ބޮލީވުޑް

ކޭބީސީ ހޯސްޓްކުރަން ފެށި ގޮތް ކިޔައިދެމުން އަމީތާބަށް ރޮވިއްޖެ

އަމީތާބު ބައްޗަން ހޯސްޓް ކުރާ "ކޯން ބަނޭގާ ކްރޯޅްޕަތީ (ކޭބީސީ) ދައްކަން ފަށާފައި ވަނީ 2000 ވަނަ އަހަރު އެވެ. ދާދި ފަހުން މި ޝޯ ވަނީ 1000 އެޕިސޯޑު ފުރިހަމަ ކުރުން ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފަ އެވެ. އެއްހާސް ވަނަ އެޕިސޯޑުގައި ބައިވެރިވި އަމީތާބުގެ އަންހެން ދަރިފުޅު ޝްވޭތާ އާއި ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އެވެ.

އަމީތާބު ކޭބީސީ ހޯސްޓް ކުރަން ފެށިއިރު ބޮލީވުޑް އެއްވެސް އެކްޓަރަކު ޓީވީގައި މަސައްކަތެއް ނުކުރެ އެވެ. އަދި އެއީ ވަރަށް ހުތުރު ކަމެއްގެ ގޮތުގައި ގިނަ މީހުން ދެކެމުން ދިޔަ އެވެ. އަދި ފިލްމު އެކްޓަރަކު ޓީވީ ޝޯއެއް ކުޅެފިނަމަ އެއީ އެމީހާގެ ކެރިއަރުގެ ދުވަސް ދިޔައީ ކަމަށް އޭރު ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މި އެޕިސޯޑުގައި ވާހަކަ ދައްކަމުން އަމީތާބު ވަނީ ކޭބީސީ ހޯސްޓް ކުރަން ޖެހުނު ސަބަބު ވެސް ކިޔައިދީފަ އެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން ވަރަށް ޖަޒުބާތާއެކު އަމީތާބު ބުނީ އެ ދުވަސްވަރު އޭނާއަށް ރަނގަޅު ފިލްމުތައް އެއްގޮތަކަށް ވެސް ކުޅޭކަށް ނުލިބެ އެވެ. އަދި އޭނާ އުފެއްދި ފިލްމު ކުންފުންޏެއް ބަނގުރޫޓުވެ އޭނާ ވަނީ އެތައް ބަޔަކަށް ދަރައި ވަރަށް ބޮޑަށް ފައިސާއަށް ބޭނުން ޖެހިފަ އެވެ.

"ގިނަ މީހުން އަހަންނަށް އިންޒާރު ކުރަމުންދިޔަ ބޮޑު ސްކްރީނުން ކުޑަ ސްކްރީނަށް ދިއުމުން އަހަރެންގެ ނަމަށް ހުތުރު އަރާނޭ ކިޔާފަ. އެކަމަކު އެވަގުތު އަތްމަތި ދަތިކަމުން އެއްބަސްވާން މަޖްބޫރުވީ. ނަމަވެސް ކޭބީސީގެ ފުރަތަމަ އެޕިސޯޑު ދެއްކުމާއެކު ބެލުންތެރިން އެ ދިން ތަރުހީބުން ބޮޑު ހައިރާން ކަމެއް ލިބުނު،" އަމީތާބު ބުންޏެވެ.

ޝޯ ވެގެން ދިޔައީ އަމީތާބުގެ ނަސީބު އަލުން އަތުގައި ހިފައި ދަރަނިން ސަލާމަތް ވުމަށް ފަހިވި މަގަކަށެވެ. އަދި ޝޯ އިން އޭނާއަށް ލިބުނު މަގްބޫލުކަމާއެކު ބޮލީވުޑްގެ ކެރިއަރުގެ މުޅިން އާ ސަފުހާތަކެއް ފެށުމުގެ ފުރުސަތު ވެސް އަމީތާބަށް ލިބިގެން ދިޔަ އެވެ.

ކޭބީސީ ފެށިގެން ފާއިތުވީ 21 އަހަރު ތެރޭގައި އެންމެ ސީޒަނެއް ނޫނީ ހޯސްޓް ކޮށްފައި ވަނީ އަމީތާބެވެ. އަމީތާބު ހޯސްޓް ނުކުރަނީ 2007 ގައި ދެއްކި ތިން ވަނަ ސީޒަނެވެ. އެ ސީޒަންގެ ހޯސްޓަކީ ޝާހް ރުކް ޚާނެވެ.