( 2 ޑިސެމްބަރ 2021 އާ ގުޅޭ )
"އަހަރެން މީ ތަހާނީ، އަހަންނަށް ޓުވެންޓީސެވެން... ހޫރައިންގެ ފުރަތަމަ ދުވަސް ދޯ. ހަސީނާ ދެއްކި ވާހަކައިން އެނގުނީ. އަސްލު ހޫރައިން މާބޮޑަށް ޕެނިކްވީ... އެނގޭތަ ކީއްވެކަން ޕެނިކް އެޓޭކްސް ކުރިމަތިވަނީ؟." ތަހާނީ ގަސްދުކުރީ ހޫރައިންއާ ވާހަކަދައްކާށެވެ. އެ އަންހެންކުއްޖާ ކޮންމެވެސް ބޮޑުކަމަކާ ކުރިމަތިލާފައިވެޔޭ އޭނާގެ ހަވަނަ ހިއްސު ބުނަނީއެވެ.
* * * * *
ކުލާސްތަކުގައި ދަރިވަރުން ކިޔަވަމުންދާ ވަގުތަކީ މުޅި ޔުނިވަރސިޓީގެ ގޯތިތެރެއަށް ހިމޭންކަން ވެރިވެ ފަޅުވެފައި އޮންނަ ވަގުތެކެވެ. ހޫރައިން އިނީ ހަސީނާއެކު "ޑީ" ބުލޮކްގެ ބިއްދޮށުގައެވެ. އެ ފަރާތުގައި ޖަހާފައި ހުރި ޕްލާސްޓިކު ގޮނޑިތަކުގައެވެ. އެއީ އާންމުކޮށް އަންހެން މަސައްކަތު މީހުން ވާހަކައިގަ ތިބޭ މައިޒާނެކެވެ. އެފަރާތަށް ދަރިވަރުން ވެސް އައިސް ނޫޅޭތީއެވެ. ގަސްތައް އިންދާފައި ހުރި ދިމާ ވަކިކުރަން ތިރި ފާރުބުރިއެއް ރާނާފައި ވެއެވެ. އެ ފާރުބުރި މަތީ ބަހައްޓާފައި ހުރި ކުޑަކުޑަ ރޭޑިއޯގެ އަޑު އިވިއިވި ހުއްޓެވެ.
"ޔޫކް ގެއަށް އައީތަ؟." ހޫރައިން ފޯނުކޯލު ނިންމާލިކަން އެނގި ހަސީނާ ސުވާލުކޮށްލިއެވެ.
މަންމައާއި ދަރިފުޅުގެ އަޑު އަހާލަން ހޫރައިން ބޭނުންވީއެވެ. ހޫރައިންއަށް ކަންތައް ދިމާވިގޮތް ސުމައްޔާ ކައިރީ ނުބުނެ ހަސީނާ ނުހުންނާނެކަން އެނގެއެވެ. މަންމަ ހާސްވާނޭވަރު ހޫރައިންއަށް އަންދާޒާކުރެވެއެވެ. ގެއިން ނުކުމެއްޖެނަމަ ހޫރައިންގެ ވަށައިގެންވާ މާހައުލާމެދު އޭނާ ހުންނަނީ ސަމާލުވެއެވެ. އެކަމަކު ކުޑަ ހިނދުކޮޅަކަށް އޭނާގެ އެ ސަމާލުކަން މިއަދު ގެއްލުނީއެވެ. ތަނަށްވެރިވި ހިމޭންކަމާއި ކުރިމަތީން ފެނުނު ހިތްގައިމު މަންޒަރުންނެވެ. ކުލަކުލައިގެ މާތައް ފޮޅިފައި އޮއްވާ އެފަދަ ހިތްގައިމު ކަމަކަށް އޭނާގެ ނަޒަރު އެންމެފަހުން ހުއްޓުނީ ކޮންއިރަކުކަމެއް ޚުދު އޭނާ ވެސް ހަނދާނެއް ނެތެވެ. ހިތަށް ވެރިވި ފިނިކަމަށްވުރެ ކުއްލިއަކަށް ލިބުނު ބިރުވެރިކަން ހޫރައިންއަށް ބޮޑެވެ. ތަހާނީ އޭނާގެ ކައިރީ ދެއްކީ ރަނގަޅު ވާހަކައެކެވެ. އެކަމާ ހޫރައިން އެއްބަސްވެއެވެ. "ޕެނިކް"އަކީ "އެންޒައިޓީ"ގެ ބައެކެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ އާންމު ދިރިއުޅުމައިގެން ކުރިއަށްދާން ނުހަނު މުހިންމު އެއްޗެކެވެ. ހޫރައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ދުޝްމިނަކީ ބިރެވެ. އެ ބިރު ފިލުވާލަން ބޭނުންވިޔަސް އެކަން ހީކުރާހާ ފަސޭހަކަމަކަށް ނުވެއެވެ. ބައެއްކަން ހަނދާނުން ފުހެލާނީ ކިހިނެއް ހެއްޔެވެ.
