ހަބަރު

އައްޑޫ އާ ހޮސްޕިޓަލަށް ވުރެ، އިސްކަންދެނީ ހިދުމަތް ރަނގަޅު ކުރަން: ކައުންސިލް

  • އައްޑޫގެ ހޮސްޕިޓަލްތައް ތަރައްގީ ކޮށް ހިދުމަތް ރަނގަޅު ކުރާނެ
  • 20 މިލިއަން ޑޮލަރުގެ ލޯނު ވަނީ ހަމަޖެހިފައި
  • އައްޑޫ އާ ހޮސްޕިޓަލް ނާޅަން ނިންމާފައެއް ނެތް

އައްޑޫގައި އާ ހޮސްޕިޓަލެއް އެޅުމަށްވުރެ މިހާރު އިސްކަން ދީގެން ބަލަމުން އަންނަނީ އައްޑޫގައި މިހާރު ހުރި ހޮސްޕިޓަލްތައް ތަރައްގީކޮށް ބޮޑު ހޮސްޕިޓަލަކުން ލިބޭ ހުރިހާ ހިދުމަތެއް އެތަންތަނުން ލިބޭ ގޮތް ހެދުމަށް ކަމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އައްޑޫގައި އަޅަން ނިންމި 100 އެނދުގެ ހޮސްޕިޓަލާ ބެހޭގޮތުން އާންމުންގެ ތެރޭގައި ދެކެވެމުންދާ ބައެއް ވާހަކަތަކާ ގުޅިގެން، އިކޮނޮމިކް ކަންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، އާ ހޮސްޕިޓަލެއް އަޅައި އެތަނުގައި ހިދުމަތް ގާއިމް ކުރުމަކީ ވަރަށް ގިނަ ހަރަދާއި އިތުރު ވަގުތު ހޭދަވާނެ ކަމެއް ކަމަށެވެ. އިކޮނޮމިކް ކައުންސިލުން އެ މައްސަލައިގައި މަޝްވަރާކޮށް ނިންމާފައިވަނީ އައްޑޫގައި މިހާރު ހުރި ސިއްހީ ވަސީލަތްތައް ތަރައްގީކޮށްގެން ހިދުމަތްތައް ދިނުމަށް ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި ބޭސްފަރުވާގެ ވަސީލަތްތައް މުޅި ރާއްޖޭގައި ތަރައްގީކޮށް، ހިދުމަތް އެންމެންނަށް ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގަންނަވާފައިވާ ވައުދުފުޅު ފުއްދަވާނެ އެވެ. އައްޑު އަތޮޅަކީ މިސަރުކާރުން އެންމެ އިސްކަމެއްދޭ އެއް އަތޮޅަށް ވާއިރު، އެ ރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިކޮނޮމިކް ކައުންސިލުގެ މަޝްވަރާތަކަށް ފަހު، އައްޑޫ ހޮސްޕިޓަލްތަކުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީ ކުރަން ނިންމި ނަމަވެސް، އާ ހޮސްޕިޓަލެއް އައްޑޫގައި ނާޅަން މި ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމީ މިވަގުތަށް، ހޮސްޕިޓަލަކުން ދޭންޖެހޭ ހުރިހާ ހިދުމަތެއް ދޭން. މުޅިން އާތަނެއް ހަދައިން އެކަން ކުރުމަށްވުރެ އިސްކަންދިނުން މުހިއްމީ މިހާރު ހުރި ހިދުމަތްތަކަށް ކަމަށްވާތީ، މިހާރު ހުރި އިމާރާތްތަކާ އިކުއިޕްމަންޓް ތަރައްގީ ކޮށްގެން އެކަން ކުރިއަށްގެންދަން. އެ ހޮސްޕިޓަލުން ދޭނެ ހުރިހާ ހިދުމަތެއް އައްޑޫގައި މިހާރު ހުރި ހޮސްޕިޓަލް ތަކުން ދޭ ގޮތަށް ތަރައްގީ ކުރަން،" ޝައިނީ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ، އެމަޝްރޫއަށް ސައުދީ ފަންޑާއި އޯޕެކް ފަންޑުން ދެ ޕަސެންޓް އިންޓަރެސްޓު 20 މިލިއަން ޑޮލަރުގެ ލޯނެއް ލިބިފައިވާ ކަމަށެވެ. އަދި އައްޑޫ ހޮސްޕިޓަލުގެ ބީލަން މިވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާ ވާހަކައަކީ ރައީސް މައުމޫނުގެ ވެރިކަމުގައި، ދެހާހުގެ ކުރީކޮޅުން ފެށިގެން ދެކެވެމުންދާ ވާހަކައެކެވެ. އެހެން ނަމަވެސް ހޮސްޕިޓަލް އަޅަން ބިޑަށް ހުށަހެޅީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެވެ. ދެ ފަހަރެއްގެ މަތިން އެ މަޝްރޫއަށް ބިޑު ހުޅުވުމަށްފަހުވަނީ ކެންސަލުކޮށްފައެވެ.