ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ދިޔާނާގެ ކަންބޮޑުވުން މިފަހަރު ފާޅުކުރެއްވީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެން އެމަނިކުފާނު ފުރާވަޑައިގެންފާނެ ކަމަށް ބައްލަވާ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ފުރުން މަނާ އަމުރެއް ނެރުމާއި ގުޅިގެންނެވެ.
ރައީސް ޔާމީން ފުރުން މަނާކޮށް ނެރުނު އަމުރު، ދިޔާނާ ސިފަ ކުރެއްވީ ކޯޓްގެ ފުރާޅުން ސަރުކާރުން އިސްވެ ޓިނު ނެގުން ފަދަ ކަމެއްގެ ގޮތުގައެވެ. ދިޔާނާ ވިދާޅުވީ "އެކި ވެރިން ވޯޓްތަކުގެ ފުރާޅު ނަގާނީ އެކި ގޮތަށް" ކަމަށެވެ.
ދިޔާނާގެ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އެންމެ މަތީ ކޯޓުން މީހަކު ކުށް ނުކުރާ ކަމަށް ކަނޑައެޅުމުން ދެން އެ ހުކުމުގެ ނަތީޖާ "އޯވާރީޗް" ކުރަން ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސަކަރާތް ޖަހަން އުޅޭ އުޅުމަކީ ވަރަށްވެސް ދެރަވަރު ކަމެއް ކަމަށެވެ.
"ކޯޓަށް އަތް ބާނަން އުޅެވޭނީ ތިޔަވަރަށް،" ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ވިދާޅުވިއެވެ.
ފުލުހުން މިރޭ ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ކޯޓުން އެ އަމުރު ނެރެފައިވާ ކަމަށެވެ. އަމުރު ނެރެދިނުމަށް އެދުނީ ފުލުހުންނެވެ. ފުލުހުން އެދުނު ގޮތަށް އެ އަމުރު ދެންމެ ނެރެދީފައިވާ ކަމަށްވެސް ބުންޏެވެ. އަމުރު ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.