"މި ހުކުރުގަ ޔޫކް ގޮވައިގެން ހޫރް އަންނަންވީނު ހަސިންތަމެން ގެއަށް." ހަސީނާ ހިޔާލެއް ފާޅުކުރިއެވެ.
"މަންމަ ނުދަނީ... އެނގޭ ހަސިންތަ ކިޔާކަން މަންމަ ކައިރީ. އަހަރެން ވެސް މަންމަ ކައިރީ ބުނެފިން ހަސިންތަމެންގެއަށް ގޮސްލާށޭ ގޭގަ ނީނދެ. އަހަންނާ ހެދި މަންމަ ވެސް ގެއިން ނުކުންނަން ބޭނުންނުވަނީ." ހޫރައިން ވާހަކަދެއްކިއެވެ. ސުމައްޔާ ކުރީން ހަސީނާމެން ގެއަށް ގޮސް އުޅުނަސް ހޫރައިންގެ ސަބަބުން އެކަން ވަނީ ހުއްޓިފައެވެ. މިހާރު ސުމައްޔާ ގެއިން ބޭރަށް ފިޔަވަޅެއް އަޅާނަމަ ހޫރައިންއާ މެދު ވިސްނާފައި ނޫނީ ނުނިކުންނާނެވެ. ދުރު ތަންތަނަކަށް ހޫރައިން އެކަނި ގޭގައި ބަހައްޓާފައި ނުދެއެވެ. ކޮންމެހެން ދާން ޖެހުނަސް އޭނާ ފޯނުން ދަރިފުޅާ ވާހަކަދައްކާނެއެވެ. މިއީ އެ ދެމައިން މިހާރު އުޅެމުން އަންނަ ގޮތެވެ.
"މަންމަ އެކަންޏެއްނޫން. ދަރިފުޅު ވެސް އާދެބަލަ. އަބަދު ގޭގަ އިނުމަށްވުރެ ގިނަގިނައިން ނުކުމެ އުޅެންވީ. އޭރުން މާހައުލަށް ހޭނޭނީ. މީހުންގެ ތެރޭ އުޅޭން ފަސޭހަވެ ދަސްވާނީ." ހަސީނާ ބުންޏެވެ.
ކައިރީގަ މިއަދު ތިބި އެންމެން ވެސް ހޫރައިންއަށް ދެނީ ހެޔޮ ނަސޭހަތެވެ. އެ ނަސޭހަތުގައި އޭނާ ހިފަން ބޭނުންވެއެވެ. އެފަދައިން ޢަމަލުކުރަން ހިތް އެދެއެވެ. ނަމަވެސް އަމިއްލަ ނަފްސަށް ހުރި ހުރަސްތައް ގިރާކުރާނެ ހިތްވަރު އޭނާގެ އަދި ނެތީއެވެ. އެކަމަކު މިހާރު ވެސް މަޑުމަޑުން ކަންކަމަށް އޭނާ އެ އަންނީ ކުރިމަތިލައި ބަދަލުކުރަމުންނެވެ. ކޮންމެ ކަމަކަށް ވެސް ވަގުތު ނަގާނެއެވެ. ނޭނގެނީ އެއީ ކިހާ ވަގުތެއް ކަމެވެ.
މަސައްކަތު ގަޑި ނިންމާ ގެއަށް ހޫރައިން އައީ ހަސީނާއާއެކުއެވެ. ދަރިއެއް ފަދައިން އެ އަންހެންކުއްޖާދެކެ ހަސީނާ ލޯބިވެއެވެ. ބޮޑުވެފައި ހުރި އަންހެނަކަށް ވިޔަސް އެކަނި ގެއަށްދާން ހޫރައިން ދޫކޮށްލަން ހަސީނާއަށް ނުކެރެނީއެވެ. ގެއަށް ވަންއިރު ކުޑަކުޑަ ޔޫކް ހުރީ ހޫރައިންއާ ބައްދަލުނުވެގެން ހުރި ފަދައިންނެވެ. މަންމަގެ ގައިގާ އެކުއްޖާ އައިސް ބައްދާލީ ނުހަނު އަވަހަށެވެ. އެކަކަށްވުރެ ކުރީން އެކުއްޖާ ހޫރައިންއާ ވާހަކަދެއްކިއެވެ. އެންމެހާ ނުތަނަވަސްކަމެއް ހޫރައިންގެ ކިބައިން ފިލައިގެން ދިޔަ ފަދަ ފިނިކަމެއް އޭނާއަށް އިހްސާސް ކުރެވުނެވެ.
