑޮނޭޝިއާގެ ސުނާމީ ސެންޓަރުން ބުނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ބިރުވެރިކަމެއް ނެތް ކަަމަށެވެ.

ބިންހެލުން އައިސްފައި ވަނީ 75 ކިލޯ މީޓަރު (47 މޭލު) ކަނޑުގެ އަޑިއަށެވެ.

އިންޑޮނޭޝިއާއަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ލޮޅުންތައް ގިނައިން އަންނަ ސަރަހައްދެއްގައި އޮންނަ ގައުމެކެވެ. މުޅި އިންޑިއާ ކަނޑުގެ ގައުމުތަކަށް 2004 ވަނަ އަހަރު އައި ސުނާމީއަކީވެސް އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީ އެކެވެ.