(28 ނޮވެމްބަރ 2021 އާ ގުޅޭ)
އޭނާ ވަޒީފާއަކަށް ނުކުމެއްޖެނަމަ ވާނީ ކިހިނެއްބާއޭ ހޫރައިންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޮފީހަކަށް ވަންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހާ މީހުން ގިނަ މާހައުލެއްގައި އޭނާއަށް މަސައްކަތެއް ނުކުރެވޭނެކަން އެނގެއެވެ. ދެން އޭނާ ކަހަލަ މީހަކަށް ކުރެވޭނީ ކޮންކަހަލަ މަސައްކަތެއް ބާއެވެ.
ކުދީން ނިމޭ ގަޑިއަށްވީމަ ސްކޫލު ދޮށުގައި ހޭލަމޭލަވުންދިޔަ މީހުން ގިނައެވެ. ކުޑަކުޑަ ކުދީންގެ ވާހަކަތައް ހުސްނުވެއެވެ. އާ އަހަރެއްގެ ކިޔެވުން ފެށުމުން ފުރަތަމަ ދުވަސް ހޭދަވެގެން ދިޔަ ގޮތް ބެލެނިވެރީންނަށް އެކުދީން ކިޔައިދެނީއެވެ. ނިކަން ފޯރިއާއި ޖޯޝާއެކުއެވެ. އެހެންނަމަވެސް އެހެން ކުދީންނާއި ޔޫކް ތަފާތެވެ. އެ ކުއްޖާގެ ޠަބީޢަތުގައި އެ ހުންނަ ތަފާތު ހަމަހިމޭންކަމެވެ. ފަރުވާލެއްނެތި ހިނިތުންވެ ސަމާސާ ކުރާތަން ފެންނަނީ ހަމައެކަނި ގޭތެރޭގައި އެކަންޏެވެ. ބޭރުތެރެއިން ފެންނަނީ ސީރިއަސް ކުއްޖެއްގެ ގޮތުގައެވެ. ކަންކަން ނަގައިގަތުމަގާއި ދަސްކުރުމުގައި އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެކެވެ. އަޖައިބުވާން ޖެހެނީ ކުލާހުގައި މަޑުމަޑުން ހުއްޓަސް ކުއްޖަކާމެދު ގޯސްކޮށް ކަންތައް ކުރާތަން ފެނިއްޖެނަމަ އެކަމާ ޔޫކް ކުރިމަތިލައި އެކަން ހުއްޓުވާކަމެވެ. އެހެންވެ ބައެއް ބެލެނިވެރީންނާ ހިސާބަށް ޔޫކްގެ ޝަކުވާ ހަނގާކުރެވޭ ކުދީން އުފުލައިފަ އެބަހުއްޓެވެ. އެކުދީންނަށް ޔޫކްގެ ފަރާތުން އަނިޔާ ލިބޭކަމުގެ ޝަކުވާއެވެ. އަނިޔާކުރާ ކުއްޖެއްކަމުގައި ޔޫކް ނުވާކަން އާންޓީތަކުގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް ސަމާލުކަން ޔޫކްއަށް ހުއްޓެނީ އެފަދަ ކަންކަމުގައެވެ. ހޫރައިން ނާހަނީސް ކުލާހުގައި ހިނގާ އެއްވެސް ކަމެއް ކިޔައެއް ނުދޭނެއެވެ. އެކަމަކު އަހައިފިނަމަ ދޮގެއް ނުހަދާ ހުރިހާކަމެއް ކިޔާދޭނެއެވެ. ކުޑަކުދީންނަކީ ރީތި އެއްޗެހި ފެނުމުން ގަޔާވެ، އާ އެއްޗެހި ބޭނުންވެގެން އެފަދަ ޝުޢޫރުތައް އެއްވެސް ވިސްނުމެއްނެތި ފާޅުކުރާ ބައެކެވެ. ތަފާތު އެއްޗެހި ގަނެދޭން ކިޔާނެއެވެ. ގިނަ ކުޅޭ އެއްޗެހި ބޭނުންވާނެއެވެ. އެކަމަކު ޔޫކް އެހެން އުޅޭތަނެއް ނުފެނެއެވެ. އޭނާއަށް ހޫރައިން ހޯދާދޭ އެއްޗަކުން ފުދެއެވެ. އެ އުމުރުގެ ކުދީންނަށްވުރެ ޔޫކްގެ "އައިކިއު" ވަރަށް މައްޗެވެ. އޭނާއަށް ކަންކަން ފެންނަ ގޮތާއި ވިސްނާގޮތް އެހެންކުދީންނާ ތަފާތުވަނީ އެހެންވެކަމަށް ހޫރައިން ހީކުރެއެވެ.
"މަންމީ އަވަހަށް ގެއަށް ދަމާ." ހޫރައިންގެ އަތުގައި ހިފާލައިގެން ހުރެ ޔޫކް ބުނެލިއެވެ. އެކުއްޖާގެ ހަރަކާތްތައް ހުރި ގޮތުން މީހުންގަނޑުގެ ތެރެއިން ހޫރައިން ނެރެން މަސައްކަތް ކުރާ ފަދައެވެ. މަންމަގެ އަތުން ދޫވެދާނެތީ ހިފަހައްޓާލާފައި ހުރީ ތަންކޮޅެއް ބާރަށެވެ. ހޫރައިންގެ ކުރިއަށްވާހެން އެ ދަރިފުޅު ޖެހިލައި މަންމައަށް މަގު ހަދައިދޭން މަސައްކަތް ކުރާ ކަހަލައެވެ. އެ މަންމަ ލިބިފައިވާ ނުތަނަވަސްކަން އެހާ ކުޑައިރު ވެސް ދެނެގަންނަން ޔޫކްއަށް އެނގޭ ކަހަލައެވެ.