* * * * *
ކުލާސްތަކުގެ ގަޑިތައް ނަގަން ޖެހޭ ގޮތުގެ ތާވަލު ފޯނުން ބަލަން ޒެހެން އިނީ ޓީޗަރުން ތިބޭ ބައިގައެވެ. ގާތްގަނޑަކަށް ހުރިހާ ޓީޗަރުންނެއް ކަހަލަ ގޮތަކަށް އެތަނުގައި ތިއްބެވެ. ހެނދުނު ދަންފަޅި ފެށޭ ވަގުތު ކުޑަތަންވަމުން އައިއިރު ބައެއް ޓީޗަރުން ފިލާވަޅުތަކަށް ބޭނުންވާނޭ ތަކެތި ތައްޔާރުކުރުމުގައި ހަރަކާތްތެރިވެއެވެ. ގިނައިރެއްނުވެ މަޑުމަޑުން ޓީޗަރުންތައް ނުކުމެ ތަން ހުސްވާން ފެށިއެވެ. އަޑުފަށްގަނޑު ވެސް ކެނޑިއްޖެއެވެ. ޒެހެން ވެސް އެތަނުން ނުކުތީއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލަމުންނެވެ. ޔުނިވަރސިޓީގެ ގޯތިތެރެ ހުސްކޮށްކަން މިހާރު އޮންނާނީ އޭނާ ޔަގީންކުރިއެވެ. ލިފްޓަށް އެރީ ތިރިއަށް ފައިބާށެވެ.
ގަސްތައް ކައިރީ ފެންދޭން ހުރި އަންހެންކުއްޖާ ޒެހެންއަށް ފެނުނެވެ. ދުރުގައި ދަރިވަރުން ތިބުމަށް ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގަ ޒެހެން އިށީނެވެ. ސީދާ އެ އަންހެންކުއްޖާގެ ހަރަކާތްތައް ފެންނާނޭ ހެންނެވެ. ފޯނު ހުޅުވާލައިގެން އިންއިރު އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. އެއްފަހަރު ވެސް އިސްއުފުލައި ބަލާނުލާއިރު އޭނާ އެ އަންހެންކުއްޖާއަށް ސަމާލުކަން ދޭހެން މީހަކަށް ހިޔެއްނުވާނެއެވެ. އެކަމަކު އޭނާގެ ކައިރީ މީހަކު އައިސް ހުއްޓިއްޖެނަމަ އެއީ ތެދެއްނޫންކަން އެނގޭނެއެވެ. ޒެހެންގެ ފޯނުން ކެމެރާ ހުޅުވާފައި ހުރިއިރު އޭނާ ފޯނުން އެބަލަނީ އެ އަންހެންކުއްޖާއަށެވެ. ދޭތެރެއަކުން އިސްކުރީނުގައި އިނގިލި ޖައްސާލައި މަންޒަރު ކައިރިކޮށްލައެވެ. އޭނާ އެތަނުގައި އިށީން ފަހުން ދެ ފަހަރަކު އެ އަންހެންކުއްޖާ ނިކަން ނޫން ގޮތަކަށް ބަލާލިކަން ފާހަގަވިއެވެ. އޭނާގެ ހަރަކާތްތަކަށް ބަދަލު އައިގޮތް ފެނި މިފަހަރު ޒެހެންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"ހޫރައިން... ހޫރް... ލޯބި ނަމެއް. އެ ދެ ލޯ ފެނިފަ އެކަނިވެސް ހޫރެކޭ ބުނާވަރުވޭ." ފޯނަށް ބަލަން އިން ޒެހެންގެ ހިތް ބުނެލިއެވެ.
ކުއްލިއަކަށް ޒެހެންގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. ޝާފީގެ ނަން އިސްކުރީނަށް އެރުމާއެކު ކީއްވެކަން އެ ގުޅަނީ އެނގުނެވެ. ފޯނުކޯލު ނެގުމާއެކު އެކުވެރިޔާ ގާތު ތިރިއަށް އަންނާށޭ ޒެހެން ބުނެލިއެވެ. މިއަދު އެ ދެއެކުވެރީންނާއެކު ރަހީމް ބައިވެރިއެއް ނުވެއެވެ. އޭނާ ނަގައިދޭން ޖެހޭ ކުލާސްތައް އޮތީމައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު ޒެހެންއަށް ހެނދުނު ކުލާހެއް ނަގަން ނޯންނަ ކޮންމެ ދުވަހަކު އޭނާގެ މަސައްކަތަކަށް ވެފައި އޮންނަނީ ހޫރައިން ދުށުމަށް އައިސް އިނުމެވެ. ކައިރިއަށް ގޮސް ހާލު އޮޅުން ފިލުވާ ދެމީހުން ފުރަތަމަ ބައްދަލުވީ ދުވަހު ކަންތައް އެވީގޮތް އޮޅުން ފިލުވާލަން ޒެހެން ބޭނުމެވެ. އެހެންނަމަވެސް ކައިރިއަށް ދާން ނުކެރިފައި ހުރީ ހޫރައިން އޭނާ ފެންނައިރަށް ފިލާތީއެވެ. ޒެހެންގެ ހިތުގައި އޮތް ޝައުގުވެރިކަން އިތުރުވާން މެދުވެރިވީ ސަބަބަކަށް އެކަންވިއެވެ. ހޫރައިންގެ ނަމާއި އުމުރު ޒެހެންއަށް އެނގުނީ ތަހާނީގެ ފަރާތުންނެވެ. އެ ނަން އިވުނު ހިނދު އެ ނަމުގައި ވެސް ހާއްސަކަމެއް ވާހެން ޒެހެންއަށް އިހްސާސް ކުރެވެންވީ ސަބަބެއް އޭނާއަކަށް ނުވިސްނެވެ.
ޒެހެންގެ ހަރަކާތްތަކާމެދު ޚުދު އޭނާ ބައެއްފަހަރު ސުވާލު އުފެދެއެވެ. ހަޔާތުގައި މިވަގުތު ހާއްސަކުރެވިފައި ބައިވެރިއެއް ނެތެވެ. ވީއިރު އަންހެން ކުއްޖަކާމެދު އޭނާގެ ޒުވާން ހިތް ޝައުގުވެރިވުމަކީ މައްސަލައެއް ކަމުގައި ނުވެއެވެ. ގަބޫލުކުރަން އުނދަގޫވެގެން އުޅެނީ ހޫރައިން ފަދަ އަންހެންކުއްޖާމެދު އެ ހިތް ޝައުގުވެރިކަން ފާޅުކުރީމައެވެ. އޭނާގެ ތަސައްވުރުގައި ނުވާފަދަ އަންހެންކުއްޖަކު ކުއްލިއަކަށް ފާހަގަކުރެވުނީމައެވެ. ހޫރައިން ހުންނަ ގޮތާ އޭނާގެ ހިޔާލުތައް ދެކޮޅެއް ނުވެއެވެ. އެކަމަކު ހޫރައިންއަކީ ހަމައެކަނި ބުރުގާއެއް އަޅާލައިގެން ހުރި އަންހެންކުއްޖެއް ނޫނެވެ. ޒެހެންގެ ނަޒަރުގައި އޭނާއަކީ މޫނުބުރުގާގެ ނިވަލުގައި ހުރި ފުރިހަމަ އަންހެންކުއްޖެކެވެ. އެ ރީތިކަމަކީ މުޅީން ތަފާތު ރީތިކަމަކަށްވާއިރު ޒެހެންއަށް ގަބޫލުކުރެވެނީ އޭނާއަކީ އެފަދަ ނަސީބެއްގެ ހައްގުވެރިއަކަށްވާހާ ރަނގަޅު، ސާލީހު މީހެއް ނޫންކަމެވެ. ހޫރައިންމެން ފަދަ އަންހެން ކުދީންނަށް ކަމުދާނީ ވެސް ޝޭޚުން ފަދަ ދީނީ ކަންކަމަށް ހޭލުންތެރިވެފައިވާ ރަނގަޅު ހަރުދަނާ ފިރިހެނުންނެވެ. އެމީހުންގެ އުސޫލުތައް ވަރުގަދަވާނެއެވެ. އީމާންތެރިކަން ވަރުގަދަ ވާނެއެވެ. ވީއިރު އޭނާ އެކަށީގެން ވާނީ ކިހިނެއް ހެއްޔެވެ. ޒެހެން ނަމާދު ކުރެއެވެ. އެހެންނަމަވެސް ގަޑިންގަޑިއަށް ގިނަފަހަރު އޮންނަނީ ނޭރިފައެވެ. ބިޒީވެގެން ހަނދާންނެތޭ ދުވަސްތައް މަދެއްނޫނެވެ. ރަމަޟާން މަސް ނޫނީއްޔާ ޤުރުއާން ކިޔެވުމެއް ނޯވެއެވެ. ރީތި އަންހެން ކުއްޖަކު ފެނިއްޖެނަމަ އެ ދިމާއަށް ކޮންމެ ގޮތަކުން ވެސް ލޯ ދާނެއެވެ. ހާއްސަކޮށް ވަނާތައް އެނގޭފަދަ ހެދުމެއްގައި ހުރެއްޖެނަމަ ލޮލުކޮޅަށް އޮބާލަންދެން ބެލޭނެއެވެ. އެކުވެރިއަކާއެކު ހުރެއްޖެނަމަ ފެނުނު މަންޒަރު ބޮޑު ސުރުހީއަށްވެ އެ މަޢުޟޫ ވައިގަ ހިފާލާނެއެވެ.
"ނޯބޮޑީ އިޒް ޕާފެކްޓް... ކޮންމެ މީހެއްގެ ވެސް ފްލޯސް ހުންނާނެ. އަހަރެންމީ މަލާއިކަތެއް ނޫންވިއްޔާ. އެކަމަކު ވާހަކައެއް ދެއްކޭނީ ކައިރިއަށް ދެވިގެންނު. ފަހަތުން ދުވެ އަތުލަން ކަންނޭނގެ ޖެހޭނީ. ވާހަކަ ދައްކާލެވޭނަމަ..." އަމިއްލަ ނަފްސުގެ މައްޗަށް ގެއްލުނު ޔަގީންކަން ހޯދަމުން ޒެހެން ބުނެލިއެވެ.
ޒެހެންއަށް އިހްސާސް ކުރެވޭ ގޮތަކީ ހަމައެކަނި ހިތުގައި އުފެދުނު ވަގުތީ ޝައުގުވެރިކަމެއްތޯ ޔަގީން ކުރަން ބޭނުމެވެ. އޭނާ ފެނި ބިރުން ފިލަންދުވާތީ ޒެހެންގެ ހިތް ހަމައެކަނި ބޭނުންވަނީ އެކަމުގެ ސަބަބު ހޯދަން ކަމަށް ވެދާނެ ހެއްޔެވެ. ފުން ލޯތްބެއް ހިތުގައި އުފެދޭހާ ގާތްކަމެއް އެ އަންހެންކުއްޖާއާ ނެތްއިރު ޒެހެންއަށް އައިސްގެން މިއުޅޭ ބަދަލީ ލޯބިކަމުގައި ގަބޫލުކުރަން އޭނާއަށް އަދި އަވަހީއެވެ.
