ރިޕޯޓް

ގެއްލުނު ފައިސާތައް ހޯދޭނެ ކަމުގެ އުންމީދު ފަނޑުވެފައި!

  • ފައިސާ އަނބުރާ ހޯދަން އެޅޭނެ ފިޔަވަޅު ވަރަށް ހަނި
  • ބޮޑެތި ކޮރަޕްޝަންތައް ތަހުގީގު ކުރަން ހުރަސްތަކެއް
  • ގާނޫނީ އިސްލާހުތައް އަވަސް ކުރަން ޖެހޭ

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ހިޔާނާތަކީ އޭސީސީގެ ހަޔާތުގައި ވެސް މިހާތަނަށް އެ އޮފީހުން ތަހުގީގު ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ އެވެ. ރޯމާ ދުވާލު ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތް ވެފައި މި ވަނީ ސިއްސައިގެން ދާ މިންވަރަކަށެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައި ހުރި އެންމެ މަތީ ދަރަޖައިގެ ޖަރީމާތަކުގެ ބޮޑު ކަމުން ގައިން ހީބިހި ނަގައިގެން ގޮސް ފެންކަޅިވެ އެވެ.

ލަދެއް ހަޔާތެއްގެ ކުޑިފުކެއް ވެސް ނެތް މި ޖަރީމާތަކަށް އިންސާފު ހޯދުމުގެ މަސައްކަތް އޭސީސީ އާއި އޮޑިޓަ ޖެނެރަލް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ އިރު، އެންމެ ބޮޑު ސުވާލަކީ ދައުލަތަށް ގެއްލުނު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ނޫނީ އެއަށް ވުރެވެސް ގިނަ ފައިސާ އަނބުރާ ހޯދޭނެ ހެއްޔެވެ؟

އެ ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެއްވައިފަ އެވެ. މިހާރު ލިބެން ހުރި ހިސާބުތަކަށް ބުރަވެ، އެމަނިކުފާނު ވިދާޅުވެފައި ވަނީ 60 ރަށް ކުއްޔަށް ދީގެން، ލިބެންޖެހޭ ފައިސާގެ 20 ޕަސެންޓް ދައުލަތަށް ނަގާފައިވާ ކަމަށެވެ. އަދި އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް އިތުބާރު ކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވަނީ އެ ފައިސާތައް ދިޔަ ދިމާލެއް ބަލައި ރިކަވާ ކުރެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި އެމްއެމްޕީއާރުސީގެ ތެރެއިން ދޫކުރި 60 ރަށާއި ފަޅުގެ ތެރެއިން ދައުލަތަށް އަދިވެސް 80 ޕަސެންޓް ފައިސާ ލިބޭނެ އެވެ. ދެން އޮތީ އެ ފައިސާތަކަށް އަމާނާތްތެރިވުމެވެ.

އެހެން ނަމަވެސް އިއްޔެ ފާހަގަ ކުރި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހު، އެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ހަސަން ލުތުފީ ރޭ ދެއްވީ ހިތާމައިގެ ކޮޅެއް ވެސް ނެތް ހަބަރެކެވެ. ރޭ "ޗެނަލް 13" ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ކަން އޮތް ގޮތުގެ ހަގީގަތް ބުނެދެއްވަމުން ލުތުފީ ވިދާޅުވީ، އެމްއެމްޕާއާރުސީގެ ތެރެއިން ގެއްލުނު ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަކީ މިހާރު ގާނޫނުތައް ހުރި ގޮތުން ވަރަށް ފުރުސަތު ކުޑަކަމެއް ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެޅޭނެ މާ ބޮޑު ފިޔަވަޅުތަކެއް ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ނެތް ކަމަށް ލުތުފީ ވިދާޅުވި އެވެ.

ސަބަބުތައް ބުނެދެއްވަމުން ލުތުފީ ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ކުޑަ ނޫން ކަމަށާއި ހިނގަނީ ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ކަމަށެވެ. އެހެން ނަމަވެސް ގާނޫނުތައް ހެދިފައި ހުރީ ކޮރަޕްޝަންގެ ބޮޑެތި ކުށްތައް އެންމެ ރަނގަޅަށް ތަހުގީގު ކުރުމަށް ފުރުސަތު ލިބޭ ގޮތަކަށް ނޫން ކަމަށް ވެސް ލުތުފީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަނަކީ ކޮބައިކަން ގާނޫނުގައި ލިޔެފައި ނެތުމުން، އެއީ ތަހުގީގުތަކަށް އޮތް ހުރަހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ކޮރަޕްޝަންގެ ތެރެއިން ގެއްލުނު ފައިސާ ރިކަވާ ކުރުމަށް ގާނޫނުތަކުގެ ތެރެއިން އެޅޭނެ ފިޔަވަޅު ހަނިވުމެވެ. އެ ޖަރީމާ ހިންގި ފަރާތްތަކަށް އަދަބު ދެވުނު ނަމަވެސް އެ ފައިސާ ރިކަވަ ކުރެވޭނެ މެކޭނިޒަމެއް ނެތް ކަމަށް ލުތުފީ ގަބޫލު ކުރައްވަ އެވެ. އެ ފުރުސަތު އެހާ ފުޅާކޮށް ގާނޫނުތަކުގައި ދެވިފައި ނެތީ އެވެ.

"އެހެން ކަމުން މިހާރެ ދައުލަތުން އެތަށް މިލިއަން ރުފިޔާ ތަކެއް ގެއްލިގެން އުޅޭ އިރުވެސް އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ނިޒާމެއްގެ ތެރެއިން އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ކުރެވެން ހުރި މަސައްކަތްތަށް ވަރަށް ކުޑަ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގެ ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ރިކަވާ ކުރެވޭނެ އުސޫލެއް ރާއްޖެއަށް ބޭނުންވެ އެވެ. ލުތުފީ ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ފައިސާތައް ވެސް އަދި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ އެހެން ފައިސާ ވެސް ކޮންމެވެސް ބަޔަކު ބޭނުން ކުރާނެ އެވެ. އަދި އެ ހޭދަކުރި ގޮތްތައް ވެސް ބެލެން ޖެހޭނެ އެވެ. އެ އަމަލު ހިންގި މީހާ ޖަލުގައި އޮތަސް އެ ފައިސާ އިން ކޮންމެވެސް ބަޔަކު ހަރަދުތައް ކުރަމުން ދާނެ ކަމަށް ލުތުފީ ދެކެވަޑައިގަންނަވަ އެވެ.

"ކަންތަށް މިކަހަލަ ގޮތަކަށް ހުންނާތީ އަޅުގަނޑު މިހާރުން މިހާރަށް މިއެދެނީ ގާނޫނީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ފައިސާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެނިހެން ކޮރޮޕްޝަންގެ އަމަލެއްގެ ތެރެއިން ދިޔަ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދޭނެ މަގެއް ގާނޫނީ ނިޒާމުގެ ތެރެއިން އަންނަން ޖެހޭ،" ލުތުފީ ވިދާޅުވި އެވެ. "އެކަން ކުރާ މީހާ ޖަލުގައި އޮތަސް އެ ފައިސާ ކޮންމެވެސް ބަޔަކު ބޭނުން ކުރާނެ. އެ ފައިސާ ހަރަދުކުރި ގޮތް ވެސް ދިޔަ ތަންތަން ވެސް ހުންނާނެ. އެ ފައިސާ ނުލިބި ހުންނަހާ ދުވަހަކު އެއީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް،"

އެމްއެމްޕީއާރުސީގެ މައްސަލައިގައި ވެސް އަދި ދެން ހުރި ކޮރަޕްޝަންގެ މައްސަލަތަކުގައި ވެސް ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ހޯދައި ރަނގަޅު ތަހުގީގުތަކެއް ހިންގުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަވަސްކޮށްދެއްވުމަށް ލުތުފީ ރޭ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބޮޑު ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް އޭސީސީ އިން ހުށަހެޅި އެވެ. އެހެން ނަމަވެސް މިއަހަރު މަޖިލިސް ޗުއްޓީއަށް ދިޔުމާ ހަމަޔަށް ވެސް އެ އިސްލާހުތަކުގެ ކަންތައްތަކުގައި މަޖިލީހުން އެއްވެސް ވަރަކަށް މަސައްކަތްތަކެއް ކުރެވިފައި ނެތް ކަން ލުތުފީ ހިތާމަޔާ އެކު ފާހަގަ ކުރައްވަ އެވެ.

"މި އިސްލާހުތަކެއް ނުގެނެސް އަޅުގަނޑުމެންނަށް މިކަހަލަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ. މީގެން ގެއްލޭ ފައިސާ ހޯދުން މިއީ އުނދަގޫ ބަޔަކީ. އެކަމަކު އެކަން ވެސް އަޅުގަނޑުމެންނަކަށް ކުރެވޭ ކަށް ނޯވޭ. ކޮރަޕްޝަންގެ މައްސަލަތައް މި އަންނަނީ އެންމެ ފުރަތަމަ ގާނޫނު ހެދި އިރާ ތަފާތުވަމުން. އެއާ އެއްވަރަކަށް އެބަ ޖެހޭ މި ގާނޫނަށް ވެސް ބަދަލުތައް އަންނަން،" ލުތުފީ ވިދާޅުވި އެވެ.

ރޯމާ ދުވާލު ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އޭގެ ތެރެއިން ގެއްލުނު ފައިސާ ހޯދަން އޭސީސީ އިން ކުރާ ތަހުގީގު ވެސް އަދި ނިމޭނެ ދުވަހެއް ނޭނގެ އެވެ. އެ ކޮމިޝަންގެ އެންމެ ގާބިލް އިންވެސްޓިގޭޓަރުން އެކު އެކީގައި މަސައްކަތް ކުރިއަށް ކުރަން ޖެހޭތަހުގީގު ބޮޑެވެ. ރަށްތައް ކުއްޔަށް ނެގި އެތައް ބަޔަކާ އިންޓަވިއުތައް ވެސް ދަނީ ކުރިއަށެވެ. ބޭންކް ޓްރާންސެކްޝަންތައް އެ ފުށް މި ފުށަށް ޖަހަން ޖެހެ އެވެ. އެކަމަކު އޭގެ ގިނަ މުއާމަލާތްތައް ކުރީ ނަގުދު ފައިސާއިންނެވެ. އެ ހިސާބުން އަދި ތަހުގީގުގައި ފީނަށް ޖެހޭ ހިސާބު މާފުންވާނެ އެެވެ.

ކިތަންމެ ބުރަ މަސައްކަތެއް ކުރަން ޖެހުނަސް، ގަރުނުގެ މި ބޮޑު ހިޔާނާތަށް އިންސާފު ލިބެންޖެހެ އެވެ. ގެއްލުނު ފައިސާތައް ކޮންމެ ގޮތަކުން ވެސް ހޯދަން ޖެހެ އެވެ. ނޫން ނަމަ، ދެން ހިންގާނީ މިޔަށް ވުރެވެސް އަދި މާ ބޮޑު ހިޔާނާތެކެވެ. އިންސާފެއް ނުހޯދިއްޖެ ނަމަ، މިހިރަ ބޮޑެތި ހިޔާނާތް ހިންގުމަށް ފަސް ޖެހި ބިރު ގަންނާނެ މީހަކު ދެން ހުންނާނެ ހެނެއް ހިޔެއް ނުވެ އެވެ.