ވާހަކަ

ހިތް ރުއްސާނުތޯ

(30 ނޮވެމްބަރ 2021 އާ ގުޅޭ)

"ކްލާހަށް ނުދަންތަ؟..." ދާދި ގާތުން އިވުނީ ފިރިހެނެއްގެ އަޑެވެ.

ސިއްސައިގެން ދިޔަ ހޫރައިންނަށް ހީވީ މޭގަނޑު އައިސް ލަގޮނޑިއާ ހިސާބުގައި ތާށިވީ ހެނެވެ. ދުއްވައިގަންނަން ބޭނުންވިޔަސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. ހޫރައިންނަށް ބަލާލެވުނީ ބިރުން ވިރެމުންނެވެ. އެހިނދު ދެ ޒުވާނުންގެ ނަޒަރު ސީދާވެލިއެވެ.

* * * * *

ފާޚާނާގެ ލޯގަނޑުން މޫނު ބަލާލާފައި އަނެއްކާ ވެސް ގުދުވެލައި މޫނުގައި ފެންފޮދެއް ޒެހެން ހާކާލައިފިއެވެ. ދެން ތެމިފައިވާ ދެއަތުގެ އަނގިލިތަކުން ބޮލުގެ މައްޗަށް ވާހެން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ދޫކޮށްފައި ހުރި އިސްކުރު ބާރުކޮށްލައި އެއްފަރާތުގައި ހުރި "ޓިޝޫ ޑިސްޕެންސަރ" އިން ދެތިން ޓިޝޫ ނަގައި ޒެހެންގެ މޫނު ފުހެލައި ތިރީގަ ހުރި ކުނިވަށިގަނޑަށް ވައްޓާލިއެވެ. އޭނާގެ ކަނާއަތް ފަރާތުން ފާޚާނާގެ ބިތުގައި އެކީއެކައްޗަށް ހުރި ބޮޑު ލޯގަނޑަށް އަވަސް ނަޒަރެއް ދިނެވެ. ތުނިކޮށް ހުރި ތުނބުޅިމަތިމަހުގައި ޒެހެން ކަނާއަތްތިލަ ހިންގާލިއެވެ. ރީތިކޮށްލާ ފަދައަކުންނެވެ.

ސަރައްކާލިން މަޑު ހިނގުމުގައި ޒެހެން އައީ ޔުނިވަރސިޓީގެ ފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ. ފަޓުލޫނުގެ ކަނާއަތް ފަރާތު އަރިމަތީ ޖީބަށް އަތްކޮށްޕާލެވުނު ހިނދު ޖީބުގައި އޮތް މަޑު އެއްޗެއް އަތް ޖެހުނެވެ. އެއީ ކޯއްޗެއްކަން ވަގުތުން އޭނާ ހަނދާންވިއެވެ. މިހާރު ވެސް އޭނާ އެ ހުރީ އެ ހިޔާލުތަކަށް ގެއްލިއެވެ. ޖީބުގައި އޮތް އެއްޗެއް އޭނާ ނެގިއެވެ. އެއީ ކަޅުކުލައިގެ ދިގު އަންގިއެކެވެ.

