ރައީސް މުހައްމަދު ނަޝީދު

އެހެން އެއް ކަމެއް ނުކޮށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަންޖެހޭ: ނަޝީދު

Dec 1, 2021

ގައުމުގެ ވެރިން އެހެން އެއްވެސް މަސައްކަތެއް ނުކޮށް ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ކުރިއަށް ގެންދަވާ "އާސްކްސްޕީކާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ ފްލެޓް ނުވަތަ ގޯއްޗެއް ލިބުން ނޫން އެހެން ކަމަކަށް ރައްޔިތުން މިވަގުތު ނޭދޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިރޭ އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ސާފުކޮށް އަޅުގަނޑާ ކުރާ ސުވާލުތަކަކީ ސިޔާސީ އެހެން ހުރި ސުވާލެއް ވެސް ނޫން. ހަމަ ބޯހިޔާވަހިކަން. ހަމަ ބޯހިޔާވަހިކަން. ހަމަ ބޯހިޔާވަހިކަން. އަދި އަޅުގަނޑު މީހަކާ ބައްދަލުކުރިޔަސް އަދި އަޅުގަނޑު ގެޔަކަށް ދިޔަސްވެސް އަދި އަޅުގަނޑާ އެޕޮއިންޓްމަންޓް މެދުވެރިކޮށްގެން ބައްދަލުވާހާ މީހުންވެސް އަދި އަޅުގަނޑަށް ޓެކްސްޓް ކުރާހާ މީހުން ވެސް ހަމަ މިޝަކުވާ. ބޯހިޔާވަހިކަމުގެ ޝަކުވާ،" ބޯހިޔާވަހިކަމުގެ މައްސަލައިގެ ސީރިއަސްކަން އޮތް މިންވަރު ހާމަކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ގޯތި ދޫކުރުމާއި ފްލެޓް އަޅައިދިނުމަކީ މިވަގުތު އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަންކަން ކުރާނީ ސަރުކާރު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ރަށްތަކާއި ވަކިން ހާއްސަކޮށް މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިހާރު ހައްލެއް ނުހޯދައިފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މިވަގުތު އޮތީ އެކަމުގައި ހައްލެއް ހޯދުމަށް ފުންކޮށް ވިސްނަން ޖެހޭ ހިސާބެއްގައި ކަމަށެވެ. އަދި ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ރައްޔިތުން އެދޭ މިންވަރާ ގާތްކުރާ ވަރަކަށް ނަމަވެސް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ފްލެޓެއް ލިބޭނެ ކަމަށް ބުނެ އެއްވެސް ރައްޔިތަކަށް ދައުލަތުން ލިޔުމެއް ދީފައިވާނަމަ އެ މީހަކަށް ފްލެޓެއް ނުލިބޭންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ފުރަތަމަ ދެން އަޅުގަނޑު މިވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތް. އަޅުގަނޑަކީ ސަރުކާރު ނޫން ކަމަށް ތިބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ. ދެން އަޅުގަނޑު އެ ވާހަކަ އެ ނޫން ގޮތަކަށް ދައްކާ އުޅުނަސްވެސް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގެ ގާކޮށީގެ ބިމުގައި އާއި އަރަބިއްޔާގެ ކުރީގެ ބިމުގައި ފްލެޓް އަޅާފަ އެވެ. އަދި ބައެއް ރަށްރަށުގައި ވެސް އެމަނިކުފާނުގެ ވެރިކަމުގެ ފްލެޓްތަކެއް އަޅައިދީފައިވެ އެވެ.