"މަންމީ... އޯކޭ..." ދެމައިންނަށް މީހުންތަކާ ދުރަށް އާދެވި މަގުގައި އެކަނިވީ ހިނދު ޔޫކް ގޮވާލައި އަހާލިއެވެ.
ހޫރައިން ބޯޖަހާލުމާއެކު އަތްދަބަހުން ނެގީ މެޓައެކެވެ. އެ މެޓާ ޔޫކްއަށް ދިނެވެ. އަގުބޮޑު ހަދިޔާއެއް ލިބުނުފަދަ ފުޅާ ހިނިތުންވުމެއް ޔޫކްގެ ތުންފަތުން ފާޅުވެލިއެވެ. މަންމައަށް ޝުކުރިއްޔާއޭ އިނގިރޭސި ބަހުން ބުނެލުމާއެކު ވަގުތުން ކަނޑައިގެން މެޓާ ކާލަން ޔޫކް ބޭނުންވިއެވެ. އެހެންވެ ކަރުދާސްގަނޑު ނައްޓާލަމުން ޔޫކްގެ އަނގަށް ހޫރައިން މެޓާ ލަވާދިނެވެ. ސްކޫލުގެ ފުރަތަމަ ދުވަސްވީމަ އޭނާ ދަރިފުޅަށް ދިން ހަދިޔާއަކީ އެއީއެވެ. އެންމެ ރުފިޔާއަކަށް ގަތް މެޓައެކެވެ. އެހެންނަމަވެސް އެ ކުއްޖާގެ މޫނުން ފާޅުވި ހިތްހަމަޖެހުމާއި އުފާވެރިކަން އަގުނުކުރެވޭނެއެވެ.
ހަވީރުގެ ވަގުތެވެ. ސުމައްޔާ ގުޅާފަ ހޫރައިނަށް ވަޒީފާއެއް ހޯދުމުގެ ވާހަކަ ހަސީނާގެ ކައިރީ ދެއްކިއެވެ. މަސައްކަތު ގަޑި ނިމިގެން އޭނާ އެގެއަށް އައީ އެކަމާ އިތުރަށް ވާހަކަދައްކާށެވެ. ހޫރައިންއަށް ކޮންމެކޮންމެ ވަޒީފާއެއް ކަމަކުނުދާނޭކަން އެނގޭތީއެވެ. ހޫރައިން ޝައުގުވެރިވާ ދާއިރާއެއް އޮވެދާނޭ ހީކޮށެވެ. ހޫރައިން ހުރީ އޭލެވެލް ނިންމާފައެވެ. އެންމެ މަތީ ދަރަޖައިގަ ނުހިމެނުނަސް ރަނގަޅު ފެންވަރުގައި ފާސްވެގެންނެވެ. އޭގެ ފަހުން ކިޔެވުމައިގެން ކުރިއަށް ދާން ބޭނުންވިޔަސް އެކަންވަނީ ހޫރައިނަށް ހާސިލު ނުކުރެވިފައެވެ.
"ހޫރް!... ހަސިންތަ ކައިރީ ބުނެބަލަ ދަރިފުޅު ބޭނުންވާ ގޮތް." ސޯފާގައި އިށީންނަމުން ސުމައްޔާ ބުންޏެވެ.
"އެހާ މީހުން ގިނަނޫން ވަޒީފާއެއް ބޭނުމީ. ގިނަ ބަޔަކާ އެކުވެ ކުރަންޖެހޭ ކަމެއް ކުރެވޭނެހެން ހިޔެއްނުވޭ." ނުކެރިފައި އިން ގޮތަކަށް ހޫރައިން ވާހަކަދެއްކިއެވެ.
"ދަރިފުޅު ކުރާހިތްވާކަމެއް އެބައޮތްތަ؟" ހަސީނާ އަހާލިއެވެ. ހޫރައިން ވާހަކަދެއްކުމުގެ ކުރީން ދެފަރާތަށް ބޯހޫރާލިއެވެ.
"ކޮންމެ ކަހަލަ ވިޔަސް އޯކޭ." ހޫރައިން ވިސްނާފައި ނުވާތީ ބުނެލިއެވެ.
"ފާޚާނާ ސާފުކުރާ މީހަކަށް ވެސް ގޮސްދާނަންތަ؟" ސަމާސާ ހިންޏެއް އައިސްފަ އިނދެ ހަސީނާ ބުނެލިއެވެ. ސުމައްޔާއަށް ހީނލެވުނެވެ. ނަމަވެސް ހޫރައިން އިނީ ވިސްނަން އިން ފަދައިންނެވެ. ދެން އޭނާ ހަސީނާއަށް ބަލާލައި ބޯޖަހާލީ އެންމެ ރަނގަޅޭ ބުނާ ފަދައިންނެވެ. ހަސީނާގެ މޫނުގައިވީ ސަމާސާގެ އަސަރު ވަގުތުން ފިލައިގެން ހިނގައްޖެއެވެ. އޭނާގެ ހިތުގައި ޖެހުނީއެވެ. ހޫރައިންގެ މައްޗަށް އޭނާގެ ހިތް އަބަދުވެސް ރޯނެއެވެ. އަބަދުވެސް ހަމްދަރްދީވާނެއެވެ. ފަރުވާތެރިކަމާއެކު ހޫރައިންގެ މޫނަށް ބަލަން އިނދެފައި އޭނާގެ ކޯތާފަތުގައި ހަސީނާގެ ކަނާއަތް ގެނެސް ޖައްސާލިއެވެ. ހަސީނާގެ ހިތުގެ ހާލު ބޭރަށް ފާޅުވިޔަނުދީ ފަރުދާކުރީ ލުއި ހިނިތުންވުމަކުންނެވެ.
