ބޮލީވުޑް

ފިިރިމީހާގެ ގޮތު ރާކީ ދެއްކީ "ބިގް ބޮސް" ކެމެރާމަނެއް!

ބޮލީވުޑް ބަތަލާ ރާކީ ސާވަންތު ކައިވެންޏެއް ކުރި ވާހަކަ ދައްކާތާ މިހާރު އަހަރު ތަކެއް ވެއްޖެ އެވެ. ނަމަވެސް ރާކީގެ ފޭނުން ވެސް އޭނާ ކައިވެނިކުރި ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ކައިވެނީގެ ވީޑިއޯއެއް ފޮޓޮއެއްވެސް މިހާތަނަށް ފެނިފައި ނެތުމެވެ. އަދި ދުވަހަކުވެސް ރާކީގެ ފިރިމީހާ އެއްވެސް މީހަކަށް ފެނުނުކަމަކަށް ނުވެ އެވެ.

ރާކީގެ ފިރިއަކު ހުންނަކަން އޭނާގެ ފޭނުންނަށް ސާބިތުކޮށްދޭން މި ފާއިތުވީ އަހަރުތަކުގައި ރާކީ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ދުވަހަކުވެސް ފިރިމީހާގެ ފޮޓޮއެއްހާ ހިސާބުވެސް ނުދައްކަ އެވެ. ރާކީ ބުނަނީ އޭނާގެ ފިރިމީހާގެ ނަމަކީ ރިތޭޝް ކަމަށެވެ.

ކޮންމެއަކަސް މި ރިތޭޝްގެ ހަގީގަތެއް ނޭނގި ގިނަ ޒަމާންތަކެއް ވުމަށްފަހު މީގެ ހަފުތާއެއް ކުރިން ކުއްލިއަކަށް ރާކީގެ ފިރިމީހާކަމަށް ބުނާ ރިތޭޝް "ބިގް ބޮސް 15" އިން ދައްކާލައިފި އެވެ. ރާކީއާ އެކުގަ އެވެ.

ރިތޭޝް ފެނުމުން އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެހާ ދުވަސް ވަންދެން ފިލައިގެން އުޅެފައި ކުއްލިއަކަށް އެންމެންގެ ކުރިމައްޗަށް ނުކުތީމަ އެވެ.

ރާކީ އަކީ "ޑްރާމާ ކުއީން" އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އެހެންވެ ރިތޭޝް ފެންނަންދެން އެންމެން ވެސް ހީކުރީ ރާކީ ކުޅެނީ ޑްރާމާކަމަށެވެ. އަދި ކައިވެނިކޮށްފީމޭ ކިޔައިގެން ހަދަނީ ހުސް ދޮގުކަމަށެވެ. ނަމަވެސް ފިރިމީހާ ރިތޭޝް އޭ ކިޔާފައި ގައުމީ ޓީވީން މީހަކު ތައާރަފްކޮށްދިނުމުން އެންމެންވެސް ރާކީ ދެއްކި ވާހަކަތައް ގަބޫލުކުރި އެވެ.

ނަމަވެސް ޝޯގައި ރާކީ އާއި ރިތޭޝް އެކުގައި ބައިވެރިވެ އުޅެމުންދާ ގޮތުން އަނެއްކާވެސް ބެލުންތެރިންނަށް ޝައްކުވާން ފެށި އެވެ. އަދި އެއީ ހަގީގަތުގައި ވެސް ރާކީގެ ފިރިމީހާ ތޯ އޭނާގެ ފޭނުން ވެސް ސުވާލުކުރަން ފެށި އެވެ. ރާކީ އޭނާގެ ފިރިމީހާ ކަމަށް ބުނާ މީހާއަށް ގޮވަނީ "ޕާޕާ"އޭ ކިޔާފަ އެވެ. އަދި ދެ މީހުންގެ މެދުގައި އެއްވެސް ކެމިސްޓްރީއެއް ނެތުމުން މިއީ ހަގީގަތުގައި ވެސް ދެމަފިރިންތޯ ސުވާލު އުފެދެން މެދުވެރިވީ އެވެ.

"ބިގް ބޮސް"ގެ ހޯސްޓް ސަލްމާން ޚާން ވެސް މިކަމާ ޖޯކު ޖަހާފައި ވެއެވެ. ރާކީ އަނެއްކާ ފިރިމީހާ އޭ ކިޔައިގެން މީހަކު ފައިސާދީގެން ހޯދައިގެންއުޅެނީތޯ ސަލްމާން ވަނީ ރާކީ ކުރެން އަހާފަ އެވެ.

ފޭނުންގެ ޝައްކު އިތުރުވެ އެމީހުން މިކަމާ ސުވާލުކުރަމުން ދަނިކޮށް ދެން އިވެން ފެށި ޚަބަރަކީ ރާކީގެ ފިރިމީހާ އޭ ކިޔައިގެން ދައްކައިގެން އުޅެނީ ހަގީގަތުގައި ބިގް ބޮސްގެ ކެމެރާމަނެއް ކަމަށެވެ.

"ބިގް ބޮސް"ގެ ޚަބަރުތައް އެންމެ އެނގޭ މީހެއްކަމަށް ބުނެ ޚަބަރުފަތުރާ "ދަ ޚަބްރީ" ބުނަނީ ރާކީގެ ފިރިމީހާ ރިތޭޝް އަކީ އަސްލު ބިސް ބޮސްގެ ކެމެރާމަނެއް ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ.

ހަގީގަތުގައި ވެސް ރިތޭޝް އަކީ ރާކީގެ ފިރިމީހާ ތޯ ނުވަތަ ފިރިމީހާ އޭ ކިޔައިގެން ދައްކައިގެން އުޅޭ ކެމެރާމަނެއްތޯ އަދި ޔަގީން ނުވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.