ދަރިން ނުލިބޭ މީހުން ދަރިން ހޯދަން ފަރުވާ ކުރުމުގައި އަމަލު ކުރާނެ ސިޔާސަތެއް އެކުލަވައިލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަރިން ނުލިބޭ މީހުން އެކަމަށް ފަރުވާ ހޯދުން -- އައިވީއެފް ހެދުމަށް ބޮޑު ހަރަދެއް ކުރަންޖެހޭއިރު ސަރުކާރުގެ އިންޝުއަރެންސް ސްކީމް އާސަންދަ އިންނާއި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ވެސް އެކަމާ ގުޅޭ ހަރަދުތައް ނަގައެއް ނުދެ އެވެ. އެހެންވެ އައިއެފް ހަދާ މީހުން އެކަމާ ގުޅޭ ހުރިހާ ހަރަދެއް އަމިއްލަ އަށް ކުރާއިރު އެކަމަށް ބޮޑު ހޭދައެއް ކުރެ އެވެ.
ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދަ އިން ކަވަރު ނުކުރުމަކީ އެ ފަރުވާ ހޯދަމުންދާ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އަދި ކަންބޮޑުވުމެކެވެ. ދިވެހިން އާންމު ގޮތެއްގައި އައިއެފް ހަދަނީ އިންޑިއާ އަށް ގޮސްގެންނެވެ. ދިވެހިން އައިވީއެފް ހެދުން އިތުރުވަމުން އައި ނަމަވެސް އެފަދަ މީހުންގެ ތަފާސްހިސާބެއް ވެސް ދައުލަތުގެ އިދާރާތަކުން ބަލަހައްޓަމުން ނުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ކުރިއަށް ގެންދަވާ "އާސްކްސްޕީކާ" ޕްރޮގްރާމުގައި އިންފާޓިލިޓީގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސިޔާސަތެ ސަރުކާރުގައި އޮންނަން ޖެހޭ ކަމަށެވެ.
"އިންފާޓިލިޓީއަކީ މައްސަލައެއް އެނގޭތޯ. ދެން ކޮބައިތޯ ސަރުކާރުގެ އެކަމުގެ ސިޔާސަތަކީ. އަދި އެކަހަލަ މީހުންނަށް އަޅާލެވޭނެ ގޮތްތަކަކީ ކޮބައިތޯ. އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް އޮންނަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މީގެކުރިން އެކުލަވާލި އެއްވެސް މެނިފެސްޓޯއެއްގައި ވެސް "އިންފާޓިލިޓީ"އާ ގުޅޭ ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމާ ގުޅިގެން އެކަން ބައްލަވާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ނަފްސާނީ ވަރަށް ގިނަ އުދަނގޫތައް ދިމާވެދާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން އެއްކުރާ ތަފާސްހިސާބުތަކުގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ 15 ޕަސެންޓް މީހުން އިންފާޓިލިޓީގެ ބަލި ތަހައްމަލް ކުރެ އެވެ.