"އެންމެ ރަނގަޅު. ހޫރް ބޭނުމީ ވަޒީފާއެއް ދޯ. ދައްތައަކީ މަސައްކަތު މީހުންގެ ބޮޑަކަށް މިހާރު ހުންނަ މީހާ. އެތަނުގަ އެބައޮތް ހަތަރު މަސައްކަތު މީހުންނަށް އިއުލާންކޮށްފައި. އެތަނުން އެއް މަގާމަކީ ސުޕަވައިޒާ ލެވެލްއަށް ހުޅުވާލާފަ އޮތް ފުރުސަތެއް. އެކަމަކު މަސައްކަތުގެ ތަޖުރިބާ އެ މަގާމަށް ބޭނުންވޭ. ހީވާ ގޮތުން އެމީހުން އެ މަޤާމަށް ބަލަނީ ފިރިހެނެއް. އެކަމަކު ދައްތައަށް އެނގިފަ އޮތް ގޮތުގަ މަސައްކަތު މީހުންގެ ތެރެއިން އެމީހުން އުޅެނީ އެތަނުގެ މާގަސްތައް އިންދާފަ އޮންނަ ކުޑަ ދެ ބަގީޗާއަށް ވަކިން މީހަކު ބަހައްޓަން ބޭނުންވެގެން. އެ މަސައްކަތް ދަރިފުޅަށް ކުރެވޭނެތަ؟... އަންހެނުންނާއި ފިރިހެނުން އުޅޭނީ ވަކިން. ކުރާ މަސައްކަތް ވެސް ތަފާތުވާނެ. ގުރޫޕު ހަދާފަ މަސައްކަތެއްގައި އުޅޭން ޖެހުނަސް އުޅޭނީ ތިން މީހުން ނޫނީ ހަތަރު މީހުން. އެކަމަކު ބުނަން. ޅަކުއްޖަކު ނޫޅޭނެ. ނިކަން ހަރު މީހުން ތިބޭނީ. ކުރިމަތިލާން ހޫރްއަށް ކެރޭނެތަ... އޮފީހެއްގެ މޭޒެއްގެ ދޮށުގައި އިނުމާ ވަރަށް ތަފާތުވާނެ. މަސައްކަތު މީހަކަށް ދާން ކެރޭނެތަ؟... ކެރެންޏާ ދައްތަ އެކަމާ އުޅޭނަން. ދަރިފުޅު ޔަގީންކަން ދީ ލިބިއްޖެއްޔާ ވަޒީފާއަށް ނުކުންނާނަންކަން."
ހަސީނާ ނިކަން ތަފްސީލުކޮށް ހޫރައިންނަށް އޮޅުން ފިލުވައިދިނެވެ. ހަސީނާއަކީ ސައިންސް ޔުނިވާސިޓީއެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާ ވަޒީފާއަށް ދަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. ދަރީން ބޮޑެތިވެ ހުރިހާ ކުދީންނާއި ފިރިމީހާ ވަޒީފާއަށް ދިއުމުން އޭނާ ވެސް ގޭގައި ހުންނަން ބޭނުންނުވާތީއެވެ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ދެރަ މަސައްކަތެއް ވެސް ނޫނެވެ. ހަސީނާއަކީ ތަނުގައި ގިނަދުވަސްވެ މަގާމު މަތިވެ ނުފޫޒު ގަދަ މުވައްޒަފެކެވެ. ތަނުގެ ވެރީން ލޯބިވާ އެމީހުނާ ގާތްކަން ބާއްވާ މުވައްޒަފެކެވެ. ހޫރައިންއަށް ކުރާން ކެރިއްޖެނަމަ ފުރުސަތެއް ހޯދައިދިނުމަކީ އޭނާއަށް ވެދާނެކަމެއްކަން ހަސީނާއަށް ޔަގީންކަން އެބައޮތެވެ. އޭނާއަށް ފެންނަ ހިސާބުގައި ހޫރައިން ހުރެއްޖެނަމަ އެ ހިތްހަމަޖެހުން ހަސީނާއަށް ލިބޭނެއެވެ. ހޫރައިންގެ ހާލަތު އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. އެކުއްޖާ އެ ކުރާ ހިތްވަރު ބޭކާރުވާން ހަސީނާ ވެސް ނޭދެއެވެ. ވަޒީފާގެ ފުރުސަތެއް އެ ކުއްޖާއަށް ހޯދައިދޭން ހަސީނާ ވެސް ބޭނުމެވެ.
"މަންމައަށް އެންމެ ރަނގަޅުތަ؟. އެއީ މަތީ މަގާމެއްނޫން. އެކަމަކު އެއީ ވަޒީފާއެއް." ހޫރައިން ބަލާލީ ހަސީނާއާ ޖެހިގެން އިން ސުމައްޔާއަށެވެ.
"މަންމަ މި ދޫކޮށްލީ ހޫރަށް. ހަލާލު ކޮންމެ ވަޒީފާއެއްގަ ހޫރު ހުއްޓަސް މަންމަ ބަލައިގަންނާނަން. ދަރިފުޅަށް އަދާކުރެވޭނެހެން ހީވާ ވަޒީފާއެއް އަދާކުރަންވީ." ސުމައްޔާ ޔަގީންކަން ދިނެވެ.
