އެމްއެމްއޭ

ޕޭމަންޓް ސިސްޓަމް އޮޕަރޭޓްކުރަން ހުއްދަ ހޯދަން އަންގައިފި

Dec 4, 2021
1

ރާއްޖޭގައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ސިސްޓަމެއް އޮޕަރޭޓް ކުރަމުންދާ ފަރާތްތަކުން ލައިސަންސަށް އެދި ހުށަހެޅުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަންގައިފި އެވެ.

އެމްއެމްއޭ އިން މިގޮތަށް އަންގާފައި މިވަނީ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ލައިސަންސަށް އެދި ހުށަހެޅުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައި ލާޒިމް ކޮށްފައިވާތީ އެވެ.

ގާނޫނުގެ 61 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާއިރު ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ ސިސްޓަމެއް އޮޕަރޭޓް ކުރަމުންދާ ފަރާތަކުން ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ވަންދެން އެ ހިދުމަތްދީ ސިސްޓަމެއް އޮޕަރޭޓް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް ފަހު އެއްވެސް ފަރާތަކުން ހިދުމަތްދީ ސިސްޓަމެއް އޮޕަރޭޓް ކުރަން ބޭނުންވާނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ލައިސަންސަށް ނުވަތަ ހުއްދަ އަށް އެދި ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ލައިސަންސަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ އޮތޯރިޓީއަށް އީ-މެއިލް ކުރަން އެދޭ ކަމަށެވެ.

އެމްއެމްއޭ އަށް ފޮނުވަންޖެހޭ މައިގަނޑު މައުލޫމާތު

  • ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަން
  • ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތާއި ބެހޭ ކުރު ތައާރަފެއް
  • މައުލޫމާތު ހޯދަން ގުޅާނެ ފަރާތެއްގެ ނަން، ނަންބަރާއި އީ-މެއިލް

ޕޭމަންޓް ސިސްޓަމް ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެ އެވެ. ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޕޭމަންޓް ސިސްޓަމް މި އަހަރު ތައާރަފު ކުރަން އެމްްއެމްއޭއިން ދަނީ މަސައްކަތް ކުރަންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގައި މިފަދަ ބިޔަ މަސައްކަތްތައް ކުރާ ދުނިޔޭގައި މަޝްހޫރު "ޓިއޭޓޯ އެވްރީ"ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެވެ. މިއީ ފިންލެންޑުގެ ކުންފުންޏެކެވެ. މި ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި ފަޓިއޭޓޯ އެވްރީ އަކީ 1968 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.

ޕޭމަންޓް ސިސްޓަމް ގާނޫނު މަޖިލީހުން ފާސްކުރީ މިއަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު އެެވެ. ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވީ މިއަހަރުގެ މެއި 18 ވަނަ ދުވަހު ކަމަށްވީ ނަމަވެސް ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ.