މާލޭގެ ރައްޔިތުންނަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުން ކުޑަކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރާނަން، މާލޭގެ ހުރިހާ އެންމެންނަށް، މިތަނުގެ ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ހޯދައިދޭނަން." ނަޝިދު ވިދާޅުވި އެވެ
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ވެސް ގެންނަންޖެހޭ ކަމަށެވެ. މިހާރު އޮތް ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކުރިއަށްދާނަމަ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންވެސް އަދި ހުޅުމާލޭގެ ޑިވެލޮޕްމަންޓް ވިސްނުންވެސް އަޅުގަނޑުމެން ބަދަލުކޮށްފިއްޔާ އަދި ކުރެވޭނެ އިރާދަކުރެއްވިއްޔާ، ކުރީމާ މާލޭ ރައްޔިތުންނަށް ވަގުތުން ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި ބިން އެބަހުރި ކަމަށާއި ބިން ދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި މާގިނައިން ޕާކްތަކާއި މޯލްތައް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމުން މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022ގަ އެވެ.
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.