"އިންޝާﷲ! ލިބިއްޖެއްޔާ ދާނަން. ހަސިންތަ ހުންނާނެއެއްނު." ހޫރައިން ބުންޏެވެ. އޭނާ ހަމައެކަނި ވިސްނީ މަސައްކަތުގެ މާހައުލުގައި އުޅޭން ޖެހޭނެ ގޮތާ މެދުގައި އެކަންޏެވެ. އެއްބަސްވީ އެކަމަށް އިސްކަން ދީފައެވެ. ޔުނިވާސިޓީއެއްގައި ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ދެން ވެސް ތަނުގައި އެތައް މުވައްޒަފުންނެއް އުޅޭނެކަން ހޫރައިނަށް އެނގެއެވެ. އެހެންވިޔަސް ކިޔަވާދޭތަނެއްގައި ދަރިވަރުން ގިނަވަގުތު ހޭދަކުރާނީ ކުލާސްރޫމުތަކުގައެވެ. ޓީޗަރުންނާއި އޮފީސް ސްޓާފުން ތިބުމަށް ކެބިންތައް ހުންނާނެއެވެ. މަސައްކަތު މީހަކަށް ސަމާލުކަން ދޭނޭ މީހަކު އެކަހަލަ ތަނެއްގައި ހުރެދާނޭ ހެއްޔެވެ.
"ހޫރް! ދަރިފުޅުގެ ސެޓްފިކެޓްތަކާއި އައިޑީކާޑު ނަގާފަ ބާއްވާ. ސީވީއެއް އޮންނާނެތަ؟... ހަމްދޫނު އަންނާނެ އިރުއޮއްސޭއިރު ގެއަށް. އައިމަ އޭނާ ފޮނުވާނަން. ސުމައްޔާއަށް އެ ސޮރު ގުޅާނެ އައިސްފަ. އޭނާއާ ހުރިހާ އެއްޗެއް ހަވާލުކޮށްލާ. އޭނާ އެ ތަކެތި ކޮފީ ހައްދާ ތައްގަނޑު ޖަހާ ހަދާނެ. އެކަން ނިންމާފަ ހުރިހާ އަސްލެއް ގެނެސްދޭނެ. މާދަމާ އަހަރެން އެކަމާ އުޅޭނަން. އެކޮޅުން ފޯމެއް ނަގައި ފުރާލާނީ. ނެރެފަ އޮތް އިއުލާނުގެ ދުވަސް ހަމާވާނެ މާދަމާނޫން އަނެއްދުވަހު. އެހެންވީމަ އަވަހަށް އުޅޭން ޖެހޭނެ."
ހަސީނާ ނުކުތީ ކުރަންވީ ކަންކަން ހޫރައިނަށާއި ސުމައްޔާއަށް ކިޔާދީފައެވެ. އަހަރުތަކަކަށްފަހު އަލުން ވަޒީފާއަކަށް ނުކުންނަން އުޅޭއިރު ހޫރައިންގެ ހާސްކަން އެންމެ ތަންފުކެއް ވެސް ކުޑައެއް ނުވެއެވެ. ކޮޓަރިއަށް އައިސް ފޮތްކަބަޑު ހުޅުވާލިއެވެ. އެއީ އޭނާ ކިޔަވަން އުޅުނުއިރު ފޮތް އަޅަން ބޭނުންކުރި ކަބަޑެވެ. މަތިމައްޗަށް ފަސް ވަތްގަނޑު ހުންނަ ގޮތަށް ދިގުކޮށް ހުރި އެ ކަބަޑުގެ މަތީ ދޮރުފަތް ހުޅުވާލިއެވެ. ފޮތްތަކެއްގެ އަޑީގަ އޮތް ކަޅު ފައިލު ހޫރައިން ނެގިއެވެ. އެއީ އޭނާގެ މުހިންމު ސެޓުފިކެޓްތައް ލާފައި ހުރި ފައިލެވެ. ހަސީނާ ބުނިހެން ކުރީބައިގަ ހުރިހާ އެއްޗެއް ހަމަކޮށް މަންމައާ ހަވާލުކުރަން ހޫރައިން ގަސްދުކުރިއެވެ.
* * * * *
ފުލުހުންގެ ޔުނީފޯމްގަ ހުރި ހަމްދޫނު އައިސް ގެއަށް ވަނެވެ. ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ހުޅުވާފައި ހުރި ޓީވީއިން މަޣްރިބު ނަމާދަށްފަހު ޤުރުއާން ކިޔަވާއަޑު އިވިއިވި ހުއްޓެވެ. ގޭގައި އެގަޑީގަ ކޮއްކޮ ރޫހީއާއި މަންމަ އުޅޭނެކަން ހަމްދޫނަށް ޔަގީންވެއެވެ. އެހެންވިޔަސް އޭނާ އައިސް ވަނީ ކޮޓަރިއަށެވެ.
