ހަބަރު

އެކަނިވެރި މައިން މާދަމާ 3:00 ގެ ކުރިން ފައިސާއާ ހަވާލުވާން އެދެފި

ރައީސްގެ ދެކަނބަލުންގެ ފަރާތްޕުޅުން ދެއްވާ 1000ރ ގެ އިނާޔަތަށް ޝަރުތުހަމަވާ އެކަނިވެރި މައިންގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބޭ ފަރާތެއް ވާނަމަ މާދަމާ ހަވީރު 3:00 ގެ ކުރިން ރައީސް އޮފީހަށް ގުޅައިގެން ފައިސާއާ ހަވާލުވުމަށް މިއަދު އިލްތިމާސްކޮށްފި އެވެ.

ރައީސްގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ، މިއަދު އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، ރައީސްގެ އިނާޔަތް ގަބޫލުފުޅުކުރައްވައި އެކަމަށް އެއްބާރުލުންދިން ހުރިހާ އެކަނިވެރި މައިންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިހާތަނަށް އިނާޔަތަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެ ފައިސާ ނުލިބޭ މީހަކު ހުރެއްޖެ ނަމަ، ރައީސް އޮފީހުން އެކަމަށް ހާއްސަކޮށްފައިވާ ހޮޓަލައިނަށް ގުޅައިގެން ފައިސާއާ ހަވާލުވުމަށެވެ. އެކަނިވެރި މައިންނަށް ފައިސާގެ އިނާޔަތް ދިނުމުގެ ޕްރޮގްރާމަށް ހާއްސަކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 3346277 އެވެ.

"މިހާތަނަށް ޝަރުތު ހަމަވާ އެއްވެސް ފަރާތަކަށް ނުގުޅި ވާނަމަ މި ނަންބަރާ ގުޅުއްވައިގެން ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެދިވަޑައިގަންނަވަ އެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ، އެކަނިވެރި މައިންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ދެއްވި އިނާޔަތަކީ މާބޮޑު އަދަދަކަށް ނުވި ނަމަވެސް، އޭގެ ސަބަބުން އާ އަހަރުގެ ކިޔެވުމަށް ތައްޔާރުވާން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް މައިންނަށް ލިބިގެންދާނެ ކަމަށް ރައީސްގެ ދެކަނބަލުން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތުގައި ބަލައިގަތް މައިންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ އެލަވަންސް ދިނުމުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ރައީސްގެ ދެކަނބަލުން ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.