ލައިފްސްޓައިލް

ބޭންކް މެނޭޖަރު: ލެޓްސްގޯ ރިޔާޒަށް ބަދަލުވި ގޮތް

އޭނާގެ ވާހަކަ ފެށީ ގައުމީ ބޭންކް، ބީއެމްއެލްގެ ތެރެއިންނެވެ. އޭނާގެ އުމުރުން 20 އަހަރުގެ ހަނދާން ތަކުންނެވެ. އެއީ 13 އަހަރުގެ ދިގު ހަނދާނެކެވެ. އޭނާ އުޅުނީ ވަރަށް އުޅޭ ހިތުންނެވެ. ނިކަން އެކަމާ ގަޔާ ވެގެންނެވެ. އެންމެ ފަހުން އެކަމުގެ އެންމެ އުހަށް ވެސް އޭނާ ދަތުރުކުރި އެވެ. އެންމެ އާދައިގެ މަގާމަކުން ފެށި ބޭންކްގެ ދަތުރު ނިންމާލީ، ގދ. ތިނަދޫ ބޭންކް މެނޭޖަރެއްގެ ވަޒީފާ އަދާކޮށްފަ އެވެ. އޭގެ ތެރެއިން އަތުގައި ހިފި ފުރުސަތެއްގައި ރަހުމަތްތެރިޔަކާ ގުޅި، ޓްރެވަލް ކުންފުންޏެއް އުފެއްދި ހިސާބުން އެ ވަޒީފާއަށް ނިމުން އައީ އެވެ. ނަމަވެސް މި ޕާޓްނާޝިޕް ވައިގައި ހިފާގޮތެއް ނުވި އެވެ. އެކަން ހުއްޓުނީ އެވެ. ފަހެއް ބެލުމެއް ނެތެވެ. އަނެއްކާ ވެސް ސުމަކުން ފަށައި، 2005 ވަނަ އަހަރު އޭނާ އަމިއްލަ ޓްރެވަލް ކުންފުނި "ލެޓްސްގޯ މޯލްޑިވްސް" އާ އެކު ތެދުވީ އެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ މުއްސަދި އެއް ޓްރެވަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު، މަޝްހޫރު ނަމުން ނަމަ ލެޓްސްގޯ ރިޔާޒު މިހާރު މީހަކަށް ވަނީ އެނަމާ އެކީގަ އެވެ.

"އަޅުގަނޑު އަބަދު ވެސް މި ތިބެނީ ލެޓްސްގޯ މޯލްޑިވްސް، ލެޓްސްގޯ މޯލްޑިސް ކިޔާލަ، ކިޔާލަ، ނިދަން އޮންނައިރު ވެސް ކިޔެނީ މިހެން. ކޮންމެ ދުވަހަކު ރާއްޖެ އިޝްތިހާރު ކުރުމަށް ބުރަ މަސައްކަތް ތަކެއް ކުރެވޭ،" ރިޔާޒު ގެ ވާހަކަ ފެއްޓި އެވެ.

ލެޓްސްގޯ އުފެއްދީ އެ ދުވަސްވަރު ތަރައްގީވެ، އަރާ އަރަފޯދެމުން އައި ޓޫރިޒަމްގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ނުފުއްދޭ ކަމަށް ރިޔާޒަށް ގަބޫލު ކުރެވިގެންނެވެ. އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހިދުމަތް ދޭނެ ނަން މަޝްހޫރު ޓްރެވަލް އެޖެންސީއެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވައިގެންނެވެ. އެ މަގުސަދު މާ ރަނގަޅަށް ވެސް ހާސިލް ކުރައްވައިފަ އެވެ. ރާއްޖެއަށް އަންނަ އެތައް ލައްކަ ޓޫރިސްޓުންގެ ދޫ މައްޗަށް އެންމެ ފަރިތަމަ ނަމަކީ ހަމަ ގައިމު ވެސް، "ލެސްޓްސް ގޯ" އެވެ. "ލެޓްސް ގޯ"ގެ ހިޔަލުގައި ރާއްޖެ އައުމަށް މިއަދުވެސް އެތައް ޓޫރިސްޓުންނަށް އެ އަންނަނީ ދަތުރު ކުރަމުންނެވެ. އަދި ވެއިޓިން ލިސްޓްގައި ވެސް ރިޔާޒު، "ލެޓްސް ގޯ" އޭ ވިދާޅުނުވެގެން މަޑުކޮށްގެން ތިބި އެތައް ޓޫރިސްޓުންނެއް ވެސް އެބަ ތިއްބެވެ.