ހަމްދޫނު ކިޔަވަމުން ދިޔައީ ފުލުހުންގެ ވަޒީފާގައި ހުރެގެންނެވެ. ރާއްޖޭގައި ސައިކޮލޮޖީ ޑިގްރީއެއް ނެގުމަށްފަހު އޭނާ ރާއްޖޭން ބޭރަށް ދިޔައީ އިތުރަށް ކިޔަވާށެވެ. މިހާރު އޭނާ އެ އައީ ކްރިމިނަލް ސައިކޮލިޖީއިން ޑޮކްޓްރޭޓް ފުރިހަމަކޮށްގެންނެވެ. ކިޔެވުން ފުރިހަމަކުރެވުމާއެކު އޭނާ ދެން އެންމެ އުންމީދު ކުރަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ ދުވަހަށެވެ. އަދި ތަނަށް ފައިދާވާނޭ މަސައްކަތްތަކެއް ކޮށްދިނުމުގައި ދެމި ހުރުމުގެ ވިސްނުން އޭނާގެ ވިއެވެ. ކިޔެވި އެއްޗެއްގެ ބޭނުން ހިފާށެވެ. ކިޔެވުމާއި ވަޒީފާއަކީ މިހާތަނަށް އޭނާގެ ދިރިއުޅުމެވެ. ހަޔާތަށް ބައިވެރިއެއްގެ މުހިންމުކަން އިހްސާސް ކުރެވޭވަރަށްވުރެ އޭނާ އުޅުނީ ކިޔެވުމުގައި އަވަދިނެތިއެވެ.
ރޫހީ ކޮޓަރިއަށް ބޯ ދިއްކޮށްލި ވަގުތު ކިޔަވަން އިން ހަސީނާ ދަރިފުޅުގެ ގާތުން ދޮންބެ އަތުވެއްޖެތޯ އަހާލިއެވެ. ނުދެކެމޭ ރޫހީ ބުނެލާއިރަށް ކޮޓަރި ބަލާލަން ހަސީނާ އެދުނެވެ. ރޫހީ ގޮސްފައި މިނެޓެއް ވެސް ނުވެ އެނބުރި އަތުވެއްޖެއެވެ. ދޮންބެގެ ކޮޓަރި ތަޅުލާފަކަން ހުރީ އޭނާ ބުނެލިއެވެ. އެންމެ ރަނގަޅޭ ބުނެ ހަސީނާ އަންހެންދަރިފުޅު ފޮނުވާލިއެވެ. ކޮޓަރި ތަޅުލާފަ ހުރީ ހަމްދޫނު އައިސް އުޅޭތިކަން ހަސީނާއަށް އެނގުނެވެ. ފޯނު ހޯދާލުމާއެކު ފިރިހެން ދަރިފުޅުގެ ނަންބަރަށް ހަސީނާ ގުޅިއެވެ. ފޯނެއް ނުނަގައެވެ. އިތުރަކަށް ހަސީނާ ނުގުޅިއެވެ. ތަންކޮޅެއް ފަހުން އަނެއްކާ ގުޅާލަން ހިތަށް އަރުވައިގެން އިނީމައެވެ.
ދޮރުގައި ޓަކި ޖަހާލި އަޑާއެކު ހަސީނާ ވަގުތުން ހުޅުވާށޭ ބުނެލިއެވެ. ދެ ދަރީން ތިބިއިރު އެގޮތަށް އޭނާގެ ކޮޓަރީގަ ޓަކި ޖެހުމަކީ ރޫހީ ކުރާނޭ ކަމެއްނޫނެވެ. އެކުއްޖާ އައިސް ދޮރު ހުޅުވާލާނީއެވެ. އެހެންވެ އެ ޓަކި ދިނީ ހަމްދޫނުކަން ހަސީނާއަށް ޔަގީންވިއެވެ.
"މަންމަ ގުޅީމަ..." ހުޅުވާލި ދޮރުން އެތެރެއަށް ފިޔަވަޅެއް އަޅާލި ހަމްދޫނު ވާހަކަދެއްކިއެވެ.
"ސުމައްޔާމެން ގެއަށް ގޮސްދޭންވެއްޖެ. ދަރިފުޅަށް އެނގޭނެތަ އެ ގެ." ހަސީނާ ބުންޏެވެ.
"ކިހިނެއްވީ؟. ހޫރް... ކަމެއްވީތަ؟." ކުއްލިއަކަށް ހަމްދޫނު ހަނދާންނެތިފަ ހުރި ކަމެއްގެ މަތިން ހަނދާންވުމުން ލިބުނީ ހާސްކަމެވެ.
"އަލްހަމްދުއްލިﷲ! ރަނގަޅު އެމީހުން. ހޫރް ވަޒީފާއަކަށް ދާން އުޅޭތީ... އޭނާގެ ސެޓްފިކެޓްތަކާއި އައީޑީ ކޮފީ ހައްދާލާފަ، ތައްގަނޑު ޖަހަން ޖެހޭ އެއްޗެހީގަ ތައްގަނޑު ޖަހާލަދޭންވީ. އެ ގެއާ ކައިރި ހިސާބަކު ނުހުންނާނެ އެކަހަލަ ކަމެއް ކޮށްދޭ ތަނެއް. މަންމައަށް މިކަން ކޮށްލަދީބަލަ." ހަސީނާ ބުންޏެވެ.
"ދައްތައަށް ނުވެސް އެނގޭނެ ކަންނޭނގެ އަހަރެން ފެނުނީމަ." ބޯކަހާލަމުން ހަމްދޫނު ބުނެލިއެވެ.
"މަންމަ އަތުގަ އޮންނާނެ ނަންބަރު، އެ ގޭ ދޮށަށް ގޮސްފަ ދައްތައަށް ގުޅީމަ ނުކުންނާނެ." ހަސީނާ ކިޔާދިނެވެ. ހަމްދޫނު މަޑުމަޑުން ބޯޖަހާލީއެވެ. މަންމަ ނަންބަރު ދެއްކުމުން ހަމްދޫނުގެ ފޯނުގައި ސުމައްޔާގެ ނަންބަރު ސޭވްކޮށްލިއެވެ.