ޒެހެންއަކީ ޔުނިވަރސިޓީގައި ކިޔަވައިދޭ ލެކްޗަރާއެކެވެ. ހެނދުނު ކިޔެވުން ފެށޭގަޑީގައި ކުލާހެއް ނަގައިދޭން ނެތުމުން ގަސްދުކުރީ ތަނުގައި އުޅޭ ދެ އެކުވެރިއެއްގެ ކޮފީ ދަޢުވަތު ގަބޫލުކުރާށެވެ. ތިން މީހުން ވެސް އެވަގުތު ތިބީ އިމާރާތުގެ ތިން ދިމާލުގައެވެ. އެހެންވެ ބައްދަލުވާ ނިންމީ ގޭޓު ކައިރިންނެވެ. ޔުނިވަރސިޓީއަށް ވަންނަ ފުޅާ ގޭޓާ ދިމާއަށް އައި ޒެހެންނަށް މާގަސްތަކާ ދިމާއަށް ބަލަން ހުރި އަންހެންކުއްޖާ ފާހަގަވިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. މޫނުއަޅާފައި ހުރިއިރު އިސްކޮޅުން ކުރުކަމުން އޭނާއަށް ސިފަވީ ކުޑަކުއްޖެއް ހެންނެވެ. އެތަނުގެ ދަރިވަރަކަށް ވެދާނޭ ޒެހެންގެ ހިތަށް އެރީ އެހެންވެއެވެ. އެއްވެސް ހަރަކާތެއްނެތި އެ އަންހެންކުއްޖާ މާގަސްތަކަށް ގެއްލިފައިކަން ހުރީ ޒެހެންއަށް ޔަގީނެވެ. އެހެންނޫންނަމަ ކައިރީގަ ހުއްޓިލީމަ ހިލަންވެގެން ވެސް ބަލާލާނެއެވެ. އޭނާ އައީ ސިއްރަކުން ނޫންވިއްޔާއެވެ.

"ކުލާހަށް ނުދަންތަ؟" މަޑުކޮށްލައިގެން ހުރެ ޒެހެން އަހާލިއެވެ.

އެ އަންހެންކުއްޖާގެ ދެކޮނޑު އުފުލުނު ގޮތުން އޭނާ ސިހުނީކަން ޒެހެން ނަގައިގަތެވެ. ހުއްޓުން އަރާފައި ހުރި ގޮތް ފެނި ޒެހެން މަޢާފަށް އެދެން އުޅުނެވެ. މީހެއްގެ ކުރިމަތީ އަޖައިބުވެގެން މިހާތަނަށް ބަސްހުއްޓިފައި ނުވިޔަސް އެ އަންހެންކުއްޖާ ބަލާލި ހިނދު ޒެހެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ސިހުމާއި ބިރުވެރިކަން އެކުލެވިފައިވި އެ ދެ ލޮލުން ޒެހެންނަށް ފެނުނީ އަންތަރީސް ކުރުވާފަދަ ރީތިކަމެކެވެ. ދިގު އެސްފިޔަތަކުގެ ތެރެއިން ފެންނަން ހުރީ އަލިއަލި މުށިކުލައެއްގެ ދެ ކަޅިއެވެ. ބަލައިގެން ނުވާނޭ ދަރަޖައަކަށްކަން ނަޒަރު ވަކިކޮށްނުލެވި ހުރީ ޒެހެންގެ ޟަމީރު ހަނދާންކޮށްދެއްމުން ދިޔައެވެ. ޚާއްޞަކޮށް މޫނު އަޅާފައި ހުރި އަންހެންކުއްޖަކު އެފަދަ ޢަމަލެއް ބަލައި ނުގަންނާނޭކަން ޒެހެންގެ ޟަމީރު ވިސްނައިދިނެވެ. އެހެންވިޔަސް އޭނާއަށް ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ރޮވެން އުޅޭފަދަ ކަރުނައިގެ ތެތްކަމެއް އެ ދެ ލޮލުން ފާޅުވީ ހިނދު ޒެހެން ކަންބޮޑުވިއެވެ. ކުރިއަށް ޖެހިލެވުނީ ވީގޮތެއް އޮޅުން ފިލުވާށެވެ. ނަމަވެސް އެ އަންހެންކުއްޖާ ފަހަތަށް އަރިއަޅާލީއެވެ. އޭނާ ވެއްޓުމުގެ ކުރީން ހިފަހައްޓަން ޒެހެން ގަސްދުކުރިއެވެ. އެ އަންހެންކުއްޖާގެ އަތް އުފުލުނު ހިނދު އެ އަތުގައި ހިފަން ޒެހެން އަތް އެއްލިއެވެ. ނަމަވެސް އަތަށް ލައްވާފައި ހުރި އަންގީގެ އިނގިލިތައް ކޮޅުގައި ހިފުމުން އޭނާގެ އަތަށް އައީ އަންގިއެވެ.