* * * * *
މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތް ހޫރައިން ވަނީ ރާވާލާފައެވެ. އޭނާ މިހާރު ދަރިވަރުން އަންނަ ގަޑިއަށް މަސައްކަތްތައް މެދު ކަނޑާލަނީއެވެ. ގަސްތައް ކައިރީގަ ނުހުރެ "ޑީ" ބުލޮކުގެ ބިއްދޮށުގައި ހުންނަ ގޮނޑިތަކުގަ މަޑުކުރަނީއެވެ. ދަރިވަރުންތައް ކުލާސްތަކަށް ވަދެ ކިޔެވުން ފެށުމުން އޭނާ އަލުން އައިސް މަސައްކަތް ފުރިހަމަ ކުރަނީއެވެ. ކުރަންޖެހިފައިވާ މަސައްކަތްތައް ބުރައެއް ނޫނެވެ. ސްކޫލު ދޮށަށް ދަރިފުޅު ލާން ނުދެވުނަސް އެކުއްޖާ ބަލާ ހޫރައިން ދެއެވެ. ޔޫކް ގެއަށްލާފައި ދަރިފުޅަށް ކާންދިނުމަށްފަހު އެނބުރި އަނެއްކާ އަންނަނީއެވެ. އެފަދަ ކަންކަމާ ތަނުގެ މީހުން މައްސަލައެއް ނުޖައްސައެވެ. އެކުގައި އުޅެނީ ހަސީނާ ފަދަ ހަރު އަންހެނުންނަށް ވާއިރު އެމީހުން ހޫރައިންއަށް އަޅާލައެވެ. އެކަމަކު ހަސީނާ ކުރީން ބުނެފައިވާހެން އެމީހުންގެ ސުވާލުތައް ގިނައެވެ. ޖަވާބު ނަޔަސް އެމީހުން އެކަމުގައި ވަރުބަލިވާހެނެއް ހިޔެއްނުވެއެވެ. ގިނައީ ހޫރައިން ޖަވާބުދޭން ބޭނުންނުވާ ސުވާލުތަކެވެ. ދިރިއުޅުމާ ގުޅިފައިވީމައެވެ. ދަރިފުޅާއި ދަރިފުޅުގެ ބައްޕައާ ގުޅިފައިވީމައެވެ. ކައިވެންޏާއި ވަރިއާ ގުޅިފައި ހުރި ސުވާލުތައް ވީމައެވެ. އަމިއްލަ ދިރިއުޅުން އެކަކަށް ވެސް ހާމަކުރާކަށް ހޫރައިން ނޭދެއެވެ.
ފެންހޮޅި ހިފައިގެން އެއްފަރާތަށް ޖެހިލަން އުޅުނު ވަގުތު ގޮނޑީގައި އިން ޒުވާނާ ހޫރައިނަށް ފެނިއްޖެއެވެ. އެއާއެކު ފުރަތަމަ ވަޒީފާއަށް ނުކުތް ދުވަހުގެ ހަނދާންތައް އަލުން އާވެގެން ދިޔައެވެ.
"މިއަދުވެސް އައީތަ؟... އަދިވެސް އަންގި ކަޓުވާލި ގޮތަށް ގެނެސްނުދޭ." ހޫރައިންއަށް ކުދިކިޔާލެވުނެވެ.
ހޫރައިންއަށް ޒެހެން ފާރަލަނީއޭ ހީވަނީއެވެ. އެކަމަކު ޔަގީނެއް ނުކުރެވުނެވެ. އޭނާއަކީ އިހަށް ދުވަހު ވަޒީފާއަށް ނުކުތް މީހެކެވެ. ޒެހެންގެ އެއްވެސް ކަމެއް ހޫރައިނަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން އޭނާއަށް ކިޔާ ނަމެއް ވެސް ނޭނގެއެވެ. އެނގުމުގެ ޝައުގުވެރިކަމެއް ވެސް ނެތެވެ. ޓީޗަރެއްކަން ލަފާކުރީ ފުރަތަމަ ބައްދަލުވި ދުވަހު ޒެހެން ކުރި ސުވާލުންނެވެ. އެކަމަކު އެއީ ޔަގީންކަމެއްނެތް ނިންމުމެކެވެ. އޭނާ ނޫނީ ދަރިވަރުންގެ ގޮނޑިތަކުން އެ ގަޑީގަ ނުފެނެއެވެ. އާންމުކޮށް އެ ގޮނޑީގައި ޒެހެން އިންނަކަމަށް ވާނަމަ ހޫރައިންއަށް ކުރެވޭ ހީއަކީ ގޯހަކަށް ވެގެންދާނެއެވެ. އެހެންވެއްޖެއްޔާ އޭނާ އައިސް އިންނަ އިނުމަކީ ހޫރައިނަށް ފާރަލުމުގެ ގަސްދުގައި އިންނަ އިނުމެއް ނޫނެވެ. މީހެއްކައިރީ ޒެހެންގެ ވާހަކަ ދައްކަން ނުކެރިގެން އުޅެނީ އެހެންވެއެވެ. ފެންނަ ހިސާބުގައި އިނަސް ޒެހެން އިންނަނީ އޭނާއަށް ބަލާކަށް ނޫންވިއްޔާއެވެ. އެވެސް ހޫރައިން ހިޔާލުތަފާތުވާ އެއް ސަބަބެވެ. އޭނާއަށް މީހުން ފާރަލާހެން ހީވުމަކީ އާ އިހްސާސެއްނޫނެވެ. އެ ވިސްނުމުން އަރައިގަންނަން ހޫރައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވީއިރު ޒެހެންއާމެދު އެގޮތަށް ދުށުން ރަނގަޅު ވިސްނުމަކަށް ނުވެދާނޭ އަމިއްލަ ޟަމީރަށް ވިސްނައިދޭން މިފަހަރު ހޫރައިން ގަސްދުކުރިއެވެ. އުޅޭ މާހައުލާއި ބައްދަލުވާ ނުދަންނަ މީހުންނަށް ހޫރައިން ހޭނެން ޖެހޭނެކަން އެނގޭތީއެވެ.