"އަށެއް ޖަހަން ކައިރިކޮށްފަ ދިޔަޔަސް އެންމެ ރަނގަޅުތަ މަންމާ. ތަންތަން ހުޅުވާނީ އެހާއިރު." ކޮޓަރިން ނުކުތުމުގެ ކުރީން ހަމްދޫނު އަހާލިއެވެ. ހަސީނާ ހޫން ލައްވާލީ އެންމެ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ.
އެނބުރި ކޮޓަރިއަށް އައިސް ވަން ހަމްދޫނުގެ ހިޔާލުތައް އަހަރުތަކެއް ކުރީގެ ހަނދާންތައް އާކުރަންފެށިއެވެ. މަންމަގެ އެންމެ ގާތް ރަޙުމަތްތެރިޔާ ސުމައްޔާ ހަމްދޫނަށް ވެސް އެނގެއެވެ. އެ ގެއަށް ކުރީން ސުމައްޔާ އައިސް އިންނަ ހަނދާން ހަމްދޫނު ހުރެއެވެ. އެކަމަކު އެންމެ ފަހުން އޭނާ ޗުއްޓީއަށް ރާއްޖެ އައިސް އެނބުރި ދިޔައިރު ވެސް އެގެއަށް އެއްފަހަރު ވެސް ސުމައްޔާއެއް ނާދެއެވެ. ސުމައްޔާގެ އަންހެން ދަރިފުޅު ހޫރައިންނާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ކުރިއަކުން ހަމްދޫނަކަށް ވެސް ނޭނގެއެވެ. މަންމަމެންގެ މެދުގައި ގާތް އެކުވެރިކަމެއް އޮތަސް ދަރީންގެ މެދުގައި އެ ގާތްކަމެއް އުފެދިފައެއް ނެތެވެ. ފަސް އަހަރު ކުރީން އޭނާ ރާއްޖޭން ބޭރުގައި ހުއްޓާ މަންމަ އޭނާއަށް ކުރި ދިގު ފޯނުކޯލުތަކުގެ އަސްލަކީ ހޫރައިންނެވެ. މަންމަގެ ފުށުން ބަލިކަށިކަމެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މަންމަ އެވަރަށް ރޮނިކޮށް ދުށީ ވެސް އަލަށެވެ.
"ހައު އިޒް ޝީ ޑުއިން؟." ހަމްދޫނަށް އަމިއްލަ ނަފްސަށް އަހާލެވުނެވެ.
* * * * *
ލިބިފައިވާ ހާސްކަމުގައި ހޫރައިންނަށް ރޭގައި ނުނިދުނެވެ. އޭނާ ނަމާދުން އަވަދިވުމުން އިސްތިޣްފާރު ކުރުމުގައި އިނެވެ. ހޫރައިންގެ ވަޒީފާ ހަމަޖެހުނީއެވެ. ހެނދުނު ނުކުންނަން ޖެހެއެވެ. ފުރަތަމަ ދުވަސް ވީމާ ހަސީނާ ބަލާ އަންނާނަން ކަމުގައި އޮތީ ބުނެފައެވެ. ފާއިތު މިވީ ދެ ހަފްތާ ތެރޭ ދެ އިންޓަވިއުއަކަށް އޭނާ ގެންދަން ވެސް ގެންދިޔައެވެ. ކިޔަވައިގެން ހުރި އެއަށްވުރެ ރަނގަޅު ވަޒީފާއަކަށް ކުރިމަތިލެވޭނެ ފެންވަރު ހުއްޓާ މަސައްކަތު މީހަކަށް ކުރިމަތިލީ ސަބަބު ހޯދަން އިންޓަވިއު ކުރަންތިބި ޓީމްގެ މެންބަރުން އަވަސްވެގަތްކަން ފާހަގަވިއެވެ. ހިތްދަތިކުރުވާ ޖަވާބަކަށް ހޫރެއިންއަށް ދޭން މަޖުބޫރުވީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ އޮފީސް މާހައުލެއްގައި މަސައްކަތް ކުރުމަށް ނުކުޅެދެޔޭ ބުނަންވީމައެވެ. އޭނާގެ ފަރާތުން މީހުންނަށް ގެއްލުމެއްނެތްކަން ބުނެދޭން ޖެހުނެވެ. މީހުންނާ އެކުވެއުޅޭން ދަތިވަނީކަން ހާމަކުރަން ޖެހުނެވެ. ވަޒީފާއަކަށް ނުހަނު ބޭނުންވެފައިވާކަން ހޫރައިން ބުނުމާއެކު އޭނާފަދަ ނަފްސާނީ މައްސަލަތަކެއް ހުރި އަންހެން ކުއްޖަކަށް މިވަގުތަށް އަދާކުރެވެން އޮތީ އެފަދަ ވަޒީފާއެއްކަން ބުނެދިނެވެ. ހަސީނާ އެދިގެންކަމެއް ނޫނީ އިންޓަވިއު ޕެނަލްގަ ތިބި މީހުން ހަމްދަރުދީ ވެގެން ވަޒީފާ ދިނީކަން ޔަގީނެއް ނޫނެވެ. ޔަގީން ﷲ އޭނާއަށް އެ ވަޒީފާ މިންވަރުކޮށްދެއްވިކަމެވެ. އެކަށީގެންނުވިޔަސް ފުރުސަތު ލިބިއްޖެއެވެ. އެކަމަކު ދާއިމީ މަޤާމަށް އިއުލާންކޮށްފައި އޮތް ނަމަވެސް ހޫރައިންނަށް ވަޒީފާ ދިނީ ވަގުތީ މުވައްޒަފެއްގެ ގޮތުގައެވެ. މަސައްކަތަށް ބަލައި ފަހުން ދާއިމީކޮށްދޭނެ ކަމުގައި ވަޢުދުވިއެވެ. އެވަރުވިކަން ވެސް ހޫރައިނަށް ފުދެއެވެ.