"އަތްނުލާ..." ބާރު ހަޅޭކަކާއެކު އެ އަންހެންކުއްޖާގެ އަޑު ގުގުމާލިއެވެ. ޒެހެން ވެސް ދިޔައީ ސިއްސައިގެންނެވެ.

"ސޮރީ..." ޒެހެންއަށް ބުނެވުނެވެ. އޭނާ ދެން ވެސް އެ އަންހެންކުއްޖާއަށް އެހީވާން އުޅުނެވެ. ނޭވާ ހާސްވެގެން އުޅޭ މީހަކު ފަދައިން އެ އަންހެންކުއްޖާ މޭޖެހިފައިވިއެވެ. ނުތެދުވިފައި އޭނާ ފަހަތަށް ފިރުކައިގަނެފައި މޭގައި އަތް އެޅިއެވެ. އެ އަންހެންކުއްޖާގެ ޚަބަރު ހުސްވީ ހަދާނޭ ގޮތެއް ނޭނގި ޒެހެން ފަހަތަށް ޖެހެން ފިޔަވަޅު އަޅާލި ވަގުތެވެ.

"ޒެން. ކާކުގެ އަޑެއް... ކީއްތިކުރަނީ." ކައިރިން އިވުނީ ރަހީމްގެ އަޑެވެ.

ފަސްއެނބުރި ބަލާލުމަށްވުރެ ޒެހެންއަށް މުހިންމުވީ ކުރިމަތީ އޮތް އަންހެންކުއްޖާއެވެ. އަތުގައި އޮތް އަންގި ޖީބަށް ކޮށްޕާލީ އެވަގުތެވެ. އަވަސްއަވަހަށް ކުޑަކަކޫ ޖަހާލުމާއެކު ޚަބަރު ހުސްވެފައި އޮތް އަންހެންކުއްޖާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އޭނާ އެނބުރިލީއިރު ކައިރީގަ ދެ އެކުވެރީން ފެންނަން ތިއްބެވެ. ރަހީމްއަކީ އެތަނުގެ ލެކްޗަރާއެކެވެ. ދެން ހުރީ ޝާފީއެވެ. އެއީ ޔުނިވަރސިޓީގެ ފަރުވާދޭ ކޮޓަރީގަ މަސައްކަތްކުރާ ދެ ޑަކްޓަރުންގެ ތެރެއިން އެކަކެވެ.

"އޭނައަށް ކިހިނެއް ހެދީ." ޝާފީ ސުވާލުކޮށްލިއެވެ.

"ނޭނގެ. ޕެނިކްވީހެން ހީވަނީ." ޒެހެން ހުރީ ހިސާބަކަށް ހާސްވެފައެވެ.

"ހެލްތް ރޫމަށް ގެންދަންވީނު... ތާނީ ހުންނާނެ." ޝާފީ ބުންޏެވެ.

ދެ އެކުވެރީން ޒެހެންނާއެކު ހިނގައިގަތީ އެނބުރި އައި ދިމާއަށެވެ. އެމީހުން ގޮސް އެންމެ ކައިރިން ޖެހުނު ލިފްޓަށް އެރިއެވެ. ފަރުވާދޭ ކޮޓަރިއަށް ޒެހެންއާއެކު ޝާފީ ވަނެވެ. ތަހާނީއަކީ ޝާފީއާއެކު މަސައްކަތް ކުރާ އަންހެން ޑަކްޓަރެވެ. އޭނާ ސުވާލު ކުރަމުން އައިސް ތަނުގައި ހުރި ދެ އެނދުން އެއް އެނދު އެ އަންހެންކުއްޖާ ބާއްވަން ޒެހެންއަށް ދައްކާލިއެވެ.