"ލެޓްސް ގޯ ޓާގެޓް ކުރިން އަޕް މާކެޓު ކްލައިންޓުންނަށް. އޭރު އަޕް މާކެޓު ކްލައިންޓުން އަންނަން ފަށައިފި. މިހާތަނަށް ރާއްޖެއަށް އަންނަ ވަރަށް ހައި ޕްރޮފައިލް ކްލައިންޓުން ހޭންޑްލް ކޮށްފައިވާނެ. އެއީ އަޅުގަނޑު އަޒުމް ކަނޑައެޅި ކަމަކީ ވެސް. އެކަން އަޅުގަނޑަށް ހީވަނީ ހާސިލް ވެއްޖެހެން،" ސަތޭކައެއްހާ ރިސޯޓަށް ޓޫރިސްޓުން ގެނައުމުގެ ޒިންމާ އަދާކުރާ ކުންފުނީގެ އެމްޑީ ރިޔާޒު ވިދާޅުވި އެވެ. "ކުންފުނި އުފެއްދިއިރު ރާއްޖެ ރިސޯޓުތައް އަޕް މާކެޓަށް ދަނީ. އާއްމުކޮށް ހުރި ރިސޯޓުތައް ވެސް އަޕްމާކެޓަށް ބަދަލުވަމުން ދިޔައީ. އެހެންވެ އަޅުގަނޑަށް ފެނުނީ އަޕްމާކެޓަށް ޑިމާންޑް ހައިކަމަށް. އެހެންވެ ޓާގެޓްކުރީ ރަޝިޔާ މާކެޓަށް. އެއަށްފަހު ބެލެންސެއް ގެންގުޅެއް ވެގެން ޗައިނާ މާކެޓަށް ފޯކަސްކުރީ"

ރާއްޖެ އިޝްތިހާރު ކުރުން: އުފަލަކާއި ފަހުރެއް

ދުނިޔޭގެ ކޮންމެ އުފަލަކަށް އަތް ފޯރާ ހިސާބުގައި ރިޔާޒު ހުއްޓަސް އޭނާ އެ ހިސާބަށް އަންނަން ކުރީ ފަސޭހަ ދަތުރެއް ނޫނެވެ. އަމިއްލައަށް އެތައް ގުރުބާނީ އެއްވި އެވެ. އެކަމަކު މިއަދު އޭނާއަށް އެއީ އުފަލެކެވެ. އެ މަސައްކަތަށް ޓަކައި އޭނާ ފަހުރުވެރިވެ އެވެ. ރިޔާޒު ގަބޫލު ކުރައްވާ ގޮތުގައި އޭނާގެ ވިޔަފާރީގެ ފައިދާ މުޅި ގައުމަށް ވަނީ ފަތުރާލެވިފަ އެވެ. އޭނާގެ މަސައްކަތަކީ ސީދާ ރާއްޖެއަށް ޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ރިޔާޒު ގަބޫލު ކުރައްވަ އެވެ. އޭނާ ހުންނެވީ، "އަމިއްލަ ޖީބުން" ހަރަދު ކުރައްވައިގެން އެވަރުގެ ބުރަ ހިދުމަތެއް ގައުމަށް ކޮށްދެވޭތީ އެ ހިތްހަމަ ޖެހުމުގަ އެވެ.