އިރުއެރިފަހުން ސުމައްޔާ އައިސް ހޫރައިންގެ ކޮޓަރިއަށް ވަނެވެ. ދަރިފުޅު ހާސްވެގެން އުޅޭނެކަން މާކުރީން ވެސް ސުމައްޔާއަށް އެނގެއެވެ. ޔޫކް އުނގަށްލައި އެކުއްޖާގެ ގައިގާ ބައްދާލައިގެން އެނދުގައި ހޫރައިން އިނެވެ. އޭނާ އަމިއްލަ ނަފްސަށް ހިތްވަރު ހޯދަނީ ކަހަލައެވެ. ފަތިހަށް ޔޫކް ހޭލާކަން ސުމައްޔާއަށް ވެސް އެނގެއެވެ. އޭރުއްސުރެކަން ހޫރައިން އެ އިންނަނީ ދެނެގަތެވެ.
"ހޫރް... ޔޫކް ބާއްވާލާފަ އާދޭ މަންމާއާއެކު. ސައިތަށްޓެއް ވިޔަސް ބޯލައިގެން ދާންވާނީ." ސުމައްޔާ ބުންޏެވެ. މަންމަ ބުނީތީ ހޫރައިން މަންމަގެ ބަސް އެހިފަދައިން ޢަމަލުކުރިއެވެ.
"ޔޫކްއާ މެދު ނުވިސްނާ. ދަރިފުޅަށް ނާދެވިއްޖެނަމަ ގަޑިއަށް ސްކޫލަށް ގެންދާނަން. މަންމަ ބަލާ ވެސް ދާނަން. ދަރިފުޅު މަސައްކަތަށް ފަރުވާތެރިވޭ. ބިރުނުގަންނާތި. މާބޮޑަށް ހާސްވާހެން ހީވަންޏާ ފޯނު އޮންނާނެއެއްނު. ހަސިންތައަށް ވަގުތުން ގުޅާތި. ހިތްވަރުކޮށްލާފައި ދެތިން ދުވަހު ނުކުތީމަ އެ މާހައުލަށް ހޭނިދާނެ. ހުރިހާ ވަގުތަކު އެތާގަ ހުންނާކަށް ނުޖެހޭނެއޭ ހަސިންތަ ބުންޏެއްނު. ހަސިންތަ ބަލާނެ ހޫރަށް. އެހެންވީމަ މާބޮޑަށް ކަންބޮޑުނުވާތި."
ސުމައްޔާއަށް ދެވެން އޮތް ހިތްވަރެއްވިއްޔާ ހޫރައިނަށް ދިނެވެ. ހެނދުނުގެ ނާސްތާ ކުރާކަށް ހޫރައިން ބޭނުމެއްނުވިއެވެ. ހަމައެކަނި ސައިފަތު ފެންތަށްޓެއް ބޯލުން ފިޔަވާ އިތުރު އެއްޗެއް އެތެރެއެއް ނުކުރިއެވެ. ގޮތް ނޭނގޭ އާ މީހުންނާ ބައްދަލުވުމަކީ ވެސް ހޫރައިން ޖެހިލުންވާކަމެކެވެ.
މިއަދު ހޫރައިން ތައްޔާރުވަމުންދިޔައިރު ސުމައްޔާ އެ ކޮޓަރިން ނުނިކުމެވެ. ހޫރައިންގެ އަތުގައި ހުރި ތުރުތުރު ސުމައްޔާއަށް ފެނެއެވެ. އަތަށް ލައްވަން އުޅުނު އަންގިން ރޮދިގަނޑެއް ނެގުނީތީ އެކަމާ ވެސް ހޫރައިން ހާސްވީ އިންތިހާއަށެވެ. ހުރިހާ މަންޒަރެއް ބަލަން އިން ސުމައްޔާ ހަލުވިކޮށް ގޮސް އޭނާގެ އަންގި ގެނެސް ހުރައިންގެ އަތަށް މަހާލަ ދިނެވެ.
"މީ މަންމަ އަންގި. އަހަންނަށް ވަރަށް ދޫވާނެ." ހޫރައިންގެ އަތްތިލަ ސުމައްޔާގެ އަތަށްވުރެ ކުޑައެވެ. އިނގިލިތައް ކުރެވެ. އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ އަންގި ހޫރައިނަށް ބޮޑުކަމުން އޭނާ ބޭނުންކުރަނީ އަންގި ގަތުމަށްފަހު އޭނާގެ އަތަށް ހެޔޮވަރުކޮށްގެންނެވެ.
"ދެން މިއަދު ދޭ މި އަންގި ލައްވާލައިގެން." ހޫރައިންގެ ގައިގާ ފިރުމާލަމުން ސުމައްޔާ ބުނެލިއެވެ.
ހޫރައިން ޝަކުވާއެއް ނުކުރިއެވެ. ތައްޔާރުވެގެން މަންމައާއެކު ކޮޓަރިން ނުކުމެވުނު ވަގުތު ދޮރޯށީގެ ބެލް ވެސް ޖެހިއްޖެއެވެ. ހަސީނާ އައީކަން އޭގެ ދެމައިންނަށް އެނގުނެވެ.