"ކާކުކަން އެނގޭތަ؟" ޝާފީ އަހާލީ ޒެހެންއަށް ބަލާލަމުންނެވެ.

"މޫނު ހިއްލާ ބަލަން ޖެހޭނީ." ޒެހެންއަށް ވެސް ކާކުކަން ނޭނގޭކަން ތާނީއާއި ޝާފީއަށް ވިސްނުނެވެ.

"ކިޔަވާކުއްޖެއްތަ؟. އޮފީހަށް އަންގަންވާނެއެއްނު." ޝާފީ ބުންޏެވެ.

"އިހަށް މިކަން ހަމައަކަށް އަޅުވަންވީނު. އެއަށްފަހު ސަޔަށްދާނީ." ޒެހެން މިހެން ބުނުމާއެކު ޝާފީ ބޯޖަހާލިއެވެ.

ޝާފީ މޭޒުދޮށުގައި އިށީނީ އޮފީހަށް ގުޅާށެވެ. އެނދު ކައިރިއަށް އައިސް ނިވާކޮށްލުމަށް ތާނީ ފަރުދާ ދަމާލިއެވެ. އެ ދިމާއަށް ބަލަން ހުރެފައި ޒެހެން ނުކުތީ ފާޚާނާއަށް ވަދެލާފައި އަންނާނަމޭ ބުނެފައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ހިނގައިދިޔަ ކަންތައްތައް އޭނާގެ ސިކުނޑިއަށް ނަގައިގަންނަން ދަތިވީއެވެ.

ދިގު އިސްކޮޅަކާ އެއްވަރުގެ ރޫފައެއް ލިބިފައިވާ ޒެހެންއަކީ ހުތުރު މީހެއް ނޫންކަން ޚުދު އޭނާ ގަބޫލުކުރެއެވެ. އަންހެންކުދީންގެ ސަމާލުކަން އޭނާއަށް އަބަދުވެސް ހުއްޓެއެވެ. އޭނާގެ އާއިލާ މީހުން ފަދައިން އަލި ހަންގަނޑެއް އޭނާއަށް ވެސް ލިބިފައި ވެއެވެ. މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ޒުވާނެކެވެ. އުމުރުން އަށާވީސް އަހަރު ފުރިފައިވާއިރު ކޮންމެ އަހަރަކު އޭނާގެ އުފަން ދުވަހެއް ނާދެއެވެ. ޔުނިވަރސީޓިގައި ލެކްޗަރާއެއްގެ ވަޒީފާގަ އުޅޭތާވީ ދެ އަހަރެވެ. ދަރިވަރުން ލޯބިވާ މަގުބޫލު މުދައްރިސެކެވެ. ދުވަހަކުވެސް އަންހެންކުއްޖަކު އޭނާ ފެނިގެން ބިރުން އުޅެފައެއް ނުވެއެވެ. އެކަމާމެދު ޒެހެންއަށް ފިކުރު ހިންގެންފެށީ އެހެންވެއެވެ. ހަމައެއާއެކު އެތައް ޖަޒުބާތެއް އެއްފަހަރާ ލޮލަކުން ދުށީ އަލަށެވެ. އިޝްގީ އަސަރުކުރުވާ ސިހުރެއް ގައިމު އެ ދެ ލޮލުގައިވެއެވެ. ވަގުތުކޮޅަކަށް އެ ސިހުރުގައި ޒެހެން ޖެހި އަންތަރީސްވީކަން ޔަގީނެވެ.

"އަހަންނަށް ގޯހެއް ހެދުނީތަ؟." ޒެހެން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

ފާޚާނާއިން ނުކުމެގެން ސަރައްކާލި ހުރަސްކޮށް ފަރުވާދޭކޮޓަރިއާ ހަމައަށް ޒެހެން އައެވެ. ބޭރުގައި ހުރި ބެންޗުގައި ފޯނާ ކުޅެން ރަހީމް އިނެވެ. ޒެހެން ފެންނައިރަށް އޭނާ އަތުން އިޝާރާތްކޮށްލީ ކައިރީގަ އިށީންނާށޭ ބުނާ ފަދައިންނެވެ. ޒެހެން އިށީނުމުން އޭނާ ވާހަކަދެއްކީ ސިއްރުންނެވެ.

"އެނގޭތަ... މިތާ މަސައްކަތު މީހެއް ޒެން އެހާ ލޯބިން އަތަށް ލައިގެން ގެނައީ." ރަހީމްގެ އަޑުގައި ހުރީ ދިމާކުރުމުގެ ރާގެވެ.

"ހޭނެތިފަ އޮއްވާ މަސައްކަތު މީހަކަށްވީތީ އޭނާ އެތަނަށް ދޫކޮށްލަންވީތަ؟. ފަރުދީ ޒިންމާ ކޮބާ؟." ޒެހެން ބުނެލިއެވެ.

"އޭ ސީރިއަސްވީތަ. އަހަރެން އެހެންބުނީ ތިކަހަލަ މާނައެއްގައެއްނޫނޭ. ޒެން އެ އަންހެނާއަށް ބެލި ގޮތުން. ތި ދެއަތުގެ ތެރޭ ކޮންމެ އަންހެނަކު އެހެން އުފުލަފާނޭ ހީނުވާތީ... އަނެއްކާ ނިންޖާއެއްކަން އެނގޭއިރު، ޒެން ހާދަ ކްލޯޒްކޮށޭ ހިފަހައްޓާލައިގެން ހުރީ. އަންހެންކުއްޖެކޭ ޒެން ބުނީ... ހިތަކަށް ނާރާތަ ބޮޑު މުސްކުޅިއަކަށް ވެސް ވެދާނޭ. ކިހިނެއް އެނގެނީ އެ ފޮތިތަކުގެ ތެރޭގަ ފޮރިވެގެން އޮތީ މަންމަމެން އުމުރުގެ މީހެއްނޫންކަމެއް."

ރަހީމްގެ ވާހަކަ އެއްގޮތަކަށް ވެސް ޒެހެންއަށް ކަމަކު ނުދިޔައެވެ. އެހާ ތަޢުލީމީ ޒުވާނަކު އެފަދަ ކޮށި ވިސްނުމެއް ގެންގުޅޭނެއެކޭ ޒެހެން ހިޔެއްނުކުރެއެވެ. މަންމަގެ އުމުރުގެ އަންހެނެއްނަމަ ލަދުގަންނަން ޖެހޭ ހެއްޔެވެ. އޭނާގެ ދެއަތުން މަންމަ އުފުލަން ޖެހިއްޖެނަމަ ލަދުގަންނާނެ ހެއްޔެވެ. ވީއިރު މަންމަ އުމުރުގެ އަންހެނަކަށް އެހީވުމަކީ ކުރެވުނު ކިހާ ބޮޑު ހެޔޮކަމެއް ހެއްޔެވެ. ނަފްސަށް ލިބުނު ޝަރަފެކެވެ. މަންމައާ އެއްވަރުވީމައެވެ. އަނެއްކޮޅުން މޫނު އަޅައި ނިވާވެގެން ހުންނަ މީހަކަށް ރަހީމް ނިސްބަތް އެކުރި ނަމަކީ ޒެހެން ގަބޫލުކުރާ ގޮތުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭނާއަކީ ދީނީ ޢިލްމުވެރިއަކަށް ނުވިޔަސް އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތް އޮޅުންފިލާފައި ހުރި ޒުވާނެކެވެ. އެ ދަރަޖައަށް އަންހެނުން ނިވާވުމަކީ ދީނުގައި އޮތް ގޮތެވެ. އެހެންނަމަވެސް ހިތާމަ ހުރި ކަމަކީ އެފަދަ އަންހެނުންނަށް ފުރައްސާރަކުރަނީ ވެސް މުސްލިމު މުޖުތަމައުގައި އުޅޭ މީހުންނެވެ. ދީނީ ކަންކަމުގައި ހަޖޫޖެހުމުގައި ކޮށްގެންވާނެކަމެއް ނޫނެވެ.

