އަބީޝެކް ބައްޗަން ލީޑް ރޯލު ކުޅެފައިވާ ތުރިލާ ފިލްމު "ބޮބް ބިސްވާސް" އިއްޔެ ވަނީ އޯޓީޓީ ޕްލެޓްފޯމް ޒީ5 އިން ރިލީޒް ކޮށްފަ އެވެ. މި ފިލްމުގައި އަބީޝެކް ކުޅެފައި ވަނީ މީހުން މަރާ މީހެއްގެ ރޯލެވެ. މިއީ 2012 ގައި ރިލީޒްކުރި "ކަހާނީ" ގައި ސަސްވާތާ ޗެޓަޖީ ކުޅެފައިވާ ބޮބް ބިސްވާސްގެ ކެރެކްޓާގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ވާހަކަ ލިޔުނީ "ކަހާނީ" ގެ ޑައިރެކްޓަރު ސުޖޯއީ ގޯޝް އެވެ. އަދި ޑައިރެކްޓްކުރީ ސުޖޯއީގެ ދަރިފުޅު ދިޔާ އަންނަޕޫރްނާ ގޯޝް އެވެ.
އަބީޝެކްގެ ކެރެކްޓާ ބޮބްގެ އަންހެނުންގެ ރޯލު މި ފިލްމުގައި ކުޅެފައިވަނީ ޗިތުރަންދާ ސިންގް އެވެ. ނަމަވެސް ބޮބްގެ ދެ ދަރިން ކުރެ ދޮށީ އަންހެން ދަރިފުޅުގެ ރޯލު ކުޅުނީ ވެސް ފިލްމު އެކްޓަރެއްގެ ދަރިއެއްކަން އެނގެނީ މަދު ބަޔަކަށެވެ.
އަބީޝެކްގެ ކެރެކްޓާގެ ޓީންއޭޖް ދަރިފުޅެއްގެ ރޯލު ކުޅެފައިވާ ސަމާރާ އަކީ 1990 ގެ އަހަރުތަކުގައި ރިލީޒްކުރި ބޮލީވުޑް ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލުތައް އަދާކޮށްފައިވާ އެކްޓަރު ދީޕިކް ތިޖޯރީގެ ދަރިއެކެވެ.
"ބޮބް ބިސްވާސް" ގައި ސަމާރާ ކުޅެނީ މިނީ ބިސްވާސްގެ ރޯލެވެ.
ދީޕަކް ތިޖޯރީ 2018 ގައި ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ދަރިފުޅު ސަމާރާގެ ބޮލީވުޑް ހުވަފެންތަކުގެ ވާހަކަތައް ދައްކާފައި ވެއެވެ. ދީޕިކް ބުނެފައިވަނީ ދަރިފުޅުގެ ގްރެޖުއޭޝަން އަށް ފަހު އެކްޓިންގެ ޓްރޭނިންތައް ހަދަމުންދާ ކަމަށެވެ.
ވަރަށް ގިނަ ސްޓާރުންގެ ދަރިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރުން ކައިރީ މަސައްކަތް ކުރެ އެވެ. އެގޮތުން ސަމާރާ ވެސް ވަނީ 2016 ގައި ރިލީޒްކުރި "ޑިޝޫމް" ގައާއި ވިކީ ކޯޝަލްގެ "ބޫތު: ޕާޓް ވަން – ދި ހޯންޓަޑް ޝިޕް (2020) ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސއްކަތް ކޮށްފަ އެވެ.
"ބޮބް ބިސް" އަކީ ފީޗާ ފިލްމެއްގައި ސަމާރާ މަސައްކަތްކުރި ފުރަތަމަ ފިލްމު ނަމަވެސް މީގެ ކުރިން އޭނާ ވަނީ ކުރު ފިލްމު "ގްރޭންޑް ޕްލޭން" ގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭނާގެ އިންސްޓަގްރާމް ވީޑިއޯތަކަށް ބަލާލުމުން ސަމާރާ އަކީ މޮޅު ނެށުންތެރިއެއްކަން ވެސް ޔަގީން ކުރެވެ އެވެ.