މިދިޔަ އޮކްޓޫބަރު މަހު އެންމެ އަގުތައް މައްޗަށް ގޮސްފައިވަނީ މޭވާ އެވެ. އަދި އެންމެ އަގު ދަށްވެފައިވަނީ މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިންނެވެ.
ގައުމީ ތަފާސް ހިސާބުތައް ބަލަހައްޓާ އިދާރާ، ނޭޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) އިން ނެރެފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުން އެ މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވާ މޭވާގެ ބައިގެ އަގުތައް ވަނީ 3.17 ޕަސެންޓް އުފުލިފަ އެވެ.
އަގު މަތިވި ބައިތައް
- މަހުގެ ބައިން: 1.44 ޕަސެންޓް
- ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ތެލުގެ ބައިން: 2.94 ޕަސެންޓް
- މަރާމާތުކުރުމަށް ބޭނުންކުރާ ސާމާނުގެ ބައިން: 0.76 ޕަސެންޓް
އަގު ހެޔޮވި ބައިތައް
- މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިން: 2.87 ޕަސެންޓް
- ބިހާއި ކިރުފަދަ ތަކެތީގެ ބައިން: 0.29 ޕަސެންޓް
އޮކްޓޫބަރު މަސް ވަކިން ބަލާނަމަ ރާއްޖޭގެ އިންފްލޭޝަން ވަނީ 0.08 ޕަސެންޓް މަތިވެފަ އެވެ. އަދި ސެޕްޓެމްބަރު މަހު ހުރީ 0.30 ޕަސެންޓުގަ އެވެ.
ސަރުކާރުގެ ހަރަދުތައް ފޫބައްދަށް އަންނަ އަހަރު ވެސް އިތުރު ފައިސާ ޗާޕު ކުރަން ނިންމާފައިވާތީ މުދަލުގެ އަގު ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނަނީ އެކަން އެގޮތަށް ނުވާނެ ކަމަށެވެ.