ސުޕްރީމް ކޯޓް

މާދަމާ ސުޕްރީމް ކޯޓު ރިސެސްއަށް

މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހަށް ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމައިފި އެވެ.

ސުޕްރީމް ކޯޓު ރިސެސްގައިވާ މުއްދަތުގައި ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ނޫނީ ކޯޓުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.

ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

އަހަރަކު އެއް ފަހަރު ސުޕްރީމް ކޯޓު ރިސެސްއަށް ދާއިރު، މި އަހަރު ރިސެސްއަށް ގޮސްފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މަނީ ލޯންޑަރިން ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައި އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފަ އެވެ.

މިއަދު އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލް ކުރުމަށް ނިންމާފަ އެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވެސް ވަނީ ތާއިދު ކުރައްވާފަ އެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.