ބޮލީވުޑް

ކެޓުރީނާ އާއި ވިކީގެ ކައިވެންޏަށް ނުދާނަން: ގަޖްރާޖް ރާއޯ

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަ ކިތަންމެ ވަރަކަށް ދެކެވުނަސް އެ ދެ ތަރިން އަދިވެސް އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ސޯޝަލް މިޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި މި ކައިވެނީގެ ރަސްމިއްޔާތު އޮންނަ ހޯލާއި މެހެމާނުންގެ ލިސްޓަށް ދަންދެން ޖަހާފައި ވެއެވެ. އަދި އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ކައިވެނީގެ ރަސްމިއްޔާތަށް މޮބައިލް ފޯނު ވެއްދުން ވަނީ މަނާ ކޮށްފަ އެވެ. މިކަމާ "ބަދާއީ ހޯ" އެކްޓަރު ގަޖްރާޖް ރާއޯ ވަނީ ވަރަށް މަޖާ އެއްޗެކޭ ބުނެފަ އެވެ. އަދި އޭނާ ދެއްކި ވާހަކަ އިން މި ކައިވެނީގެ ވާހަކައަކީ އަސްލު ވާހަކައެއް ކަން ޔަގީން ކުރެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ކެޓުރީނާ އާއި ވިކީގެ ކައިވެނީގެ ރަސްމިއްޔާތަށް މޮބައިލް ފޯނު ނުވެއްދޭނެ ކަމަށް އިންސްޓަގްރާމްގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގެ ސްކްރީންޝޮޓަކާއެކު ގަޖްރާޖްގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައި ވަނީ "ސެލްފީ ނެގުމުގެ ހުއްދަ ނުލިބެންޏާ ކައިވެންޏަށް ނުދާނެ" ކަމަށެވެ.

މިއީ ހަމަ އެކަނި ގަޖްރާޖްގެ ޚިޔާލެއް ނޫނެވެ. މި ކައިވެންޏަށް ދައުވަތު ދީފައިވާ މެހެމާނުންނަށް އަމަލު ކުރަން ހަމަޖައްސާފައިވާ ގޮތްތަކުން ގިނަ ބަޔަކު ހިތްހަމަނުޖެހިފައިވާ ކަމަށް ވެއެވެ. ފޯނު ގެންދިއުން މަނާ ކުރުމާއި ކައިވެނީގެ ވާހަކަ އެއްވެސް މީހެއް ކައިރީ ދެއްކުން މަނާ ކުރުން ފަދަ ގިނަ އިރުޝާދުތަކަކަށް މެހެމާނުން އަމަލު ކުރަން ޖެހެ އެވެ.

"އަހަންނަކަށް ނޭނގެ މި ހުރިހާ އަމުރުތަކެއް ކުރަނީ ކެޓުރީނާ އާއި ވިކީ ކަމެއް ނުވަތަ އެމީހުން ކަނޑައަޅާފައިވާ ޓީމުގެ މެމްބަރުން ކަމެއް. މިކަން މިހާރު ބިރުވެރި ހުވަފެނެއް ފަދަ ކަމަކަށް ވެއްޖެ. މި އުޅެނީ ކައިވެންޏެއް ކުރަން ވިއްޔާ. ގައުމީ ބޮޑު ސިއްރަކަށް މިކަން ވާންވީ ސަބަބެއް ނޭނގޭ،" ކައިވެންޏަށް ދައުވަތު ލިބިފައިވާ މީހަކު ބުންޏެވެ.

މިކައިވެނީގެ ވާހަކަ އިންޑިޔާގެ ނޫސްތަކުން ލިޔަމުން ދިޔަ ނަމަވެސް ވިކީގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ އުޕަސްނާ ވޮހްރާ ބުނެފައިވަނީ އޭނާގެ ބޭބެ ވިކީ ކައިވެނިކުރަން ނޫޅޭ ކަމަށާއި މިއީ ހަމަ އަރުވާ އަޑުތަކެއް ކަމަށެވެ.

ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޑިސެމްބަރު 7ން ފެށީގެން 9 އަށް ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކައިވެންޏަށްފަހު މުމްބައި އަށް އައިސް ވަރަށް ބޮޑު ރިސެޕްޝަނެއް ބާއްވަން ވެސް ތައްޔާރުވަމުންދާ ކަމަށެވެ.