ރަހީމްއަށް ރައްދެއް ނުދީ ޒެހެން ބެންޗުން ތެދުވިއެވެ. ފަރުވާދޭ ކޮޓަރީގަ ޓަކި ޖަހާލާފައި ދޮރު ހުޅުވާލިއެވެ. ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ އަންހެންކުއްޖާގެ ރުއިމުގެ އަޑެވެ. ދެން އިވުނީ އަންހެނަކު އޭނާ މަސަލަސްކުރާ އަޑެވެ. ދަރިފުޅުގެ ނަމުން އޭނާ މުޚާޠަބު ކުރާއިރު އެ ދެމެދުގައި އޮތީ ގާތް ގުޅުމެއްކަން ޒެހެންނަށް ދެނެގަންނަން އެނގުނެވެ. ނަމަވެސް އޭނާއަށް އެ ދެ އަންހެނުން ވެސް ނުފެނެއެވެ. ދަމާލާފައި ހުރި ފަރުދާގެ ސަބަބުނެވެ.

"ތާނީ، އަހަރުން ގޮސްލީ." ޒެހެން ފެނުމުން ޝާފީ މޭޒު ކައިރިން ތެދުވަމުން ބުނެލިއެވެ. ފަރުދާ ކައިރީ ހުއްޓިލައިގެން ހުރި ތާނީ ބޯޖަހާލީއެވެ.

ޒެހެންގެ ފަހަތުން ޝާފީ ނުކުތުމުން ރަހީމް ވެސް އިންތަނުން ތެދުވެއްޖެއެވެ. ތިން އެކުވެރީން ހިނގައިގަތީ ހެނދުނުގެ ނާސްތާއަށް އެމީހުން އާންމުކޮށް އަރާ ތިބޭ ރެސްޓޯރެންޓަށް ދާށެވެ.

* * * * *

ވަޒީފާގެ ފުރަތަމަ ދުވަހުވެސް ގޯހެއް ހެދުނިއްޔޭ ހޫރައިންގެ ހިތަށް އެރިއެވެ. އޭނާގެ ކޯތާފަތް ހަސީނާ ދެއަތުން ފުހެދިނެވެ. ހޫރައިން އަނބުރައިގަތީ ބިރުން ނޭވާނުލާން ދަތިވެގެން ގޮހެވެ. ނުވިސްނާ ހުއްޓާ އެހާ ކައިރިއަށް ފިރިހެނަކު އައީމައެވެ. އޭނާގެ ގައިގާ އަތްލަން އުޅުނުހެން ހީވެގެންނެވެ. އެކަމަކު މިހާރު އޭނާއަށް ހަމަވިސްނުން ލިބި ކަންތައް ހިނގައިދިޔަ ގޮތާމެދު ވިސްނާލުމުން އެވީ ކިހިނެއްކަން ދެނެގަންނަން އެނގެއެވެ. ކައިރީގަ ހުއްޓިލިޔަސް އެ ޒުވާނާ ހުރީ ދެމީހަކު ވާހަކަދައްކާލަން ތިބޭހާ ދުރުމިނުގައި ހުއްޓިއެވެ. އޭނާ ހޫރައިންއަށް އަތްފޯރުވާކަށް ހަގީގަތުގައި ނޫޅެއެވެ. އޭނާ އަތް ދަމާލީ ހޫރައިން ވެއްޓެން ދިޔައީމައެވެ. ހޫރައިންއަށް ބޭއިޚްތިޔާރުގައި ކަނާއަތްތިލައަށް ބަލާލެވުނެވެ.