އޭނާގެ ނަޒަރުގައި 100 ޕަސެންޓް ދިވެހި ކުންފުންޏެއްގެ ހައިސިއްޔަތުން ޑެސްޓިނޭޝަން ޕްރޮމޯޓް ކުރަން ކުރާ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހެ އެވެ. އެކަން ރިޔާޒު ދެކެނޭ ގައުމީ ހިދުމަތެއްގެ ގޮތުގަ އެވެ. އެ މަސައްކަތް ދޫކޮށްލެއްވުމުގެ އެއްވެސް ވިސްނުމެއް ރިޔާޒުގެ ނެތެވެ. ހުންނެވީ ކުރިއަށް ވަޑައިގެންނެވުމުގެ އަޒުމުގަ އެވެ.

"ސަރުކާރުން ބައިވެރި ނުވެ ވެސް ވަރަށް ގިނަ ފެއާތަކެއްގައި ބައިވެރިވެ އިޝްތިހާރު ކުރަން. ދިވެހި ކުންފުނިތައް ދިޔައީމަ ފައިދާއަކީ ދިވެހި ކުންފުނިތަކުން މި ކުރަނީ ގައުމު އިޝްތިހާރު. ގައުމުގައި ކޮންމެ ކަމެއް ހިނގިއަސް އެކަންތައް ނުބަލައި ދިވެހިން ބަލާނެ ގައުމު އިޝްތިހާރު ކުރަން. އެހެންނެއް ނުވާނެ ބޭރުގެ ޗެއިން ތަކެއް. އެ މީހުން މުޅި ދުނިޔޭގައި ހުންނަ އެމީހުންގެ ރިސޯޓުތައް އިޝްތިހާރު ކުރޭ. މިއީ އަންނަ ތަފާތަކީ،" ރިޔާޒު ވިދާޅުވި އެވެ.

މި މަސައްކަތުގެ ދަށުން ރާއްޖެ އަށް ރީތިނަން ހޯދައި ދިނުމަށް ރިޔާޒްގެ ރުބާނީ ތައް ގިނަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ގިނަ އެވޯޑު ތަކެއް ރާއްޖެއަށް ގެނެސް ދިނުމުގައި ރިޔާޒުގެ ހިއްސާ ހަމަ ވަރަށް ވެސް ބޮޑެވެ. "ސެވަން ސްޓާ ލަގްޒަރީ" އެވޯޑު ރާއްޖެއަށް ހޯދައި ދިނީ އޭނާގެ މަސައްކަތުންނޭ ބުނެވިދާނެ އެވެ. އަދި "ވޯލްޑް ޓްރެވަލް އެވޯޑު" ރާއްޖޭގައި ބޭއްވުމުގައިވެސް ރިޔާޒުގެ ހިއްސާ ވަކި ކުޑައެއް ނޫނެވެ.

ދިވެހި ކުންފުނިތަކަށް ހިމާޔަތް ނެތުން: ޝަކުވާއެއް!

ރިޔާޒުގެ މިއަދުގެ އެންމެ ބޮޑު ޝަކުވާ އަކީ، ދިވެހި ޓްރެވަލް ކުންފުނިތައް އަމިއްލަ ހަރަދުގައި ބޭރަށް ގޮސް ރާއްޖެ އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، ދިވެހި ޓްރެވަލް އެޖެންޓުނަށް ގާނޫނީ ހިމާޔަތެއްނެތެވެ. ޓްރެވަލް އެޖެންޓުނާ ބެހޭ ހަރުދަނާ ގަވާއިދެއް ނެތުމުން ބައެއް ފަހަރު ހުތުރު ނަމުގައި އޭނާ ވެސް އެޅެން ޖެހެ އެވެ. ނުކުރާ ކިތަންމެ ކަމެއްގެ ހުތުރު ނަން ބޮލު އަޅައިގެން ވެސް އުޅެން ޖެހެ އެވެ.

