ދީނާ ހިލާފު ވާހަކަތައް ފަތުރާ ވެބްސައިޓްތަކާއި ޕޭޖުތައް ބްލޮކްކުރަން އަމުރެއް ނެރެފި އެވެ.
ފުލުހުން ދެންމެ ބުނީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވާ ކަމަަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ.
އަދި މި އަމުރު ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައި ކަމަށެވެ.
ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ގެންދަނީ ފާޅުކުރަމުންނެވެ. ބައެއް ވެބްސައިޓްތަކާއި ޕޭޖުތަކުން ވަރަަށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަން ކުރަނީ ދިވެހިންގެ އެހީތެރިކަންވެސް ހޯދައިގެންނެވެ. ދިވެހި ބަހުން އަޑުއަޅައިގެން ދިވެހި ބަހުން ލިޔެގެންނެވެ.