އެމްއެމްޕީއާރްސީ

ތަސްވީރު މުބާރާތުގެ ކުރެހުންތައް ދައްކާލަން އެގްޒިބިޝަނެއް

Dec 2, 2021

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން "ތަސްވީރު، މޯލްޑިވްސް ތްރޫ އާޓް" ނަމުގައި އެގްޒިބިޝަނެއް ލޯންޗްކޮށްފި އެވެ. 

މި އެގްޒިބިޝަން ކުރިއަށް ދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެގްޒިބިޝަން ލޯންޗްކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސީއީއޯ އަދި އެމްޑީ ވަނީ އެޗްޑީސީގެ އެމްޑީ އަށް އެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް ހަވާލްކުރުމަށް ރަމްޒީ ޓޯކަންއެއް ހަދިޔާކޮށްފަ އެވެ. އަދި ތަސްވީރު އެގްޒިބިޝަންގެ ކުރެހުންތައް ރަސްމިއްޔާތުގެ ބައިވެރިން ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ކުރެހުމުގެ ހަރަކާތްތަކާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްޕީއާރުސީގެ އިސްނެގުމުގެ ދަށުން އިންތިޒާމްކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ މެކް އާއި ގުޅިގެން ނެވެ. ޖުލައި 15 އިން އޯގަސްޓް 15 އަށް ކުރިއަށް ގެންދިޔަ މި މުބާރާތަށް ވަނީ 110 ކުރެހުން ހުށަހަޅާފަ އެވެ. މި މުބާރާތުގެ ވަނަތައް ހޮވާ ރަސްމިއްޔާތު މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. މި މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުންތެރިއަށް ލިބުނު އިނާމަކީ 3000 ޑޮލަރު އެވެ. އަދި ދެވަނައަށް ދިޔަ ކުރެހުންތެރިއަށް ލިބުނު އިނާމަކީ 2000 ޑޮލަރު އެވެ.

ތަސްވީރު މުބާރާތަކީ ދިވެހިރާއްޖެ އަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް އެކި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިޔާތަކުގައި އެމްއެމްޕީއާރުސީ ގެ އެންގޭޖްމެންޓް އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން މުޅިން އަލަށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ.