ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސް އަށް

Dec 1, 2021

ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސް އަށް ދިޔައީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

އެކަމަކު ޖެނުއަރީ އެއްވަނަ ދުވަހަކީ މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވެފައިވާ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީވެ ސުޕްރީމް ކޯޓާއި ހައިކޯޓު ހުޅުވޭނީ ޖެނުއަރީ ދެވަނަ ދުވަހު އެވެ.

ރިސެސްގައިވާ މުއްދަތުގައި ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ނުވަތަ ހުކުމް ކުރުމަށް ނޫނީ ދެ ކޯޓުގައި ވެސް އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

ސުޕްރީމް ކޯޓު މި އަހަރު ރިސެސްއަށް ގޮސްފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިން ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައި އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް އިއްޔެ ބާތިލްކޮށްފަ އެވެ.