ހޫރައިން ގޮވައިގެން ހަސީނާ މަސައްކަތް ކުރާ ޔުނިވަރސިޓީއާ ހަމައަށް އައީ ނުހަނު ސަމާލުވެ ހުރެއެވެ. އޭނާ ހޫރައިންގެ އަތުން ދޫކޮށެއް ނުލައެވެ. ޔުނިވާސިޓީއަށް ދަރިވަރުންތައް އައުމުގެ މާކުރިން މަސައްކަތު މީހުން އަންނަން ފަށައެވެ. އެހެން މުވައްޒަފުންނާއި ބައެއް މުދައްރިސުން ވެސް ކުރީބައިގެ އާދެއެވެ. ދަރިވަރުން އަންނަ ގަޑި ނުޖެހޭތީ ފުޅާގޭޓު ހުރީ މުޅިން ހުޅުވާނުލައެވެ. ތަންކޮޅަކުން ވަދޭވަރަށް ކަހާލާފައެވެ. ހޫރައިންގެ އަތުން ހަސީނާ ދޫކޮށްލީ އެ ގޭޓުން ވަންނަމުންނެވެ. ދެމީހުން އެކުގައި އައިސް ވަންނަހާ ޖާގަ ނެތީމައެވެ.
ހަސީނާ ކާޑު ޖެހުމަށްފަހު ހޫރައިން ގޮވައިގެން ދިޔައީ ބައްދަލުކުރަން ޖެހޭ މީހުންގެ ކައިރިއަށެވެ. ތަނުގެ ގަވައިދު ހޫރައިނަށް އޮޅުންފިލުވައިދިނެވެ. ދުވަހުގެ ވަގުތެއްގައި ހޫރައިނަށް ފާސް ހައްދައި ކާޑު ޖެހޭނޭ ގޮތް ހަމަޖެހޭނެކަން ބުންޏެވެ. ކުރަންޖެހޭ ކަންކަން އެންގިއެވެ. މަސައްކަތް ކުރިއަށް ގެންދާނޭ ގޮތުގެ ތަފްސީލު ހޫރައިނަށް ކިޔާދޭން ބުނީ ހަސީނާގެ ކައިރީއެވެ. އަދި ހޫރައިނާ ހަވާލުވެފައި އޮތް ސަރަހައްދު ދެއްކުމަށް އޭނާ ގޮވައިގެން އައީ ހަސީނާއެވެ. ޔުނިވަރސިޓީގެ ތެރެއިން މުހިންމު ތަންތަން ހޫރައިނަށް ހަސީނާ ދައްކާ އޮޅުންފިލުވައިދިނެވެ. ހާއްސަކޮށް ހަސީނާ އެދިގެންނާއި ހޫރައިނަށް ދިން ހާއްސަކަމެއްގެ ގޮތުގައި އޭނާއަށް ހަވާލުކުރީ މާގަސްތައް ބެލެހެއްޓުމެވެ. ފެންދިނުމާއި ވަޅޯފަތްތައް ބުރިކުރުމާއި ބަގީޗާގެ ބިންގަނޑު ސާފުކޮށް ބެހެއްޓުމެވެ. ބައެއްފަހަރު އެތަނަށް ގެނެވޭ މާގަސްތައް އިންދަން ޖެހިދާނެކަން ބުންޏެވެ.
ދަރިވަރުންތައް ވަދެގެން އަންނަން ފެށިއެވެ. އޭރު ހޫރައިން ހުރީ ހަސީނާ ބުނެދިން ގޮތަށް ފެންހޮޅި ހިފައިގެން ގަސްތަކަށް ފެންދޭށެވެ. އޭނާގެ މަސައްކަތް ނުނިމެވެ. މޫނު އަޅާފައި ހުރުމުން އޭނާއާ ދިމާއަށް ކުދީން ބަލާލައެވެ. އެހަނަސް މާބޮޑު ސަމާލުކަމެއް ދަރިވަރުން ނުދޭކަން ހޫރައިނަށް ފާހަގަވިއެވެ. ހާއްސަކޮށް ދަރިވަރުން ހިނގަން ވަކިން މަގެއް އޮތުމުން ހޫރައިންގެ ކައިރިން މީހަކުދާނޭ ފުރުސަތެއް ނެތެވެ. ފެންދީ ނިންމާ ހޮޅި ހުންނަ ތަނުގައި ހަރުކޮށްފައި ހޫރައިން އެނބުރި އައެވެ. ފޮޅިފައިވާ މާތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. ހެނދުނުގެ އެވަގުތު ފެންޖަހާލުމުން ވަކިން މާތައް ފެންނަނީ ކުލަތައް ގަދަވެ ތާޒާވެފައިވާތަނެވެ.
"ކްލާހަށް ނުދަންތަ؟..." ދާދި ގާތުން އިވުނީ ފިރިހެނެއްގެ އަޑެވެ.
ސިއްސައިގެން ދިޔަ ހޫރައިންނަށް ހީވީ މޭގަނޑު އައިސް ލަގޮނޑިއާ ހިސާބުގައި ތާށިވީ ހެނެވެ. ދުއްވައިގަންނަން ބޭނުންވިޔަސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. ހޫރައިންނަށް ބަލާލެވުނީ ބިރުން ވިރެމުންނެވެ. އެހިނދު ދެ ޒުވާނުންގެ ނަޒަރު ސީދާވެލިއެވެ. (ނުނިމޭ)