ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމާ ފާސްކޮށްފައިވާ ރިޕޯޓުން އެ އެއްބަސްވުންތަކުގައި ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް ކުޑަވެސް އަސަރެއް، ލޮޅުމެއް ނުކުރާކަން ވަރަށް ސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހެދުމަށް ވެވުނު އެއްބަސްވުމާއި ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓު ބާއްވައިގެން އޮޕަރޭޓް ކުރުމަށް ވެވުނު އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ހަވާލުކުުރުމަށް ވެވުނު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އެ ހުށައެޅުއްވުމާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ބޭއްވި 241 ކޮމެޓީން ވަނީ ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ނިންމާ ރިޕޯޓް ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓަށް މިރޭ ވަނީ ވޯޓަށް އަހާފައެވެ. އެ ރިޕޯޓް ފާސްކުރުމަށް 53 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. ހަ މެންބަރަކު ވަނީ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. 59 މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓްގައި ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން އެކަންޏެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލަމުން ރިޔާސަތުގައި އިންނަވާ ރަައީސް ނަޝީދު ވިދާޅުވީ 241 ކޮމެޓީގެ ރިޕޯޓުން އެ އެއްބަސްވުންތަކުގައި ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް ކުޑަވެސް އަސަރެއް، ލޮޅުމެއް ނުކުރާކަން ވަރަށް ސާފު ކަމަށެވެ.
"ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރެވިފައި ހުރި އެގްރީމަންޓްތަކާއި ގުޅޭ ނުތަނަވަސްކަން ބައެއް އިއްޒަތްތެރި މެންބަރުންގެ ކިބާގައި އޮތަތީ އެ އިއްޒަތްތެރި މެންބަރުން އެދިވަޑައިގަތުމުން އެ އެގްރީމަންޓްތައް ވަނީ މިތަނުން، މަޖިލީހުގެ ކޮމެޓީން ދިރާސާކުރެވިފައި. އަދި އެ ދިރާސާ ކުރެވުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެވި އެ ރިޕޯޓްގައި ބުނާ އެއްޗެއް މި ވަނީ ފާސްކުރެވިފައި. އެ ރިޕޯޓުން ވަރަށް ސާފުކޮށް އެގެނީ ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް އެގްރީމަންޓްތަކުގެ ސަބަބުން ކުޑަވެސް އަސަރެއް، ލޮޅުމެއް ނުކުރާކަން،" ނަޝީދު ވިދާޅުވިއެވެ.