"ތާނީ ވަރަށް ރަނގަޅުވާނެ. މިތާ މަޑުކޮށްލާ. އަންގިއެއް ހިފައިގެން އަންނާނަން. މާބޮޑަށް ދެން ނުވިސްނާ." ހޫރައިންގެ ނަޒަރު ހާމަވެފައި އޮތް އަތްތިލައަށް ހުއްޓުނުތަން ފެނި ހަސީނާ އަވަސްއަވަހަށް ބުނެލިއެވެ. ހަމައަކަށް އެޅިފައި އިން ހޫރައިން މަޑުމަޑުން ބޯޖަހާލިއެވެ.

"ތާނީ... ދައްތަ އަންނަންދެން އެ މަންޖެ މިތާ ބައިންދާލަ ދީ. ތާނީއަށް މަޑުކޮށްލެވޭނެތަ." ފަރުދާގެ ކައިރިން ނުކުތް ހަސީނާ ވާހަކަދެއްކިއެވެ. އެންމެން ދެކެ ފަރިތަ މޫނަކަށް ހަސީނާ ވެއެވެ. ތަހާނީގެ ޑިއުޓީއަށް ވާއިރު އޭނާ އެތަނުގައި އިންނާނެކަމުގެ ޔަގީންކަން ދިނެވެ. ހަސީނާ އަންނަންދެން ހޫރައިން އެކަނި ބައިންދާފަ ނުދާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.

ހަސީނާ ނުކުތުމުން ތަހާނީ އައިސް ހޫރައިންގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ތަހާނީ އައުމުން ހޫރައިންއަށް އުނދަގޫވީހެން އެ މޫނު އިސްޖަހާލި ގޮތުންނާއި ދެއަތްޖޯޑުކޮށްލި ގޮތުން ހީވިއެވެ. ކިހިނެއްތޯ ތަހާނީ އަހާލުމުން ފޫޅަށް އަޑުއިވޭވަރަށް ހޫރައިން ރަނގަޅޭ ބުނެލިއެވެ. ފަރުވާތެރިކަމާއެކު ހޫރައިންގެ މޫނަށް ތަހާނީ ބަލާލީއެވެ. ނަފްސާނީ ޑަކްޓަރަކަށް އޭނާ ނުވިޔަސް ހޫރައިންގެ ހަރަކާތްތައް ދެނެގަންނަން އެނގުނެވެ.

"ހޫރައިން ދޯ ކިޔަނީ." ތަހާނީ އަހާލިއެވެ. މިފަހަރު ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.

"އޭޖް އަހާލިޔަސް އޯކޭތަ؟" ކުޑަކޮށް ހިނިތުންވެލަމުން ތަހާނީ އަހާލިއެވެ.

"ޓުވެންޓީފައިވް." ތަހާނީއާ ނަޒަރު ސީދާ ކުރުމެއްނެތި ހޫރައިން ބުނެލީ އެހާ މަޑުމަޑުންނެވެ.

"އަހަރެން މީ ތަހާނީ، އަހަންނަށް ޓުވެންޓީސެވެން... ހޫރައިންގެ ފުރަތަމަ ދުވަސް ދޯ. ހަސީނާ ދެއްކި ވާހަކައިން އެނގުނީ. އަސްލު ހޫރައިން މާބޮޑަށް ޕެނިކްވީ... އެނގޭތަ ކީއްވެކަން ޕެނިކް އެޓޭކްސް ކުރިމަތިވަނީ؟." ތަހާނީ ގަސްދުކުރީ ހޫރައިންއާ ވާހަކަދައްކާށެވެ. އެ އަންހެންކުއްޖާ ކޮންމެވެސް ބޮޑުކަމަކާ ކުރިމަތިލާފައިވެޔޭ އޭނާގެ ހަވަނަ ހިއްސު ބުނަނީއެވެ. (ނުނިމޭ)