މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރު ވެއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ހިލޭ އެހީއަށް ބަރޯސާވުން ބޮޑު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ މައުލޫމާތު ތަކުން ދައްކަނީ 800.9 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެ މިނިސްޓްރީން އެންމެ ފަހުން ނެރުނު ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހުގެ 25ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 874.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރަށް ވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާކޮޅު އިތުރުވީ ނަމަވެސް މި އަދަދަކީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 1.1 ބިލިއަން ރުފިޔާއާ އަޅާބަލާނަމަ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ހިލޭ އެހީ އާއި ޓެކްސްގެ އާމްދަނީ އެއްކޮށް ބަލާނަމަ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 13.6 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރީ 19 ބިލިއަން ރުފިޔާ އެވެ.
ހިލޭ އެހީ އިތުރުވަމުން ދިޔަ ނަމަވެސް އަންނަ އަހަރަށް ދައުލަތުގެ ހަރަދު ހަމަޖައްސަން ވެސް އިތުރު ފައިސާ ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ މި ހަރަދު ހަމަޖައްސަން ކަމަށް ބުނެ އަންނަ އަހަރުވެސް ފައިސާ ޗާޕު ކުރަން ވަނީ ނިންމާފަ އެވެ.