ބޮލީވުޑް

ސަލްމާން ކުށްވެރި ނުވާ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި

Dec 10, 2015
1

އެކްސިޑެންޓްގެ މައްސަލާގައި ސުޕަސްޓާ ސަލްމާން ޚާންގެ ކުށް ސާބިތުނުވާ ކަމަށް އިންޑިއާގެ ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މީގެ 13 އަހަރު ކުރިން 2002 ވަނަ އަހަރު ސަލްމާން ޚާން އިން ކާރެއް އެކްސިޑެންޓްވި އެކަކު މަރުވެ ހަތަރު މީހަކު ޒަޚަމްވި ހާދިސާގައި އޭނާ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް އިންޑިއާގެ ދަށު ކޯޓަކުން މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ހުކުމްކޮށް، ބޮމްބޭ ހައި ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފަ އެވެ.

މިއަދު ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދައުލަތުގެ ވަކީލުންގެ ފަރާތުން މިމައްސަލައިގައި ވަރަށް ގިނަ ގޯސް ހެދިފައިވާކަމަށާއި އެގޮތުން ސާބިތު ހެކި ހޯދުމަށްވުރެން ބޮޑަށް އެމީހުން ބުރަވެފައިވަނީ އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ހުރި އޭނާގެ ބޮޑީ ގާޑުގެ ހެކު ބަހުގެ މައްޗަށް ކަމަށެވެ. އަދި ސަލްމާން ކުށްވެރިވާ ކަން ސާބިތުކުރެވޭ ވަރުގެ ހެކި ހުށަހެޅިފައިނުވާއިރު، ކުށްވެރިވާކަމަށް ނިންމެން ނީންނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއަދު އިތް އަޑުއެހުމަށްވެސް ސަލްމާން ހާޒިރުވެފައިނުވާއިރު، ހައިކޯޓުން ވަނީ އިސްތިއުނާފު އަޑުއެހުމުގެ ހުކުމް އިއްވާ ދުވަހު ސަލްމާން ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ނިންމާފަ އެވެ.

އިއްޔެ އޮތް އިސްތިއުނާފު އަޑުއެހުމުގެ ވަނީ ދައުލަތުގ ވަކީލުންނަށް އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން ހުރީ ސަލްމާން ކަން ސާބިތުކޮށްދެވޭ ވަރުގެ ސާބިތު ހެއްކެއް ހުށަހެޅުމަށް ފުރުސަތުދީފަ އެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭވަރުގެ ހެކި ހުށަހަޅާފައިނުވާއިރު، ސަލްމާން ކާރު ދުއްވަން އިނީ މަސްތުގެ ހާލަތުގައި ކަންވެސް އިއްޔެ އޮތް އަޑުއެހުމުގައި ވަނީ ސާބިތުކޮށް ނުދެވިފަ އެވެ.

ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި، ފަސް އަހަރަށް ޖަލަށްލާން މެއި މަހުގެ ތެރޭގައި ހުކުމްކޮށްފައިވާއިރު، އޭނާެ ޑްރައިވަރު އަޝޯކް ސިންގް ވަނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިނީ އޭނާ ކަމަށާއި، ސަލްމާންގެ އެއްވެސް ކުށެއް ނެތް ކަމަށް ކޯޓުގައ ހެކިބަސް ދީފަ އެވެ.

މި މައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް އިންޑިޔާގެ ކޯޓަކުން ނިންމައި ފަސް އަހަރަށް ޖަލަށް ލުމަށް މިއަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ބޮޑީގާޑް ރަވިންދުރަ ޕާޓިލްގެ ބަޔާނަށް ބުރަވެ އެވެ.

ކޯޓުން ނިންމީ ސަލްމާންގެ މައްޗަށް ކުރި ހުރިހާދައުވާ ވެސް ސާބިތުވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ އިހުމާލުން މީހަކު މަރުވުމާއި ރާ ބޮއިގެން އިނދެ ދުއްވުމާއި އެތަނުން ފިލައިގެން ދިއުން ހިމެެނެ އެވެ.

މެއި ހަ ވަނަ ދުވަހު ވަނީ ރާބޮއެގެން އިނދެ ދުއްވި ކާރަކުން ޖެހި މީހަކު މަރުވުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާއިރު، ހަމަ އެދެވަހު ވަނީ ވަގުތީ ކަފާލަތުގެ ދަށުން ދެދުވަހަށް ގެއަށް ދިއުމުގެ ހުއްދަ ބޮމްބޭ ހައިކޯޓުން ދީފަ އެވެ. އަދި އޭގެ ދެދުވަސްފަހުން ވަނީ އިސްތިއުނާފު މައްސަލަ ނިމެންދެން ގޭގައި ހުރުމުގެ ހުއްދަ ކޯޓުން ދީފަ އެވެ.

ބެލެވޭ ގޮތުގައި ހައިކޯޓުން ސަލްމާންގެ އިސްތިއުނާފު މައްސަލައާއ މެދު ނިންމާ ގޮތް، ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ހާޒިރުގައި އިއްވާނެ އެވެ.