ގެއިން ނުކުންނަ ކޮންމެ ދުވަހަކީ ހޫރައިން ހަނގުރާމައަކާ ކުރިމަތިލާ ދުވަހެކެވެ. ނަފްސު ރައްކާތެރި ކުރުމަށް އޭނާ ދަހަނާއެޅީ ބުއްދީގެ ބޭނުން ރަނގަޅަށް ހިފޭނީ އޭރުން ކަމަށްވީމައެވެ. އެހެންނޫންނަމަ މީހުންގެ ބެލުންތަކުން އޭނާގެ ބުއްދި ގޯސްވާނެއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އެޅުން ދަތިވާނެއެވެ. ދިރިއުޅުމުން ފެއިލްވާން އޭނާ ނޭދެއެވެ. މިހާރު އަދި އަމުދުން ޔޫކްއަށް ޓަކައި އޭނާ ހިތްވަރާއެކު ކެރިގެން ކުރިއަށް ދާން ބޭނުމެވެ. އޭނާގެ މަންމަ އޭނާ ރައްކާތެރިކުރި ފަދައިން ކޮންމެ ގޮތަކުން ވިޔަސް ހޫރައިން މިއަދު އެ ދަރިފުޅު ރައްކާތެރިކުރަން އެދެއެވެ. ދުނިޔެ ދަތިކުރާނީ ހަމައެކަނި އޭނާގެ ދިރިއުޅުން އެކަނި ނޫންކަން ހޫރައިންއަށް އެނގޭތީއެވެ.
* * * * *
އަހަރުގެ ކުރީކޮޅެވެ. ފެބްރުއަރީ މަހެވެ. ޔުނިވަރސީޓީގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަފުލާ ކުރިޔަށް ދަނީއެވެ. ބޮޑު އެއް ޢާއިލާ ހަރަކާތްތެރިވާތީ ފެންނަ ކަހަލައެވެ. ދަރިވަރުންނާއި މުދައްރިސުން ހީނ ސަމާސާކުރާ އުފާވެރި މާހައުލެކެވެ. ކުލާސްތަކުގެ މެދުގައި އެކިއެކި މުބާރާތްތައް ކުރިޔަށް ދިޔައެވެ. ހަސީނާއާއި އެހެން މީހުންގެ އެދުމާއެކު ހޫރައިން ގެއަށް ގޮސްފައި އަންނަމުން އައީ ޔޫކް ގޮވައިގެންނެވެ. އެފަދަ އުފާވެރި މާހައުލަކަށް އެ ދަރިފުޅު ގޮވައިގެން ހޫރައިން އައީ އަލަށެވެ. ފުއްޕާހަމެއް ހިފައިގެން ބަޖީޔާއެއްގެ ކަން ކާލަކާލާ ހޫރައިންގެ އުނގުގައި ޔޫކް އިނެވެ. އެ ދެމައިން އިނީ ސައިކޮޓަރީގައެވެ. ކުލާސްތަކުން ފޮނުވަމުންދިޔަ ހެދިކާގެ ތަށިތަކުން ސައިކޮޓަރީގެ މޭޒުމަތި ފުރެމުންދިޔައެވެ. ތަނުގައި އަންހެނުންތައް ގިނަވީ ނަމަވެސް ހޫރައިންއާއެކު ދަރިފުޅު އިނުމުން އޭނާ އިނީ ހިތްހަމަޖެހިފައެވެ. ހަސީނާ އައިސް އެތަނަށް ވަނީ އެވަގުތެވެ.
