ދުނިޔެ

ޓައިވާންގެ ސަބްމެރީން ޕްރޮގްރާމަށް އެހީއެއް ނުވަން: ސައުތު ކޮރެއާ

ޓައިވާނަށް އަސްކަރީ ސަބްމެރީން ފޯރުކޮށްދޭން މަސައްކަތްކުރާ ގައުމުތަކުގެ ލިސްޓްގައި ސައުތު ކޮރެއާ އޮތް ކަމަށް ބުނެ ރޮއިޓާސްއިން ފެތުރި ޚަބަރަކާ ގުޅިގެން ސައުތު ކޮރެއާގައި ހުޅުހިފައިފި އެވެ.

ރޮއިޓާސްއިން ބުނި ގޮތުން ޓައިވާންގެ އަސްކަރިއްޔާ ގާބިލު ކުރުމަށްޓަކައި އެގައުމުން އުފައްދަން މަސައްކަތްކުރާ އަށް ސަބްމެރީންއަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އެމެރިކާއާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ، ސްޕެއިން އަދި ސައުތު ކޮރެއާ އެވެ.

ޗައިނާއާ އެހާ ގާތުގައި އޮވެ އަދި ޓައިވާނަކީ ޗައިނާގެ ޕްރޮވިންސެއް ކަމަށް ޗަައިނާއިން ތަކުރާރުކޮށް ބުނާއަޑު އިވޭ ފަށުގައި ސައުތު ކޮރެއާ އޮންނައިރު ޗައިނާ ނުރުހޭ ކަމެއްގައި ޝާމިލްވުމަކީ ދެ ގައުމުގެ ގުޅުމުގައި ޖަހާލެވޭ ހުޅަކަށް ނޫނީ ނުވާނެ އެވެ.

މިކަމުން ސަލާމަތްވުމަށް ސައުތު ކޮރެއާ އަވަސް އަރުވާލައިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮއިޓާސްއިން ސައުތު ކޮރެއާ ލިސްޓްގައި ހިމަނާފައި އޮތް އޮތުން އެއީ ދޮގެއް ކަމަށެވެ.

ސައުތު ކޮރެއާއިން ބުނީ ޓައިވާންގެ ސަބްމެރީން ޕްރޮގްރާމްގައި ސައުތު ކޮރެއާ ކުންފުންޏަކުން ވެސް ސަރުކާރަށް އެނގިގެން ބައިވެރި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއްގައި ސައުތު ކޮރެއާއަށް ނިސްބަތްވާ ބަޔަކު ވައިވެރިވޭތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާއާ އިނގިރޭސިވިލާތް ގުޅިގެން މިހާރު ވަނީ ވަރަށް ރަނގަޅަށް ޓައިވާންގެ ބޮލަށް އެރިގެންފަ އެވެ. ސަބްމެރީން އުފައްދަން ބޭނުންވާ ސޯނާ އާއި މިސައިލް ހަމަލާ ދޭން ބޭނުންކުރާ ނިޒާމްތައް ވެސް ވަނީ ސަޕްލައިކޮށްފަ އެވެ.

އެމެރިކާގެ ވިސްނުމަކީ ޗައިނާއިން ދީފާނެ ހަމަލާއަކުން ދިފާއުވެވޭ ފެންވަރަށް ޓައިވާންގެ އަސްކަރިއްޔާ ބާރުގަދަކުރުމެވެ. އަދި ޗައިނާއާ ދެކޮޅަށް ނިކުންނާނެ އަސްކަރީ ބާރެއް ޓައިވާންގައި އުފެއްދުމެވެ.

ޗައިނާއިން އަބަދު ވެސް ބުނަމުން ގެންދަނީ ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި އެއީ ޗައިނާގެ ބައެއް ކަމަށެވެ. އަދި ލަސް ނޫން މުސްތަގުބަލެއްގައި ލޭއޮހޮރުވުމެއް ނެތި ޓައިވާން އަތުލައިގަންނާނެ ކަމަށެވެ.