ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވަނީ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން ކަން އަވަސް އަށް ޔަގީން ކޮށްދެއްވާފަ އެވެ.
އޮފިޝަލް މިއަދު ވިދާޅުވީ ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށް ކަމަށެވެ. އެ މުވައްޒަފުންނަށް ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް ނޯޓިސް ދިން ކަމަށެވެ. އަދި އެމީހުންނަށް ޖެންޑާގައި ހުރި ފުރުސަތުތައް ބުނެދިނުމަށްފަހު ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިވެސް ދިން ކަމަށެވެ.
އެގޮތުން ހިޔާގައި މަސައްކަތް ކުރި 43 މުވައްޒަފުން މިހާރުވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ތިން މުވައްޒަފަކަށް އަތޮޅުތެރެއިން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި މިއަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ނޯޓިސް ދިން މުވައްޒަފުން ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިތިއްބާފައި ތިބޭ ކުޑަކުދީންގެ ހިޔާގައި މި އަހަރުގެ ތެރޭ އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވެ އެވެ. އަދި އެތަނުން ކުދިން ފިލައިގެންދިޔަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.
މީގެ އިތުރުން ޖެންޑާއިން ކުދިން ބަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި ވެސް ވަނީ ބޮއްސުންލާފަ އެވެ. އެތަނުގެ ތެރޭގައި އަލިފާން ރޯކޮށްލުމާއި ކުދިން ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރުމުގެ މައްސަލަތަކެއް ވަރަށް ފަހުން ވަނީ ހިނގާފަ އެވެ. އެފަދަ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާއިރުވެސް އެ މައްސަލަތައް ހައްލުކުރުމަށް ޖެންޑާއަށް އެކަށީގެންވާ ވަރަށް ފިޔަވަޅު އެޅިފައެއް ނުހުރެ އެވެ.