ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކޮލިޓީގެ މައްސަލައެއްގައި އައިވީގެ ބާވަތެއް ވިއްކުން މަނާކޮށްފި

Dec 1, 2021

ކޮލިޓީ މައްސަލައެއް އުޅޭކަން ފާހަގަކުރެވިފައިވާތީ އައިވީ ޕްރޮޑަކްޓެއް ކަމަށްވާ (އާރްއެލް) ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އާރްއެލް އައިވީގެ ކޮލިޓީ މައްސަލަތަކެއް އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ވައްތަރުގެ އައިވީ ޕްރޮޑަކްޓް، ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުންކުރުން މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެެވެ.

އެމްއެފްޑީއޭ އިން ބުނީ މައްސަލަ ދިމާވެފައިވާ އައިވީ އަކީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބާވަތެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެ ވައްތަރުގެ އައިވީ ހުރި ނަމަ އެމްއެފްޑީއޭ އަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

ރާއްޖެ އެތެރެ ކުރާ ބައެއް އުފެއްދުންތަކުގައި މައްސަލަތައް ހުރިކަން ފާހަގަކުރެވިގެން އެފަަދަ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުން މީގެކުރިންވެސް އެމްއެފްޑީއޭ އިން މަނާކޮށްފައިވެ އެވެ.