"ގިނަ ކުންފުނިތަކުން ވަރަށް ބުރަ މަސައްކަތް ކުރޭ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ ޓްރެވަލް އެޖެންސީ ގަވާއިދެއް ހެދިފަ ނެތުން. ލޯކަލް މީހުންގެ ޕްރޮޓަކްޝަނެއް ނެތް. ބޭރު މީހުންނަށް ރާއްޖޭގައި ފްރޮޓޯގްރަފީ ނުކުރެވޭ. އެއީ ވަރަށް ރަނގަޅު ކަމެއް. އެންމެ މުހިންމު ދާއިރާއަކީ ޓްރެވަލް ދާއިރާ. ޓޫރިޒަމް ދާއިރާގައި ލޯކަލް ޓްރެވަލް އެޖެންޓުން ޕްރޮޓެކްޓް ކުރަން ޖެހޭ،" ބޭރުގެ ގިނަ އެވޯޑުތަކެއް ލިބިފައިވާ ކުންފުނީގެ އެމްޑީ، ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާ ކަންތައްތަކާ ގުޅިގެން އެންމެ ފުރަތަމަ ސުވާލު ކުރާނީ ދިވެހި ޓްރެވަލް އެޖެންޓުންނާ އެވެ. ސުވާލުތައް އެމީހުން ހަމަ އެކީ ބަންޑުން ކޮށްލާނެ އެވެ. އެކަމަކު އެކަހަލަ ކޮންމެ ފަހަރަކު އެވެނި މިވެނި އެއްޗެކޭ ކިޔައިގެން ޓޫރިސްޓުން މައްސަލާ ކޮށްލުން އޮންނަނީ ރިޔާޒުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގަ އެވެ.

"ރާއްޖޭގައި ހިނގާ ކަންކަންކަމުން ވަރަށް ސުވާލުކުރޭ. ސްޓޭޓް އޮފް އިމަޖެންސީގެ ސަބަބުން ވެސް ސުވާލުކުރި. ނަމަވެސް އަޅުގަނޑުމެން އަބަދު ވެސް ބަލަނީ ޕޮޒިޓިވް ހަބަރުތައް ދޭން. ކޮންމެ ވެސް ގޮތަކަށް ޕެޗް އަޅައިގެން ކުރިއަށް މިދަނީ،" ރިޔާޒު ވިދާޅުވި އެވެ.

ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް، ރިޔާޒު ލެޓްސްގޯގެ ވިޔަފާރި ފުޅާ ކުރުން ނޫން އަޒުމެއް އޭނާގެ ނެތެވެ. އޭނާ 24 ގަޑިއިރުގެ މަސައްކަތަކީ މިއީ އެވެ. މި މަސައްކަތުން ޑައިވިން މާކެޓަށް ހާއްސަ ސަފާރީއެއް ވެސް އޭނާ ވަނީ މިހާރު ބަދެ، މާކެޓަށް ނެރެފަ އެވެ. އެ ވިޔަފާރީގަިއ ވެސް އޭނާ މިހާރު އެ ހުރީ ފައި ހަރުކޮށްގެންނެވެ. މި ނިމުނީ އެއް ނޫނެވެ. ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަނުމަށް ވެސް އޭނާ ހުރީ އަމާޒު ހިފައިގެންނެވެ. ރިޔާޒު ގަބޫލު ކުރައްވާ ގޮތުގައި މިއީ ޝައުގާ އެކު ކުރާ މަސައްކަތެކެވެ. މިކަމުގައި އަދިވެސް މައްޗަށް ދާން ބޭނުންވެ އެވެ.

"މިހާރު ޑައިވިން މާކެޓަށް ހާއްސަ ދޯޏަކާއި ސަފާރީއެއް އޮންނާނެ. މީގެ އިތުރުން ހުޅުމާލޭގައި ބުޓީކް ހޮޓަލެއް ވެސް ހަދަމުން މިދަނީ،" ވިޔަފާރި ފުޅާކުރަން ކުރާ މަސައްކަތް ކިޔައިދެމުން، ރިޔާޒު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ހަރުދަނާވާން ޖެހޭ"

އޭނާ ގަބޫލު ކުރައްވާ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރު ކުރުމުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހެ އެވެ. ހާއްސަކޮށް އެ ތަނަކީ މީހުން އިހުތިރާމު ކުރާ ހަރުދަނާ ތަނަކަށް ވާންޖެހޭ ކަމަށް ރިޔާޒު ގަބޫލު ކުރައްވަ އެވެ.