"ހަސިންތަ ދާންވެގެން މިދަނީ." ހޫރައިން ކައިރިއަށް ހުއްޓިފައި ހަސީނާ ބުންޏެވެ. އޭނާގެ އަންހެން ދަރިފުޅާއެކު ހޮސްޕިޓަލަށް ދާން ޖެހޭކަން ހަސީނާ އޮތީ ހޫރައިން ކައިރީ ބުނެފައެވެ. މިކަހަލަ ދުވަހެއްގައި ޔޫކް ގެންނަން ހަސީނާ ބުނީ ވެސް އެހެންވެއެވެ. ހޫރައިން މާބޮޑަށް އެކަނިވެދާނެތީއެވެ.
ނުކުމެގެން ހަސީނާ ދަމުން ތަނުގައި އުޅުނު އަންހެނަކަށް ގޮވާލިއެވެ. އޭނާ ނެތްކަން އަންގާލައި "މަގޭ ދަރިއަށް ބަލާލައްޗޭ" ބުނެލީ ހޫރައިންއަށް އިޝާރާތްކޮށެވެ. އެ އަންހެން މީހާ އައިސް ހޫރައިން ކައިރީ ވެސް މަޑުން ނީނދެ ކާއެއްޗެއް ކާލަން ބުންޏެވެ. އެތަނުގައި އެންމެން ވެސް ފެންނަނީ ނިކަން ފޯރި އައިސްގެން އުޅޭތީއެވެ.
"އިސްޓޭޖު ކުޅިވަރު ފެށިއްޖެ. ހިނގާބަލަ... އެކުދީން ވަރަށް މަޖަލޭ." އަގުލީމާ އައިސް އެންމެންނަށް އިއްވާލިއެވެ.
ޔޫކް ގޮވައިގެން ހޫރައިން ހިނގައިގަތެވެ. ހުސްބިމުގައި ހަދާފައި އޮތް އިސްޓޭޖު ފެންނަ ހިސާބަށް ދާން ގަސްދުކޮށެވެ. ލިފްޓު ކައިރިއަށް އައިސް ފިތަށް އޮބާލުމަށްފަހު ހޫރައިން މަޑުކޮށްލިއެވެ. މަތިން ތިރިއަށް އައި ލިފްޓު ތިންވަނަ ފަންގިފިލާއަށް ހުއްޓި ދޮރު ހުޅުވުނެވެ. ހޫރައިން ހުއްޓުން އެރީ އެތެރޭގައި ހުރި ޒެހެން ފެނިފައެވެ. މަންމައަށް އައި ބަދަލު ޔޫކް ވަގުތުން ނަގައިގަތެވެ. ލިފްޓު ތެރޭ ހުރި ޒުވާނާއަށް ފަރުވާތެރިކަމާއެކު ޔޫކް ބަލާލިއެވެ. ޒެހެންގެ ނަޒަރު ވެސް އެވަގުތު އެ ކުޑަކުއްޖާއާ އަމާޒުވެލިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ހުރި މީހަކުހެން ހޫރައިން ހުއްޓެވެ.
"ވަންނަންތަ؟." ލެއްޕެން އުޅުނު ދޮރުގައި ކުއްލިއަކަށް ޒެހެން ހިފެހެއްޓުމާއެކު އަލުން ހުޅުވިގެން ދިޔައެވެ.
ދަރިފުޅުގެ އަތުގައި ބާރަށް ހިފާލުމާއެކު ހޫރައިން ފިޔަވަޅު އަޅާލީ ލިފްޓުގެ ތެރެއަށެވެ. އަބަދު ފިލަން ދުވުމުގެ މާނައެއްނެތްކަން ވިސްނުނީ ކަހަލައެވެ. އޭނާއާ ވީހާ ވެސް ދުރަށް ޒެހެން ޖެހިލީ ހޫރައިންގެ ގޮތް އެނގިގެން ކަހަލައެވެ. އޭނާގެ އެ ހަރަކާތް ހޫރައިންއަށް ފާހަގަވެ ސުވާލު އުފެދުނެވެ. އެކަމަކު އަވަސްވަމުންދިޔަ ދިޔަ ހިތް ހަމައަކަށް އަޅުވަން ހޫރައިންއަށް ދަތިވިއެވެ.
"ކިހިނެއް؟." ހޫރައިން ފިލަން ދާނޭ ދިމާއެއް ނެތްކަން އެނގި ލިބުނު ފުރުސަތުގެ ބޭނުން ޒެހެން ހިފިއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް ހޫރައިންއާއެކު ހުރި ކުޑަ ކުއްޖާ ޒެހެންނާ ނަޒަރު ވަކިކޮށްނުލާކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ލުއި ހިނިތުންވުމެއް އެކުއްޖާއާ ޒެހެން ބަދަލުކޮށްލިއެވެ. ނަމަވެސް އެކުވެރިވާން ބޭނުންވާ ފަދަ އަސަރެއް އެކުއްޖާގެ މޫނަކުން ނުފެނުނެވެ. ޒެހެންގެ ސުވާލަށް ހޫރައިން ޖަވާބެއް ނުދިނެވެ. ކޮންމެވެސް ކުލާހަކުން އޭނާއަށް ލިބުނު ޗޮކުލެޓު މެޓައެއް ޖީބުން ނެގިއެވެ. ކުޑަކުއްޖާއަށް އެ ދިއްކޮށްލުމުން އޭގައި އެ ކުއްޖާ ނުހިފިއެވެ. ޖެހިލީ ހޫރައިންއާ ކައިރިއަށެވެ. ޒެހެން ރަކިވާގޮތްވިއެވެ.
