ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ތިން އަހަރުތެރޭ 28 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ހިދުމަތް ދިނުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީގެން އަދި ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާ އެފަދަ އެއްކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވުނު. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑުގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެނެސް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ވިދާޅުވިއެވެ.
އަދި މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަސް ވިދާޅުވިއެވެ. އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއި މަޝްވަރާ ސަރުކާރުން ހޯދާސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން އަދިވެސް މިއުޅެނީ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށްދަތި އުނދަގޫ ތަޖުރިބާތަކެއްވެސް އަޅުގަނޑުމެން ކޮށްފިން. ނަމަވެސް ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް އަދި މާގިނަ. އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި،"
"މިކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވައިލައި މިދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ކޯވިޑުގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރިއިރު ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށްބޮޑުކަން ފާހަގަކުރެވުނު. ބައެއް މީހުންގެ ވަޒީފާ ގެއްލިގެންދިޔަ. ވަޒީފާގައި ދެމިތިއްބަސް އާމްދަނީ ވަރަށް ބޮޑަށް ދަށަށްދިޔަ މީހުންވެސް މަދެއްނޫން. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް ފެނަކައިން އިތުރަށް ވަޒީފާ ދިންކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަންކޮށް އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލު ކުރަން ޖެހޭ ކަމަށެވެ.