ދައުލަތަށް ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފުވައްމުލަކުގައި އަޅުއްވައި ދެއްވި މިސްކިތް ހުޅުވައިފި އެވެ.
ފުވައްމުލަކު ފުނާޑު އަވަށުގައި ކުރިން ހުރި މަސްޖިދުއް ސިއްދީގު ތަޅާލުމަށް ފަހު އެ ބިމުގައި އަދި ހަމަ އެ ނަމުގައި އުމަރު ޒާހިރު އަޅުއްވައިދެއްވީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިއްޔެގެ އަސްރު ނަމާދަށް މިސްކިތް ހުޅުއްވައި ދެއްވީ އުމަރު ޒާހިރާއި އެމަނިކުފާނުގެ ދައުވަތަކަށް އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ފުވައްމުލަކުގައި މިސްކިތެއް އެޅުއްވުމަށް އުމަރު ޒާހިރު ނިންމެވީ މަސްޖިދުއް ސިއްދީގު ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ކައިރިވެފައި ހުރި ކަމަށް ބުނެ މީގެ ދެ އަހަރު ކުރިން އެ މައްސަލަ އުމަރު ޒާހިރުގެ ސަމާލުކަމަށް މީހަކު ގެނެސްދިނުމުންނެވެ.
މަސްޖިދުއް ސިއްދީގުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފައިވެ އެވެ.
އަރާފޭބުމަށް އެންމެ ދަތި އެއް ރަށުގެ ގޮތުގައި ފާހަގަކުރެވިފައި އޮތް ފުވައްމުލަކުގައި އެންމެ ޒަމާނީ ފެންވަރުގެ ބަނދަރެއް ހަދައިދީ އެ ރަށުގެ ރައްޔިތުން ރަށު ބަންދުން މިނިވަންކޮށްދިނީ ވެސް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އުމަރު ޒާހިރު ހުންނެވި ދުވަސްވަރު 2003 ވަނަ އަހަރު އެެވެ.