މަހަކު އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމާ، އަވަށު ބައްދަލުވުންތައް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
މަހަކު އެއްފަހަރު ރައްޔިތުންނާއި ކައުންސިލާ ބައްދަލުކުުރުމަކީ ސިޓީ ކައުންސިލުން މިދައުރަށް އެކުލަވައިލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ.
ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ބައްދަލުވުންތައް ގެންދާނީ ކޮންމެ އަވަށެއް ވަކިން ކަމަށާއި ކޮންމެ ހަފުތާއަކު ވެސް އެއް ބައްދަލުވުން ބާއްވާނެ ކަމަށެވެ. ބައްދަލުވުންތައް ބޭއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީއާ ވާހަކަދައްކައިގެން ސްކޫލްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެެވެ.
"މިއީ ޖަލްސާއެއް ނޫން. މިއީ ސީދާ އެމީހާ ބުނަން ބޭނުންވާ ވާހަކަ ކައުންސިލަރާއި މޭޔަރު ކައިރީގައި ބުނަން ފަހިކޮށްދޭ ފުރުސަތެއް. ރައުންޑް ޓޭބަލް ގޮތަށް މޭޒު ޖަހާފައި މޭޒު ކައިރީގައި ތިބޭނީ. ދެން އަޅުގަނޑުމެން ދާނީ މޭޒުތަކަށް. ގޮސްގެން ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހާފައި އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ކަންކަން ނޯޓުކޮށްގެން އެކަންކަން ކުރެވޭތޯ ބަލަން މިއުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ އިހްތިސާސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވެފައި ނުވާތީ ހަފްތާ ބައްދަލުވުންތަކުގެ ލިސްޓްގައި މިވަގުތަށް ހުޅުމާލޭ ހިމަނާފައެއް ނުވެ އެވެ. އެކަމަކު ކޮންމެ ދެ މަހަކުން އެއް ފަހަރު ހުޅުމާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަވަށު ބައްދަލުވުންތަކުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާއިރު އެ އަވަށަށް ނިސްބަތްވާ ކައުންސިލަރުން ތިއްބަވާނެ އެވެ.
"އަޅުގަނޑުމެންނަށް މުނިސިޕަލް ހިދުމަތް ނުދެވޭ ތަނެއް ވީމަ އަދި އެ ހިދުމަތް ދިނުމުގެ ބާރު ނެތް ތަނެއް ވީމަ ކިތަންމެ ވަރަކަށް ބައްދަލުކުރިޔަސް ހަމަ ޝަކުވާ އެކަނި އަޑުއެހޭނީ. އެހެންވީމަ ހުޅުމާލެ އަދި އެހާ ގިނައިން ލައިގެން އަޅުގަނޑުމެންނަށް ނަތީޖާ ނެރެން އުނދަގޫވާނެ،" ހަފްތާ ބައްދަލުވުމުގެ ލިސްޓުގައި ހުޅުމާލެ ނެތް ސަބަބު ހާމަކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އަންނަ ހަފުތާއިން ފެށިގެން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ކޮންމެވެސް އެއް އަވަށެއްގެ ބައްދަލުވުން އޮންނާނެ ކަމަށެވެ. ބައްދަލުވުންތައް ބުރާސްފަތި ދުވަހުގެ ރެއަށް ހަމަޖައްސަނީ ސްކޫލްތައް ލިބުމުގައާއި އަދި ބެލެނިވެރިންނަށް ވެސް ފަސޭހަވާނެ ކަމަށް ބަލައިގެން ކަމުގައި ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެންމެ ގިނަ ޝަކުވާ އަންނަނީ މުނިސިޕަލް ހިދުމަތްތަކާއި އަދި ބިމާއި އިމާރާތްތަކާ ގުޅޭ ކަންކަމުގައި ކަމަށެވެ. އެހެންކަމުން އެ ދެ ޑިޕާޓްމަންޓަށް ނިސްބަތްވާ ކޮމިޓީތަކުގައި ހިމެނޭ ކައުންސިލަރުން ވެސް ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށެވެ.
މަހަކު އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ތައްޔާރުވަމުންދާއިރު ރައްޔިތުންގެ ހާލު ބެއްލެވުމަށް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް މޭޔަރު މުއިއްޒު މިހާރުވެސް ގެންދަވަނީ ގޭގެއަށް ޒިޔާރަތް ކުރައްވަމުންނެވެ.