ރާއްޖެއިން މިއަދު ފެންނަމުން ދަނީ ޝަރުއީ ނިޒާމް ދުވަހެއް ދުވަހަކަށްވުރެ މިނިވަންވަމުން އަންނަ ތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިއަށްގެންދަވާ "އާސްކް ސްޕީކާ" ގެ ހަތަރުވަނަ އެޕިސޯޑުގައި މިރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރުމާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު ކޯޓުން މިނިވަން ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ 2000 އަހަރަށްވުރެ ގިނަ އަހަރުގެ ވެރިކަމުގެ ތާރީހުގައި މީގެ ކުރިން ރައީސުންގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތްތައް ހިންގާފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ދުވަހަކުވެސް އެއިން ބޭފުޅަކު ކޯޓުން ދޫވެފައި ނުވާ ކަމަށެވެ. އެބޭފުޅުންނަށް ރާއްޖެ ނާދެވި، ނޫނީ މަރާލައި ނުވަތަ ޖަލުގައި އޮންނަވަނިކޮށް އަވަހާރަވަނީ ކަމަށް ވެސް ވިދާޅުވި އެވެ.
ހުރިހާ ކަމެއްގައި އެންމެން އެދޭ ގޮތަށް ކަން ނުވެދާނެ ކަމަށާއި ބައެއް މީހުން އެދޭ ކަންކަން ނުވެ ހިނގައިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް ކޯޓުތަކުން ނިންމުންތައް ނިންމަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޝަރީއަތެއް ރަގަޅަށް ކުރެވިގެން ގަޒިއްޔާއިން ނިންމޭކަމީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން މިއަދު ސުޕްރީމް ކޯޓުން މިނިވަން ކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ވަތް ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ އެއް މިލިއަން ޑޮލަރާމެދު ޝައްކު އުފެދިގެން ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ދައުލަތަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ އެ ފައިސާގެ ހަގީގަތް ހޯދިފައި ނުވާ ކަމަށެވެ.