ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާޖަން ޝާހީގެ ހުރިހާ ޑްރާމާ ތަކަކީ ވެސް އެއްވަނައިގެ ޑްރާމާ ތަކެކެވެ. "އަނޫޕަމާ"، "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ފަދަ ޑްރާމާތައް ޓީއާރުޕީ ޗާޓުގެ އެންމެ ކުރީގައި އުޅެނީ ރާޖަންގެ ހުނަރާއި މިންނަތް މަސައްކަތުންނެވެ.
ރާޖަންގެ "އަނޫޕަމާ" އަކީ މިހާރު އިންޑިއާ ޗެނަލްތަކުން ދައްކާ އެންމެ މަގްބޫލު ޝޯ އަށް ވުމުގެ އިތުރުން ފެށުނީއްުސުރެ އޭނާގެ ޝޯތަކަށް ލިބިފައިވާ ތަރުހީބަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ.
ޑްރާމާ އާއި ފިލްމުތައް އުފެދުމުގެ ވިޔަފާރީގައި ހަރަކާތްތެރި ވަނީ ރާޖަންގެ އާއިލާ އިން ހަމައެކަނި އޭނާއެއް ނޫނެވެ. އެ އާއިލާގެ ހަތަރު ޖެނެރޭޝަނެއް މި ވިޔަފާރީގައި މަސައްކަތް ކޮށްފައި ވެއެވެ. .
ރާޖަންގެ މަންމަ ފަރާތު ކާފަ ޕީ. ޖައިރާޖް އަކީ ދާދާސަހަބް ޕާލްކޭ އެވޯޑު ހޯދާފައިވާ ފިލްމު އުފެއްދުންތެރިއެކެވެ. ނަމަވެސް ރާޖަން ފިލްމީ މަސައްކަތް ދަސްކުރީ އަމިއްލައަށް އޭނާގެ ހިތްވަރާއި މަސައްކަތުންނެވެ. އަދި ފާއިތުވީ 30 އަހަރު އޭނާ ވަނީ މި ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެންމެ ކުރިން ރާޖަން މަސައްކަތްކުރީ ޑައިރެކްޓަރު ރާވީ ރާއީ އާއެކު އޭނާގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އަދި ޑައިރެކްޓަރެއްގެ ގޮތުގައި ފަހުން ވަރަށް މަޝްހޫރު ގިނަ ސިލްސިލާތަކެއް އުފެއްދި އެވެ.
ޕްރޮޑިއުސަރެއްގެ މަސައްކަތް އޭނާ ފެށީ 2007 ގައެވެ. "ސަޕްނާ ބާބުލް ކާ... ބިދާއީ"، "އަމްރިތު މަންތަން"، "ކުޗް ތޯ ލޮގް ކަހޭނގޭ"، "ހަވަން"، "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" އަކީ ރާޖަންގެ އަމިއްލަ ފިލްމު ކުންފުނި "ޑައިރެކްޓާޒް ކަޓް ޕްރޮޑަކްޝަންސް"ގެ އުފެއްދުންތަކެވެ.
ރާޖަންގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ މިހާތަނަށް އިންޑިއާގެ ޓީވީން އެންމެ ގިނަ ދުވަސް ވަންދެން ދައްކާފައިވާ ޝޯ އެވެ. މި ޝޯ ފެށިތާ 13 އަހަރު ފާއިތުވެފައި ވާއިރު 3500 އަށް ވުރެ ގިނަ އެޕިސޯޑު ދައްކާފައި ވެއެވެ.
ރާޖަން ވަނީ 2020 ގައި އޭނާގެ މަންމަ ދީޕާ ޝާހީ އާއެކު ޝާހީ ޕްރޮޑަކްޝަންސްގެ ނަމުގައި އާ ފިލްމު ކުންފުންޏެއް އުފައްދާފަ އެވެ. މިހާރުގެ އެއްވަނަ ޝޯ "އަނޫޕަމާ" އަކީ މި ކުންފުނިން އޭނާގެ މަންމަ ޕްރޮޑިއުސްކުރާ ސިލްސިލާ އެކެވެ.
ރާޖަންގެ ގިނަ ޝޯތަކެއް ޓީއާރުޕީ ޗާޓުގެ ކުރީގައި އޮތްއިރު އޭނާގެ ދަރިފުޅު އިޝީކާ ޝާހީ ވެސް މިހާރު ދަނީ ބައްޕަ ހިނގި މަގުން ހިނގައި ބައްޕަ ކަހަލަ ކުޅަދާނަ ފަންނާނަކަށް ވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފިލްމު އިންޑަސްޓްރީން ރަނގަޅު މަގާމެއް ހޯދުމުގެ ދަތުރު އިޝީކާ މިހާރު ވަނީ ފަށާފަ އެވެ.
އިޝީކާ އާއެކު ރާޖަންގެ އާއިލާގެ ހަތަރު ޖެނެރޭޝަނެއް ފިލްމީ ވިޔަފާރިއަށް ވަނީ ވަދެފަ އެވެ. އަދި މިއީ ރާޖަން ވަރަށް ފަޚުރުވެރިވާ ކަމެކެވެ.
ރާޖަންގެ ސިލްސިލާތަކަށް އެހާ ބޮޑު ތަރުހީބެއް ލިބޭ ސަބަބަކީ ކޮންމެ ސިލްސިލާއެއްގެ މަސައްކަތް ވެސް ރާޖަން ވަރަށް ގާތުން ބަލަމުން ގެންދާތީ އެވެ. އެ ސިލްސިލާއެއް ފެށުމުގެ މާ ކުރިއްސުރެ އޭނާ އެކަމަށް ފޯކަސްކޮށް އެއީ ބެލުންތެރިންނަށް ކަމުދާ ޒާތުގެ ޑްރާމާއަކަށް ހަދަން ގިނަ ގުނަ މަސައްކަތްތައް ކުރެ އެވެ.