ލައިފްސްޓައިލް

ފިލްމެއްގެ ތަންކޮޅެއް ބަލައިގެން ކުއްޖަކު 14 އަހަރަށް ޖަލަށް!

އުތުރު ކޮރެއާގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ދެކުނުގެ ކޮރެއާގެ ފިލްމެއްގެ ތަންކޮޅެއް ބެލިކަން ސާބިތުވެ 14 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ. މި ކުއްޖާ ބެލީ އެ ފިލްމުގެ އެންމެ ފަސް ވަރަކަށް މިނިޓެވެ.

ޔަންގަންގް ޕްރޮވިންސްގައި ދިރިއުޅޭ މި ކުއްޖާ ހައްޔަރުކޮށްފައި ވަނީ ފާއިތުވީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ބުރަ މަސައްކަތާއެކު 14 އަހަރަށް ޖަލަށް ލާން މިހާރު ވަނީކޯޓަކުން ހުކުމް ކޮށްފަ އެވެ. މި ކުއްޖާ ބެލީ "ދި އަންކަލް" ކިޔާ ފިލްމެއްގެ ތަންކޮޅެއް ކަމަށް ޑެއިލީ އެންކޭ އިން ބުނެފައި ވެއެވެ.

އެ ޚަބަރުގައި ބުނެފައިވާ ގޮތުގައި ކުއްޖާ ހައްޔަރުކުރީ އެ ފިލްމު ބަލަން ފެށިތާ އެންމެ ފަސް މިނިޓް ތެރޭގަ އެވެ. މި ކުއްޖާއަށް ދިން އަދަބުގެ އިތުރުން ކުއްޖާގެ މައިންބަފައިންނަށް ވެސް އަދަބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

އުތުރު ކޮރެއާގެ ސަގާފަތާއި ގަވާއިދުތަކަށް ބޯ ނުލަނބާ މީހުންނާ ދޭތެރޭ އެ ގައުމުގެ ސަރުކާރުން ވަރަށް ހަރުކަށިކޮށް ކަންތައް ކުރެ އެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން އުފައްދާ ފިލްމުތައް ބެލުން އުތުރު ކޮރެއާގައި އޮންނަނީ މުޅިން މަނާ ކޮށްފަ އެވެ.

ނެޓްފްލިކްސް ސީރީޒްއެއް ކަމަށްވާ ސްކުއިޑް ގޭމްގެ ކޮޕީތަކެއް ބަހައިގެން މިދިޔަ މަހު އެ ގައުމުގެ މީހަކަށް ވަނީ މަރަން ހުކުމްކޮށް އެ ހުކުމް ތަންފީޒު ކޮށްފަ އެވެ.

ޗައިނާއިން އެމީހާ އެ ސީރީޒް ކޮރެއާއަށް އެތެރެކުރީ ޔޫއެސްބީ ފްލޭޝް ޑްރައިވް އެއްގަ އެވެ. އެމީހާ މި ސީރީޒް އެތެރެ ކުރިކަން އެނގުމުން އޭނާ ހައްޔަރުކޮށް މަރުގެ ހުކުމް ތަންފީޒްކުރީ އެވެ.

އެމީހާގެ އަތުން އެ ޑްރައިވް ގަން ކިޔަވާކުއްޖަކު އުމުރަށް ޖަލަށް ލާން ހުކުމް ކުރިއިރު އެ ސީރީޒް ބެލި އިތުރު ހަ ކުއްޖަކު ބުރަ މަސައްކަތާއެކު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވެއެވެ. އަދި އެ ކުދިން ކިޔެވި ސްކޫލުގެ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކޮށް ދުރު ހިސާބުތަކުގައިވާ މައިންތަކުގެ މަސައްކަތަށް ފޮނުވާފައި ވެއެވެ.

ދެކުނު ކޮރެއާގައި އުފައްދާފައިވާ "ސްކުއިޑް ގޭމް" އަކީ ގޭމެއް ގޮތަށް އުފައްދާފައިވާ ސަވައިވަލް ސީރީޒް އެކެވެ. މި ސީރީޒްގައި ފައިސާގެ ގޮތުން ވަރަށް އަތްމަތި ދަތިވެފައިވާ 456 މީހަކު ގިނަ އަދަދެއްގެ ފައިސާގެ އިނާމު ލިބޭ ވަރަށް ނުރައްކާތެރި ކުޅިވަރުތަކެއް ކުޅެ އެވެ.