ވިޔަފާރި

އިކިޔާގެ އުފެއްދުންތަކާއެކު ގިފްޓް އޮފް ލަވް ހުޅުވައިފި

Dec 3, 2021

މަޝްހޫރު އިކިޔާގެ މުހިންމު ގިނަ އުފެއްދުންތަކާއެކު މާލޭގައި ގިފްޓް ފިހާރައެއް ހުޅުވައިފި އެވެ.

މަޖީދީމަގުން އަލިކިލެގެފާނު މަގަށް ވަންނަ ހިސާބުގައި- ކޮކީ ޓޯއީ ފިހާރަ ކައިރީގައި ހުޅުވި ގިފްޓް އޮފް ލަވް ފިހާރަ ހުޅުއްވައި ދެއްވީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި މި ފިހާރައިގެ ވެރިންވެސް ބައިވެރިވެފައިވެ އެވެ.

ގިފްޓް އޮފް ލަވް ފިހާރައިގެ އެއް ޑިރެކްޓަރު ކަމަށްވާ އަބްދުﷲ ޝުހޫދު ވިދާޅުވީ ކުރިންވެސް ހިންގި ވިޔަފާރި ވަރުގަދަކޮށް ހުޅުވުމާއެކު ކަސްޓަމަރުންނާ ހަަމައަށް ޒަމާނީ ގިފްޓް ލިބިގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގެ އެންމެ ހާއްސަ އެއް ކަމަކީ މަޝްހޫރު އިކިޔާގެ އުފެއްދުންތައް ވެސް ލިބެން ހުރުން ކަމަށް ވިދާޅުވި އެވެ.

"ހުރިހާ އުމުރަކަށް ބޭނުންވާނެ ގިފްޓް ހުންނާނެ،" ޝުހޫދު ވިދާޅުވި އެވެ.

ގިފްޓް އޮފް ލަވް ފިހާރާ އިން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ރީތި ޑިޒައިންތަކުގެ ސައިބޯ މަގު ހިމެނެ އެވެ.

މިގޮތުން އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ދެވިދާނެ މުހިންމު މެސެޖުތަކާއެކު ފަރުމާކޮށްފައިވާ ރީތި މަގުތައް މި ފިހާރައިން ލިބެން ހުރެ އެވެ. އަދި ޕާޓީތައް ޒީނަތްތެރިކޮށްލަން ބޭނުން ކުރެވިދާނެ އެކި އައިޓަމްތައް ވެސް މިތަނުން ލިބެން ހުރެ އެވެ. އަދި ބައެއް ފޮތާއި ގޭތެރޭގެ ފަސޭހަކަމަށް ބޭނުން ކޮށްލެވިދާނެ މުހިއްމު އުފެއްދުންތައްވެސް މި ފިހާރައިން ލިބެން ހުރެ އެވެ.

މި ފިހާރަ ހުޅުވުމާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ގުރުއަތުން ނެގުން ވެސް ވަނީ ބާއްވާފަ އެވެ. އެއްވަނަ އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފައިވެ އެވެ. އަދި އައިފޯން 13 ގެ ފޯނެއްވެސް ގުރުއަތުން ހޮވުނު ފަރާތަކަށް ދީފައިވެ އެވެ.