މާލޭ ސަރަހައްދުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމާ އެކު ތެޔޮ އަންދައިގެން ދަތުރުފަތުރު ކުރަމުން އައި އައުން ބަދަލުވެގެންދާނެ ކަމަށެވެ. އަދި 2030ގެ ނިޔަލަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ހިފާފައިވާ އަމާޒަށް ދިއުމަށް މިއަދަކީ ވެސް މުހިއްމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ.
"ދަތުރުފަތުރުކުރުމުގައި ރާއްޖެއިން ތެލަށް ބަރޯސާވެފައިވާ މިންވަރު މިއާ އެކު ބަދަލުވެގެންދާނެ." ޝައުނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން އެ މިނިސްޓްރީން ކުރާ އެންމެ އުނދަގޫ އެއް މަސައްކަތަކީ މިނީބަސް ގެނައުން ކަމަށެވެ. އަދި މިނީ ބަހުގެ މަސައްކަތް ފެށުމުން ފާޑުކިޔާ މީހުންގެ ވިސްނުން ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަހުލާ ވިދާޅުވީ އެއްގަމުގެ ދަތުރުފަތުރަކީ ތިމާވެށްޓާ ރައްޓެހި ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓާ އެކު ކޮންސަލްޓެންޓެއް ލިބިގެންދާނެ ކަމަށެވެ.
"އުއްމީދަކީ ރާއްޖޭގެ ވެއްޓަށް މީގެ ސަބަބުން ކުރާ އަސަރު ދެނެގަނެ ކުރިއަށް އޮތް ތަނުގައި މިކަން އިތުރަށް ތަރައްގީ ކުރުމަށް އިތުރު އެހީ ލިބިގެންދާނެ ކަމަށް." ނަހުލާ ވިދާޅުވި އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި މާލޭގައި ދުއްވުމަށް އިލެކްޓްރިކް މިނީ ދެ ބަސް ގެނަންނާނެވެ. އަދި ބަސްތައް ޗާޖުކުރުމަށް ބޭނުންވާ ޗާޖާ ސްޓޭޝަނެއް ވެސް ގާއިމުކުރާނެ އެވެ. މި ހިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ. އަދި ހުޅުމާލޭގައި އާންމުން ބޭނުންކުރުމަށް 200 ބައިސްކަލް ވެސް ވަނީ ހޯދާފަ އެވެ.