"އިޝްތިހާރު ކުރުމުގެ ފޯކަސް މިހުރީ މި ހުރީ ރަނގަޅަކަށް ނޫން. މިހާރު ކޮންމެ ވެސް ޕީއާރު ބަޔަކަށް ލާރި ދީގެން ފެއާތަކުގައި ބައިވެރި ވަނީ. މިހާރު އެގޮތް ބަދަލު ކުރަން ޖެހޭ. މިގޮތް މާ އިފެކްޓިވްއެއް ނޫން. އިފެކްޓިވްކޮށް ކުރަން ޖެހޭނީ އެކްސްޕާޓުނާއި އެކްސްޕެޓީސް ބޭނުން ކޮށްގެން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ "ތަފާތުކަން" ބޭރުގައި ދައްކަން ތަފާތު ހަރަކާތްތަކެއް ހިންގަން ޖެހެ އެވެ.

"ކިތަންމެ ގިނަ ފައިސާއެއް ވެސް ހޭދަ ކުރެވިދާނެ. އެކަމަކު އިފެކްޓިވް ކޮށް އެކަން އެބަ ޖެހޭ ކުރަން. ޕްލޭން ކުރަން ޖެހޭ. މިސާލަކަށް ރާއްޖޭގައި އިންޓަނޭޝަނަލީ އެވޯޑުތައް ބޭއްވި ދާނެ. ހޮލީވުޑް ނޫނީ ބޮލީވުޑް ފިލްމްތަކެއް ނެދިދާނެ. މީގައި ޖެހެނީ މީހުން ވާހަކަ ދެއްކޭނެ ގޮތެއް ހަދަން. ސްޓާ ވޯޒް ރާއްޖޭގައި ނެގުމަކީ ވަރަށް ބޮޑު އިޝްތިހާރެއް. އެ ފަދަ ކަންކަން ކުރަންވީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޕްރޮމޯޝަން ބޯޑުން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ޒިންމާ ބޮޑު ކަމަށެވެ.

"ޕްރޮމޯޝަން ބޯޑުން އެބަ ޖެހޭ އެކްޓިވް ވާން. އަޅުގަނޑުމެންނަށް ކައިރީ ބައެއް މީހުން އެބަ އަހާ ގެސްޓް ހައުސްތަކުގައި ހުންނަނީ ކޮން ލިމިޓޭޝަނެއް ތޯ؟ ގެސްޓުން ބައެއް ފަހަރު އެބަ ގުޅާ. ވެޑިން ބާއްވަން ހަދަނީ ކިހިނެއް ހޭ؟ ރާއްޖެ އޭ ބުނީމަ މީހުން ދެކެނީ ވަރަށް ޔުނީކްކޮށް. އެމްއެމްޕީއާރުސީއޭ ބުނީމަ މީހުން ހިތައް އަރަނީ ވަރަށް ޕްލޭން ތަނެކޭ އެއީ. އެކަމަކު އެތަން އިތުރަށް ހަރުދަނާ ކުރަން މިހާރު އެބަ ޖެހޭ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ގަބޫލުކުރާ ގޮތުގައި ޓޫރިޒަމް ޕްރޮމޯޓްކުރުމަކީ މެރަތަން އެއްގައި ދުވުމަށް ވުރެ އުނދަގޫ ކަމެކެވެ. އެކަން ހުއްޓުމެއް ނެތި ކުރަން މަޖުބޫރުވެ އެވެ.

