ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޕެނަޑޯލް ކާން ހުއްދަދީފި

ޕެނަޑޯލް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.

ޕެނަޑޯލް 500މގ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ ބޭސް ވިއްކުމާއި ބޭނުންކުރުން އެ އޮތޯރިޓީން މަނާކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ ޕެނަޑޯލް 500 މގ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ އޮތޯރިޓީގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުތައްކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ.

"ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތް ހުރިކަން ވަނީ ޔަގީންވެފަ،" އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

މި ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުންކަން ބެލިބެލުމުން ފާހަގަކުރެވުނު ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.

"މި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތްކަންވެސް ވަނީ ކަށަވަރުވެފަ،" އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.