ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން މިވަގުތު އުޅުއްވަނީ މެދުއިރުމައްޗަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގަ އެވެ. އޭނާ ފުރަތަމަ ވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. ގަތަރަށާއި ސައޫދީ އަރަބިއްޔާއަށް ވެސް މެކްރޮން ވަޑައިގަންނަވާނެ އެވެ.
މެކްރޮންގެ މި ދަތުރުގައި ވަރަށް މުހިންމު ދެ ކަމެއް މިހާރު ވެސް ނިންމަފައިފި އެވެ. އެއީ ފްރާންސްގައި އުފައްދާ ރަފާލް މަރުކާގެ 80 ޖެޓްފައިޓަރު، ޔޫއޭއީ އަށް ވިއްކަން އެއްބަސްވެ ވަޑައިގަތުމާއި މެދުއިރުމަތީ ގައުމުތަކާ ލުބްނާން ސުލްހަކުރުމަށް ވެދުވެރިއަކަށްވެ ވަޑައިގަތުމެވެ.
ފްރާންސުން ބުނި ގޮތުން އެ ގައުމުގެ ހަޔާތުގައި ވެސް ރަފާލް ޖެޓް ވިއްކަން ސޮއިކުރި އެންމެ ބޮޑު އަދަދިކީ މިއީ އެވެ. ޖެޓްފައިޓަރު ވިއްކައިގެން އެންމެ ބޮޑު އާމްދަނީއެއް އެއްފަހަރާ ފްރާސްއަށް ލިބޭ ފަހަރަކީ ވެސް މިއީ އެވެ.
ޔޫއޭއީގައި މިހާރު ބޭނުންކުރާ މިރާޖް މަރުކާގެ ޖެޓްތައް އުފައްދާފައި ވަނީ ވެސް ފްރާންސްގަ އެވެ. ޔޫއޭއީ އެއްފަހަރާ މިހާ ގިނަ އަދަދަކަށް ރަފާލް ޖެޓް ގަންނަ ސަބަބަކީ މިރާޖް ޖެޓްތައް މާބޮޑަށް ބާވެ މުސްކުޅި ވުމެވެ.
މި އެއްބަސްވުމުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން އެވެ. ފްރާންސުން ސޮއި ކުރެއްވީ އެ ގައުމުގެ ރައީސް، އިމަނުއެލް މެކްރޮން އެވެ.
ފްރާންސުން މެދުއިރުމަތީ ގައުމުތަކަށް ޖެޓްފައިޓަރުތައް ވިއްކަން ފޫގަޅާފައި އޮތީ ތިޔަހެނަކުން ނޫނެވެ. ފްރާންސުން ހުށަހަޅާފައި އޮތް ޕްރޮމޯޝަންގައި ގަތަރުން 36 ރަފާލް ޖެޓް ގަންނާނެ އެވެ.
މިސްރުގެ ރައީސް، އަބްދުލް ފައްތާހް އައްސީސީ އަކީ މެކްރޮންއާ ވަރަށް ގާތް ބޭފުޅެކެވެ. ދެ ބޭފުޅުންގެ ގާތްކަމުގައި ހުރި ގާތްކަމަކީ ކޮނޑަށް އަތްލައިގެން ތިއްބަވައި ކަންކަމަށް ޖޯކްޖެއްސެވުމެވެ. މިސްރުން ވެސް ރަފާލް މަރުކާގެ ޖެޓް ގަންނަން އޮތީ އެއްބަސްވެފަ އެވެ.
ފްރާންސުން ގްރީކަށާއި ކްރޮއޭޝިއާއަށް ވެސް ރަފާލް ޖެޓް ވައިން އޮތީ އެއްބަސްވެފަ އެވެ. ގްރީކް ސަރުކާރުން 18 ޖެޓަށް ތިން ބިލިއަން ޑޮލަރު ދައްކާފައި ވަނީ އެ ދެގައުމުގެ ދެމެދުގައި ހެދި ޑީލެއްގެ ދަށުންނެވެ. އެއީ ގުރީކްގެ އަސްކަރިއްޔާ ހަރުދަނާ ކުރުމުގައި ފްރާންސަށް ވިޔަފާރި ފުރުސަތުތައް ލިބޭ ގޮތަށެވެ.
އިންޑިއާ އޯޑަރުކުރި 36 ރަފާލް ޖެޓް އަންނަ އަހަރު އޭޕްރީލްގައި އެ ގައުމަށް ގެންގޮސްދޭން ފްރާންސުން އޮތީ އެއްބަސްވެފަ އެވެ. މިއީ އިންޑިއާއާ ފްރާންސް ހަދައިގެން އުޅޭ ގޮތް ނޭނގޭ ޑީލެއް ކަމަށް ޚަބަރުތައް ބުނެ އެވެ.