ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ފުޅާކޮށް ބޮޑުކޮށްފައިވާ ކެންޕެއިންގެ ސަބަބުން ދިވެހީންނަށް ގެއްލުން ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އެ އެއްބަސްވުންތަކުގައި ދިވެހީންނަށް ގެއްލުމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަސްލަމް ވިދާޅުވީ ފުޅާކޮށްފައި އޮތް "އިންޑިއާ އައުޓް" ކެންޕެއިން ސިފަ ކުރެވެނީ ސިޔާސީ މަގުސަދެއް ހާސިލުކުރަން ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައެވެ. އަދި އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ ހުރިހާވެސް ގެއްލުމެއް އޮތީ ދިވެހީންނަށެވެ. ރާއްޖެ-އިންޑިއާ ގުޅުމުން ދެ ގައުމަށްވެސް ބޮޑެތި ފައިދާތަކެއް ހުރިއިރު އެ ގުޅުމުން ދިވެހީންނަށް އޮތް ފައިދާ ވަރަށް ބޮޑު ކަމަށެވެ.
އަދި އިންޑިއާ ފަދަ ބޮޑު ގައުމާއި ދިވެހީންނަށް އެހީތެރިވެދޭ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމަކާއި ދެކޮޅަށް އެފަދަ ހަރަކާތްތަކެެއް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފާހަގަވަނީ މިއީ ސިޔާސީ މަގުސަދެއްގައި ސިޔާސީ ވެރިންތަކެއް ކުރުވާ ކަމެއްހެން. އޭގެ [އިންޑިއާ އައުޓް ހަރަކާތް] ނުރައްކަލަކީ ނަފްރަތު ބޮޑުވެގެން އަދި އެ ފިތުނަ ބޮޑުވެންގެންގޮސް ބޮޑު ސިންގާ ގައުމަކާ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޖެހިފައިތިބޭނަމަ އޭގެ ސަބަބުން ދިމާވާ ބިރުވެރިކަން އަޅުގަނޑަށް ވަރަށް ކަންބޮޑުވޭ،" މަޖިލީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހެދުމަށް ވެވުނު އެއްބަސްވުމާއި ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓު ބާއްވައިގެން އޮޕަރޭޓް ކުރުމަށް ވެވުނު އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ހަވާލުކުުރުމަށް ވެވުނު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި އެ އެއްބަސްވުންތަކުގައި ގޯސްތަކެއް ހުރި ކަމަށް ދައްކަން އިދިކޮޅުން ކުރާ މަސައްކަތަކީ އަސާސެއް ނެތް މަސައްކަތްތަކެއް ކަަމަށް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ބައެއް އެއްބަސްވުންތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައިވާ އެއްބަސްވުންތަކެއް ކަމަށާ އެ އެއްބަސްވުންތަކުގައި ހުރި ދިވެހީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދީ މި ސަރުކާރުން ކަމަށެވެ. މިސާލެއްގެ ގޮތުން އަސްލަމް ފާހަގަކުރެވީ އުތުރުތިލަފަޅުގެ އެއްބަސްވުމެވެ.
އަސްލަމް ވިދާޅުވީ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންގައި ކުރީން އޮތީ ހުރިހާ ވަސީލަތެއް ހިމެނޭހެން އަސްކަރީ މަރުކަޒެއް ގާއިމުުކުރުމަށެވެ. ނަމަވެސް އެ ނިންމުން މިހާރު އޮތީ އުތުތިލަފަޅުގެ ކުޑަ ސަރަހައްދެއް ބޭނުންކޮށް ޑޮކްޔާޑަކާއި މަދު ވަސީލަތެއް ގާއިމް ކުރާ ގޮތަށް ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖެ-އިންޑިއާ އެއްބަސްވުންތައް މަޖިލީހުން ވަރަށް ރަނގަޅަށް ބަލާ ދިރާސާކޮށްފައިވާ ކަމަށާ އެ އެއްބަސްވުންތަކުގައި ދިވެހީންގެ ކޮންޓްރޯލް ނެތް އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިދާޔަތަށް ބުރޫއަރާނެ ކަމެއްވެސް ނެތް ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.