ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ފުރުން މަނާކުރުމަށް އަމުރަކަށް އެދިއްޖެ

Nov 30, 2021

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ރާއްޖޭން ބޭރަށް ފުރުން މަނާކުރަން ފުލުހުންގެ އިދާރާ އިން އަމުރަކަށް އެދިއްޖެ އެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ.

ފުލުހުން ބޭނުންވި އަމުރާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ. އެކަމަކު ފުލުހުންނާއި ކޯޓުން އެކަމުގައި އަދި އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާ އެއް މިހާރުވެސް ވަނީ އުފުލާފަ އެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ނޮވެމްބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ފާހަގަކުރެވޭ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އަދި ދަށު ކޯޓުން ހެކި ވަޒަންކޮށް މައްސަލަ ސާބިތުކުރި ގޮތް ގޯސް ކަމަށްވެސް ކަނޑައެޅި އެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައުލަތުން ބުނާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާ ކަމާ ދޭތެރޭ ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ. އެކަމަކު އެ ފައިސާގެ ހަގީގަތް ހޯދުމުގެ ފުރުސަތު ދައުލަތަށް ދީފައިވެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ ރައީސް ޔާމީން މިއަދު ސުޕްރީމް ކޯޓުން ސަލާމަތްވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިސަރުކާރުގެ ނުފޫޒާ ހެދި ރައީސް ޔާމީން ކުރިމަތިލާންޖެހޭ އެތައް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އަދި ތަހުގީގާއި ޝަރުއީ މަރުހަލާގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.