ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 78 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޔޫތް މިނިސްޓްރީ އިން އެމްޕީއެލްއާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.
ހުސެން އިސްމާއީލް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އަމާޒަކީ ސްކޫލް ނިންމުމަށްފަހު ވަޒީފާއެއް ނުލިބިގެން އެޅޭ ކުދިންނަށް އެހީވުން ކަމަށެވެ. އެގޮތުން މި އަހަރު 3000 ކުދިން ތަމްރީން ކުރަން އަމާޒު ހިފި ކަމަށާއި ކޮވިޑާއި ގުޅިގެން އެކަން ނުވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަންނަ އަހަރުގެ މެދު ތެރޭގައި އެ އަމާޒު ހާސިލް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އެމްޕީއެލްއިން ޒުވާނުން ތަމްރީން ކުރާ މައިކަނޑު ސަބަބަކީ ޕޯޓް އޮޕަރޭޓް ކުރުމުގެ އެދި ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް ދިވެހިނަށް ފަހިކޮށްދިނުން ކަމަށެވެ.
މިއަދު ވީ އެއްބަސްވުމުގެ ދަށުން 78 ޒުވާނުން އެމްޕީއެލްއިން ތަމްރީން ކުރާނެ އެވެ. މިހާރު ވެސް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 28 ކުދިން ތަމްރީން ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލްގެ ތަމްރީންތަކުގައި އެކުދިން ހަ މަސްދުވަސް ހޭދަކުރަން ޖެހޭނެ އެވެ. އަދި ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސެން ލިބޭނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.