"ދަރިފުޅުތަ؟..." ޒެހެން އަހާލިއެވެ. އެވަގުތު ލިފްޓުގެ ދޮރު ހުޅުވުމުން ޒެހެންއަށް ބަލާލުމެއްނެތި ހޫރައިން ހަލުވިކޮށް ނުކުތީއެވެ. އެންމެންގެ ތެރެއަށް ދިއުމުގެ ވިސްނުމެއްނެތް ހޫރައިން އައީ އެއްވަނަ ފަންގިފިލާއަށެވެ. އެތަނުގައި ހުންނައިރު އިސްޓޭޖުގައި ކުރިއަށްދާ ހަރަކާތްތައް ފެންނާނެތީއެވެ.
"އަޅެފަހެ އަހަރެން ފެންނަނީ ފުރޭތައެއްގެ ސިފައިގަތަ؟." ހޫރައިން ނުކުމެގެން ދިޔަލެއް އަވަސްކަމުން ޒެހެންއަށް ހިތާހިތުން ބުނެލެވުނެވެ.
ގެއަށް ދާން ނުކުންނަންދެން ހޫރައިންއަށް ފެންނަ ހިސާބުގައި ޒެހެން އުޅޭތީ ފެނުނެވެ. އެކުވެރީންގެ ކިބައިން ފުރުސަތު ހޯދައިގެން އޭނާ ހޫރައިންގެ ކައިރިއަށް ވެސް އައީއެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީވޭތޯ ހޫރައިން ބެލިއެވެ. އެހެން ދުވަސްދުވަހު ދުރުދުރުން ފެނިލީ ނަމަވެސް މިއަދު ޒެހެންގެ ހަރަކާތްތައް ތަފާތުކަން ހޫރައިންއަށް ފާހަގަވިއެވެ.
ގޭޓުން މަގުމައްޗަށް ނުކުމެވުމުން ހޫރައިން ފުންނޭވާއެއް ލިއެވެ. ހަމަޖެހިލެވުނުކަމުގެ ނޭވާއެކެވެ. ދަރިފުޅާއި އޭނާއާ އެކަނިވުމުން ލިބުނު ހިތްހަމަޖެހުމެވެ. ދެމައިން އެކުގައި މަގު ހުރަސްކޮށް އަނެއްފަރާތުން ދުވާރު މައްޗަށް އެރިއެވެ. އާދައިގެ މަތިން ހިނގުން ބާރުވީ ދެނެވެ. ޔޫކް ވާހަކަ ނުދެއްކިޔަސް ދޭތެރެއަކުން ހޫރައިން ދަރިފުޅަށް އެއްޗެއް ބުނެލައެވެ.
"ޕާކަށް ވަންނާނަންތަ؟." ގެއަށް އައި މަގުމަތީ ކުޑަކުދީންގެ ޕާކެއް ފެނުމުން ހޫރައިން ފިޔަވަޅު މަޑުޖައްސާލިއެވެ.
"ގެއަށް ދާނީ." ޔޫކް ބުނެލިއެވެ. ހޫރައިން ހައިރާނެއް ނުވިއެވެ. ހިނގައިގަންނަން އުޅެފައި ވެސް ހޫރައިންއަށް ހުއްޓި ހުރެވުނީ ފެނުނު މޫނެއްގެ ސަބަބުންނެވެ.
"އަޒްހަދު..." މަޑު އާހެއް ފަދައިން ހޫރައިނަށް އެ ނަން ކިޔާލެވުނެވެ. އަންހެން ދަރިފުޅު ގޮވައިގެން ސައިކަލުން ފޭބި ޒުވާނާ ފެނި ހޫރައިނަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ.
"މަންމީ..." ހޫރައިން ހުއްޓިފައި ހުރުމުން އޭނާގެ އަތަށް ޔޫކް ދަމާލިއެވެ. ހޫރައިންގެ ނަޒަރު ދަރިފުޅަށް ހުއްޓުނެވެ. އެ ދެ ލޮލުން މައިންވަންތަކަމުގެ އިންތިހާ ފާޅުވެގެންދިޔައެވެ. ލޯތްބާއެކު ޔޫކްގެ ބޮލުގައި ހޫރައިން ފިރުމާލިއެވެ. ކުއްލިއަކަށް ބޮޑު ބަދަލެއް ހޫރައިންއަށް އަތުވެއްޖެއެވެ.
"މަންމީގެ އެންމެ ލޯބިވާ ޔޫކް." އެތައް އަސަރެއް ހޫރައިންގެ އަޑުގައި އެކުލެވިފައި ވިއެވެ. ދަރިފުޅުގެ އަތުގައި ހިފައިލައިގެން ހުރެ އޭނާ ހިނގައިގަތީ ދެނެވެ. އެތައް ހަނދާންތަކެއް ސިކުނޑީގައި އާވެއާލާވަމުން އޭރު ދިޔައެވެ. (ނުނިމޭ)