"މަސްވެރިން ވެސް މަހަށް ނުކުމެގެން މަސް ބޭނޭ. އެ ކަހަލަ ކަމެއް ޓޫރިޒަމް ވިޔަފާރިއަކީ ވެސް. ޕްރޮމޯޓް ކުރުން ކޮންޓިނިއުސްކޮށް ކުރަންޖެހޭ. އެހެންނޫނީ ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2005 ވަނަ އަހަރާ ބަލާއިރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"މީގެ 10 އަހަރު ކުރިއާ ބަލާއިރު ވަރަށް ބޮޑު ޗޭންޖެއް މި ފެންނަނީ. މީގައި މީހުންގެ ތިންކިން އާއި ޓްރެންޑް ވެސް ބަދަލު ވެއްޖެ. މީހުން ބޭނުންވާ ކަންތައް ބަދަލުވެއްޖެ. މީހުންގެ ނީޑް ވެސް ބަދަލު ވެއްޖެ،" ރިޔާޒު ވިދާޅުވި އެވެ.

"ކުރިން ޓުއާ އޮޕަރޭޓަރުން ފްލައިޓް ޗާޓަރުކޮށްގެން ޓޫރިސްޓުން މި ގެންނަނީ. މިހާރު އިންޑިވިޖިއަލް މީހުންނަށް ވެސް އެއާލައިނުން ޓިކެޓް ބުކްކޮށްލައިގެން ނޫނީ އޮންލައިންކޮށް ބުކްކޮށްގެން ވެސް އާދެ."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ވަމުންދާ ވަރަށް ބަލާއިރު ރާއްޖެއަށް ބޮޑު އެއާލައިނެއް މުހިންމުކަން ބޮޑެވެ.

"މިހާރު މި އޮތީ މޯލްޑިވިއަން. އެ އެއާލައިން އަދި ކުޑައީ. ލޯންގް ހޯލް ހެދެން ޖެހޭ. ޔޫރަޕަށް ވެސް ދާން ޖެހޭ. އެ އާޕޯޓު ވެސް ތަރައްގީ ކުރަން ޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

"ޗައިނާގެ އިތުުރު ސިޓީތައް ބަލަން ޖެހޭ"

ރާއްޖޭން މި ވަގުތު ޗައިނާ ޓޫރިސްޓުން ގެންނަނީ މައިގަނޑު ހައެއްކަ ސިޓީއިންނެވެ. ނަމަވެސް ޗައިނާގެ އިތުރު ސިޓީތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ޖެހޭ ކަމަށް ރިޔާޒު ގަބޫލު ކުރައްވަ އެވެ.

"ޗައިނާ މީހުންނަކީ ފާޑެއްގެ ބައެއް. އެމީހުން ބޭނުންވަނީ ހަމައެކަނި އެގައުމަކަށް ގޮސް ޕާސްޕޯޓުގައި ޖަހާލަން މި ވެނި ގައުމަކަށް ދިޔައީމޭ. އެ މީހުންގެ މެންޓަލިޓީ ވަރަށް ތަފާތު. އެހެންވެ އެ ގައުމުގައި ރިޕީޓާސް މަދުވަނީ. އެކަމަކު ޗައިނާގައި ވެސް އަޕްމާކެޓެއް އޮވޭ. އެ މާކެޓުގައި އިޝްތިހާރު ކުރަން ޖެހޭ. އެ ގައުމަށް ހަމައެކަނި ޑިޕެންޑްވުމަކީ ރަނގަޅު ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މާކެޓިން ވަރުގަދަ ކޮށްފިނަމަ އެހެން ގައުމުތަކަށް ރާއްޖެއާ އަރާ ހަމައެއް ނުކުރެވޭނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް ރިޔާޒު އެ ހުންނެވީ އޭނާގެ ހިތާއި ރޫހު އަދި ހަޔާތް ވެސް ގުރުބާން ކުރައްވައިގެންނެވެ. އެ މަސައްކަތުގައި އޭނާ ލެޓްސްގޯ ނޫން ބަހެއް ވިދާޅެއް ނުވެ އެވެ. ރިޔާޒުގެ އަބަދުވެސް ވާހަކަ އަކީ ނުވާންވީ ކީއްވެ ހެއްޔެވެ؟ އަޒުމެއް އޮތިއްޔާ ގަދައަޅައި މަސައްކަތް ކުރާ ކޮންމެވެސް ގޮތެއް ފެންނާނެ އެވެ. ކުރިއަށް ދާނޭ މަގު ފަހިވާނެ އެވެ.